ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަން ސްކޫލްތަކާއި ބެލެނިވެރިން ތައްޔާރުވަމުން އަންނަ މި ދުވަސް ވަރު، ދިވެހި ބަހަށް ކުދިން ހިތް ޖެއްސުމުގެ ގޮތުން ކުރެވޭނެ މުހިއްމު އެއްކަމީ ދިވެހި ފޮތް ކިޔަން ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ. ފޮތަކީ ވަރަށް ހާއްސަ އެއްޗެއްކެވެ. ފޮތުގެ ދުނިޔެ އަދި މާ ހާއްސަވެފައި ބޮޑެވެ. ކުދިންނާއެކު އުފާވެރި ވަގުތެއް ހޭދަކުރަން ބޭނުން ނަމަ ވީހާވެސް ގިނަ ފޮތް ކިޔައިދޭންވީ އެވެ. ކުދިން ބޮޑުވެގެން އަންނަ އިރު ރީތި ދިވެހި ބަހަށް އިސްކަން ދިނުމަށާއި ކުށެއް ނެތް ސާފު ދިވެހި ބަހުން ވާހަކަ ދައްކައި ލިޔުމަށް ވުރެ އުފާވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟ މިއީ ދިވެހިވަންތަކަމާއި ގައުމިއްޔަތާއި ގުޅިފައިވާ ކަމެކެވެ.
މިހާރުގެ ކުދިން ގަޔާވާ ގޮތަށް އެ ކުދިންގެ ހިޔާލާއި ވިސްނުމާއި ގުޅޭގޮތަށް ލިޔެ އިލަސްޓްރޭޓްކޮށްފައިވާ ފޮތްތައް ލިބުން މަދެވެ. އެއީ އެންމެން އެއްބަސްވާނެ ކަމެވެ. ފާތުމަތު ލީނާ އަލީއަށް އަލަތު ދަރިފުޅު ލިބިގެން ފޮތް ކިޔައި ދޭން ބެލި އިރު ދިވެހި ފޮތްތައް ވަރަށް މަދުކަން އޭނާއަށް އެނގުނެވެ. އެންމެ ފަހުން ނިންމީ އަމިއްލަ އަށް ފޮތްތަކެއް ލިޔެ ގައުމީ ހަރުގަނޑަށް ލައިދޭށެވެ.
މިއާއެކު އިންސްޓަގްރާމްގައި "ޑިންޑިންކޮއެލް" ނަމުގައި އަމިއްލަ އިލަސްޓްރޭޝަން ތަކަކާއެކު ފޮތްތަކާއި ކުދިންނަށް ދިވެހި ބަހާއި އަކުރު ދަސްކޮށްދޭން ހާއްސަ އެޑިއުކޭޝަނަލް މެޓީރިއަލްތަކެއް ލީނާ ނެރެން ފެށީއެވެ.
ލީނާގެ ފުރަތަމަ ދަރިފުޅު ތުއްތުއިރު ގޭ ކައިރިއަށް ހެނދުނު މައިރާ ކޮވެއްޔެއް އައިސް ގޮވާލާ އެވެ. އެ ވާހަކަ ލީނާ ކިޔައިދެ އެވެ: "އެ ކޮވެލީގެ އަޑަކީ ކޮންމެ ދުވަހަކު ވެސް ވަރަށް އިންތިޒާރު ކުރެވޭ ގަޑިއަކަށްވެފައި އޮތީ. ދަރިފުޅުގެ ފުރަތަމަ ހިނިތިންވުންތަކާއި ވެސް އެ އަޑު ގުޅިފައި އޮތީ. ދެން މިކަހަލަ ކަމެއް ކުރަން ނިންމިއިރު ބްރޭންޑް ނަމަކަށް ވިސްނިއިރު އެންމެ ފުރަތަމަ ހަނދާނަށް އައި އެ ކޮވެލި. ދެން ޑިންޑިންކޮއެލް ކީ!"
ދަރިފުޅަށް ދިވެހި ފޮތްތައް ކިޔައި ދިނުމަށް އިސްކަން ދޭ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ލީނާ ބުނި ގޮތުގައި އެއީ ކުއްޖެއް ހަޔާތުގައި ވަރަށް މުހިއްމު އެއް ބައެވެ. އަދި ހަޔާތުގައި ދަރިފުޅުގެ މާމާއާއި ކާފައާއި ވަރަށް ބޮޑު ގުޅުމެއް ބާއްވަން ރީތި ދިވެހި ބަހުން ވާހަކަ ދައްކަން އެނގުން މުހިންމެވެ.
