ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 195 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުގައި އޭޑީއެފްގެ ގޮތުގައި ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ދައުލަތަށް 192,774,709 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިދިޔަ މާޗް މަހު އެކަނި 67 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އޭޑީއެފްއަކީ ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުތަކަށް ނަގާ ލޯނު އަނބުރާ ދައްކަން އުފެއްދި ސޮވަރިން ޑިވްލޮޕްމަންޓް ފަންޑަށް ޖަމާ ކުރާ ފައިސާ އެވެ. މި ފީގައި ނަގަނީ ބޭރު މީހުންގެ އަތުން 25 ޑޮލަރު، ދިވެހިންގެ އަތުން 12 ޑޮލަރެވެ. އޭޑީއެފް ނަގަން ފެށީ 2017 ވަނަ އަހަރުގެ މެއި މަހު އެވެ.
މި ފީ އިން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އޭރު ލަފާކޮށްފައިވެ އެވެ. ނަމަވެސް ކުރިން ބޭރަށް ފުރާ ބޭރު މީހުންނާއި ދިވެހިންގެ އަތުން 25 ޑޮލަރު ނަގަން އޮތް ނަމަވެސް ދިވެހިންގެ އަތުން ނަގާ ފީ 12 ޑޮލަރަށް ކުޑަ ކުރުމުން އެ އަދަދު ވަނީ 329.9 މިލިއަން ރުފިޔާ ކުޑަވެފަ އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ ގިނަ ދާއިރާތަކަކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ.