ކުރިން ބަނޑިޔާ ޖަހާ އުޅުނު ތޮއްޑޫގެ ތާރަފެއް ބޭނުމެއް ނުވާނެ އެވެ. އެ ނަމުގެ ފަހަތަށް އަންނާނީ ބަނޑިޔާހާ ބޮޑެތި ކަރާގެ ނަމެވެ. ދެން އަބަދުވެސް އޮންނާނީ ތޮއްޑޫ ކަރާދަނޑުތައް ރޯދައަށް ފައްކާވެފައިވާ ވާހަކަ އެވެ. އަދި އަބަދުވެސް ދެކެވެނީ ތޮއްޑޫ ކަރާގެ ފޮނި ކަމުގެ ވާހަކަ އެވެ. ތޮއްޑޫގެ ބަނޑިޔާގެ މާޒީގެ ތެރެއަށް ދިޔައަސް ދަނޑުވެރިކަމުގައި ރާއްޖޭގެ އެންމެ އުހުގައި އޮތީ އަދިވެސް މި ބިން ބޮޑު ތޮއްޑޫ އެވެ.
މިހާރު މިރަށުގެ މަންޒަރަށް ވެސް ބަދަލެއް އައިސްފި އެވެ. ބަނޑިޔާ ޖެހުމުގައި ވަނަ ހޯދި ފަދައިން ދަނޑުވެރިކަމުގައި ތޮއްޑޫން ދަމަހައްޓަމުން އައި ޝަރަފުގެ އިތުރަށް އެހެން ނަމެއްވެސް ތޮއްޑޫން މިހާރު ހޯދައިފި އެވެ. ތޮއްޑޫ މިހާރު މިވަނީ ރަށު ޓުއަރިޒަމްގައި މި އއ، އަތޮޅުގެ މައި ހަބަކަށް ވެފަ އެވެ. އަތޮޅުގައި އެންމެ ގިނަ ޓޫރިސްޓް އެނދުގެ ރެކޯޑާއެކު މި ރަށް މިވަނީ "ތޮއްޑޫ ކަރާ ފޮނިކޮށް ފައްކާވާ ގޮތަށް" ރަށު ޓޫރިޒަމަށް ފައްކާވެފަ އެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ 29 ގެސްޓްހައުސް މި ރަށުގައި ހުރި އިރު، 200 އަށްވުރެ ގިނަ ޓޫރިސްޓް އެނދު އެބަހުއްޓެވެ. އެބަހުއްޓެވެ. އަދި ރެޖިސްޓާ ނުކުރެވޭ ހަތަރު ގެސްޓުހައުސްއަކާއެކު އެނދުގެ އަދަދު އެއައްވުރެވެސް މައްޗަށް އަރައިގެން ދެ އެވެ.
މި ރަށުގެ ގެސްޓްހައުސްތަކުގެ ވެރިންނާއި ބައްދަލު ކުރައްވަން މިރަށަށް ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ބުރާސްފަތީގައި ވަޑައިގެންނެވި އެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ރަށު ޓުއަރިޒަމަށް މިރަށުގައި ގޮންޖެހުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލު ކުރަން މަސައްކަތް ކުރައްވަން ނިންމެވި އެވެ.
މިރަށުގައި އެންމެ ފުރަތަމައަށް ރަށު ޓޫރިޒަމްގެ ވިޔަފާރި ފެށީ ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމެވެ. އޭނާ ވިދާޅުވާ ގޮތުންނަމަ އަދިވެސް މި ރަށުގެ ހާލަތު އޮތީ އޯގަސްޓް 18، 2013 ގައި ފުރަތަމަ ގެސްޓްހައުސް ހުޅުވި ދުވަހު ވެސް ހާލަތު އޮތް ގޮތަށެވެ. އެއްވެސް ކަމަކަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ މި ރަށުގެ ގެސްޓްހައުސް ވިޔަފާރި އާއި ޖުމްލަކޮށް މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. މާލެއިން ނުވަތަ އެއާޕޯޓުން ފުރައިގެން މި ރަށަށް އަންނަ ފަތުރުވެރިން މަޑުކޮށްލާނެ ފެރީޓާމިނަލްއެެއް މި ރަށުގައި ނެތުމަކީވެސް އޮތް ގޮންޖެހުމެކެވެ.
"ފުރަތަމަ ކަމަކަށް ރަށަށް އައިސް ލަފާއިރުގައި، ބަނދަރުގައި ފެރީޓާމިނަލެއް ނުހުރޭ. އެހެންވީމަ ދޭހާ އަތްވަކާއި، ވެހޭހާ ވާރޭއެއްގައި ފުރަތަމަ ރިސީވްކުރާއިރު ވެސް މިދަނީ. އިރުވައި މޫސުމު ބަނދަރު ބޭނުން ނުކުރެވޭ ދުވަސްވަރުގައި އަނެއްފަޅި ބީޗަށް ލޯންޗު ކައިރި ކޮށްގެން މީހުން ބާލަނީ. އެހެންވީމަ ބަނދަރުގެ ދަތިކަން އެބައޮތް. ފެރީ ޓާމިނަލެއް ނެތުމާއި އެއްކޮށް،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން ބަނދަރު ހެދި އިރު ހަދާފައިވަނީ ލަފާފުރުމުގެ ދަތިތައް ހައްލު ކުރުމަށެވެ. އެ ކޮންސެޕްޓަށް ބަނދަރު ހަދާފައި އޮތަސް މިހާރު ޓުއަރިޒަމް ހަރަކާތް އޮތުމާއެކު ބަނދަަރަކުން އެކަނި ނުފުދެ އެވެ. ފެރީޓާމިނަލެއް ބޭނުންވެ އެވެ. މި ރަށުން ފުރާ މީހުންނާއި، މި ރަށަށް އަންނަ މީހުން މަޑުކޮށްލާނެ އިންތިޒާމެއް ބޭނުން ވެއެވެ.
މި ރަށުގެ ބަނދަރަކީ ވަރަށް ކުރިން ހަދާފައިވާ ބަނދަރެކެވެ. ބޭރު ތޮއްޓާއި އެތެރެ ތޮށިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފަ އެވެ.
މި ބޮޑު ރަށުގެ މަގުތައް ވަރަށް ސާފުކޮށް ބަލަހައްޓަ އެވެ. ނަމަވެސް ރަށުގެ ގިނަ މަގުތަކަކީ ވެހިކަލް ދުއްވުމުގެ ސަބަބުން ހަލާކުވެފައިވާ މަގުތަކެކެވެ. ވިއްސާރަ ވެއްޖެ ނަމަ ޗަކައިން ސަލާމަތްނުވާ އިރު، ވިއްސާރަ ނޫން ދުވަސްތަކުގައި ހިރަފުހުން ސަލާމަތެއް ނުވެއެވެ. ހިރަފުހުން ސަލާމަތްވުމަށްޓަކައި މަގުތަކަށް ފެން ޖެހުމަކީ ވެސް ބައެއް ފަރާތްތަކުން މި ރަށުގައި ކުރާ ކަމެކެވެ.
ކަރަމް ވިދާޅުވި ގޮތުގައި ވިއްސާރަ ވެއްޖެ ނަމަ ހުރިހާ މަގެއްގައިހެން ފެން ހެދި ވަރަށް ބޮޑަށް ޗަކަވާއިރުމ ފެނުގެ ހިދުމަތް ފެށި ނަމެވެސް ނަރުދަމާގެ ހިދުމަތް ނެތުމަކީވެސް ދިމާވެފައިވާ ގޮންޖެހުމެކެވެ. އަދި ކުނި މެނޭޖް ނުކުރެވުމަކީވެސް މިރަށުގެ ޓުއަރިޒަމަށް އޮތް ވަރަށް ބޮޑު މައްސަލައަކަށްވެފައި ވެއެވެ.
މި ރަށު ކައުންސިލްގެ ނައިބް ރައީސް ހަސަން އަބްދުﷲ ވިދާޅުވި ގޮތުގައި ސިޔާސީ އޮއިވަރުގައި ޖެހި ސަރުކާރުތަކުން ތޮއްޑޫއާމެދު އަޅައެއް ނުލަ އެވެ. ތަރައްގީގެ ބޮޑު މަޝްރޫއެއް ސަރުކާރުން އެރަށުގައި ހިންގާފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ނަރުދަމާގެ މަސައްކަތް މި އަހަރު ފެށުމަކީ ރައްޔިތުންގެ އުންމީދެވެ.
މިރަށުގެ ރަށުގެ ސިއްހީ ހާލަތަ އޮތީ ކަންބޮޑުވާނެ ދަރަޖައެއްގަ އެވެ. ސިއްޙީ މަރުކަަޒަކީ 24 ގަޑި އިރު ހިދުމަތްދޭން ހަމަޖައްސާފައިވާ މަރުކަޒެއް ނަަމަވެސް ހުރީ އެންމެ ޑޮކްޓަރެކެވެ. ބަލި މީހުން އެޑްމިޓް ކުރަން ހަތަރު އެނދު ހުރި އިރު، ހޫނު ގަދަ ދުވަސްތަކުގައި އެތަނުގައި މީހުނަށް ކެތެއް ނުކުރެވެ އެވެ. އެހެންވެ އެކަމަށް ހައްލު ހޯދަން ކައުންސިލުން ވަނީ އޭސީއެއް ވެސް ހަދިޔާކޮށްފަ އެވެ. އެއާ ކޯނެއް ލިބުނު ނަމަވެސް ވޯޑްތަކުގައި ހުރި އެނދުތައް ވަކި ކުރަން ދަމާލެވޭ ފަރުދާއެއްގެ ހިސާބުވެސް މަރުކަޒުގައި ނެތެވެ.
"24 ގަޑިއިރަށް ހިދުމަތްދޭ ގޮތަށް މި އިންނަނީ އެކަމަކު އެންމެ ޑޮކްޓަރެއް މި ހުންނަވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްވެސް ނުހުރޭ. އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްވެސް ނުހުރޭ. އެހެންވީމާ، ސިއްޙީ ހާލަތައް ބަލާއިރު އާބާދީއަށް ބަލާފައި ތޮއްޑޫގައި މި ހިރީ ވަަރަށް ކުޑަ ކުޑަ ސިއްޙީ މަރުކަޒެއް. ރަށުގެ އާބާދީއަށާއި، މި ރަށުގައި ދިރިއުޅޭ 400 އެއްހާ ބިދޭސީންނާއި، އަދި ޓުއަރިސްޓުންވެސް ބަލިވެގެން އެނދުމަތި ކުރަންވެސް އިނީ ޖުމްލަ ހަތަރު އެނދު" ހަސަން ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި ރަށުގެ ސިއްޙީ ނިޒާމު އޮތުމަކީ މި ރަށުގައި ފައްކާވެފައި އޮތް ރަށު ޓުއަރިޒަމަށް އޮތް ގޮންޖެހުމެވެ. ފަތުރުވެރިއަކަށް އެމަޖެންސީއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ކަންކުރާނެ ގޮތެއް ނެތެވެ. އަނެއްކޮޅުން ޑެންގީ ފަދަ ރޯގާ ހުމެއް ފެތުރިއްޖެ ހާލަތެއްގައިވެސް މި ރަށުން އެކަށީގެންވާ ފަރުވާއެއް ދެވޭނެ ގޮތެއް ނެތެވެ.
ގެސްޓްހައުސްވިޔަފާރި ބާރަށް މި ރަށުގައި ކުރިޔަށް ދަނީ އެވެ. އެކަމަކު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަން ބަލާނެ ބަޔަކު ނެތުމެވެ. އެ ކަމުގެ ޝަކުވާ ގެސްޓްހައުސްތަކުގެ ވެރިންނާއެކު ޓުއަރިޒަމް މިނިސްޓަރު އަލީވަހީދު ބޭއްވި ބައްދަލުވުމުގައި ވެސް ބޭރުވި އެވެ.
ތޮއްޑޫގެ ލޯކަލް ޓުއަރިޒަމް ކުރި އަރާފައިއޮތީ މި ރަށުގެ ރައްޔިތުންގެ މަސައްކަތުންނެވެ. މި ރަށަށް އެންމެ ގިނައިން ޒިޔާރަތް ކުރަނީ ރަޝިއާ މީހުނެވެ. މި ރަށުގެ ޓޫރިސްޓް ވިޔަފާރީގެ 80 ޕަސެންޓް ހިއްސާ ކުރަނީ ވެސްޓާން ޔޫރަޕް މީހުނެވެ. އޭޝިއާ މީހުން މިހާރު މަދުވި ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެ މާކެޓްވެސް މި ރަށަށް ލިބިގެންދާނެ އެވެ.