"ދަރިފުޅަށް މާމާ އާއި ކާފާއާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގެންޖެހޭ. އަދި ކޮންމެ ވާހަކައެއްވެސް ބުނެވެން ޖެހޭ، އެހެން ބަލާއިރު އެކަމަށް ފޮތް ކިޔައިދީ ޝައުގުވެރި ކުރުވަން މި ޒަމާނުގެ ކުދިންނާއި ގުޅޭ ނުވަތަ ކުދީން ކްލިކް ވާކަހަލަ ފޮތްތަކެއް ނެތް،"
ލީނާ 2015 ވަނަ އަހަރު އޭނާގެ ޑިންޑިންކޮއެލްގެ ފުރަތަމަ ޗާޕާއިއެކު މިހާރު ބާޒާރުގައި ފޮތާއި، ހށ ކާޑު ސެޓާއި ފާރުގައި ހިއްޕާ ޗާޓާއި، ސުފުރާގައި ބޭނުންކުރާ ތާނާ ލިޔަން ފަރިތަކުރާ ޓޭބަލް މެޓް، "ލިޔެލާފޮހެލާ" ވަނީ ބާޒަރަށް ނެރެފައެވެ.
މީގެ އިތުރުން އަމިއްލަ އަށް "ކުޑަކުޑަ ތަރީ" ގެ ނަމުގައި ފޮތެއް ލިޔެ އިލަސްޓްރޭޓްކޮށްގެން ނެރެފައި ވެއެވެ.
"ޑިންޑިންކޮއެލްގެ އެންމެ ފުރަތަމަ ޕަބްލިޝް ކުރި ފޮތަކީ 'ނާނާ' ދަރިފުޅަށް ނާސަރީ ރައިމްސް ކިޔައިދިނުމުގެ ޝައުގުވެރިކަން ހުންނާތީ ދިވެހިން މިކަހަލަ އެއްޗަކަށް އަހަރުމެން ކުޑަ އިރު އަޑުއިވޭ 'ވާރެޔޯބޯޓޯ' އާއި 'ބައޮކަލޯނާދޭ' ފަދަ ބަނދިތަ ހިމަނާލައި މި ޒަމާނުގެ ކުދިންނާއި ގުޅޭ ގޮތަށް އިލަސްޓްރޭޓްކޮށްފައި ނެރުނީ. އަހަންނަކީ އަސްލު ކުރާ މީހެއް. ދެން ފޮތްތައް މަދުވީމާ މި މަސައްކަތް ލިޔުމާއެކު ކުރިއަށްގެންދަން ގަސްދުކުރީ. ޑިންޑިންކޮއެލްގެ 'ނާނާ' އަކީ އެންމެ ހިނގާ ފޮތް. އަކަމަކު 'ކުޑަކުޑަ ތަރި' އެއީ އެންމެ ބޮޑު ޕަބްލިސިޓީއެއް ލިބުނު ފޮތް. މިހާރު ދެވަނަ ޕްރިންޓެއްވެސް ޗާޕުކުރަން ދީފައިވަނީ،" ލީނާ ބުންޏެވެ.
މި ބްރޭންޑްގެ ދަށުން އެންމެ ފަހުން ނެރެފައިވަނީ "ކިޔަމުން ކިޔަމުން ފަރިތަ" ފޮތް ސީރީޒެވެ. މި ސީރީޒްގެ ހ، ށ ބާޒަރަށް ނެރެފައިވާ އިރު މި ފޮތަކީ ބޮޑަށް ސްކޫލްތަކަށް އަމާޒު ކޮށްގެން ފަރިތަކޮށް ދިވެހި ކިއަން ހަދާފައިވާ ފޮތްތަކެވެ.
ބްލެކް އެންޑް ވައިޓް ޕްރިންޓެއް، ކުދިންނަށް ކުލަޖައްސާލެވޭ ގޮތަށް އެކުލަވާލާފައިވާ މި ސީރީސް އާއި ގުޅޭގޮތުން ދިވެހިބަހުގެ އެކަޑެމީގެ އިސް ވެރިޔަކު ވިދާޅުވެފައި ވަނީ "އެއީ ތުއްތު ކުދީން އުފަލާއި މަޖަލުގައި ދިވެހިބަސް ދަސްކުރާން ތައްޔާރު ކުރައްވާފައިވާ ވަރަށް ބޭނުންތެރި ފޮތްބައެ"ކޭ އެވެ. އަދި "ޝައުގުވެރިކަމާއި އެކު ދިވެހިބަސް ކޮށާރަށް ދަރިވަރުން އަހުލުވެރި ވާނެ ފޮތްބައެ"ކޭ އެވެ.
ޑިންޑިންކޮއެލްގެ މި މަސައްކަތަށް 2017 ވަނަ އަހަރުގެ ހީވާގި ކަނބަލުން އެކްސްޕޯގައި ލީނާ އަށް ވަނީ ދެ އެވޯޑެއް ލިބިފައެވެ. "ނާނާ" މުޅި މުބާރާތުން ތިން ވަނަ ލިބިފައިވާ އިރު ކުޑކުދިންނަށް އުގެނުމަށް އެހީތެރިވާ "ލިޔެލާ ފޮހެލާ" އަށް މުޅި މުބާރާތުން ދެ ވަނައެވެ.
"ލިޔެލޭފޮހެލާ" މިއީ ވަރަށް ހާއްސަ ޕްރޮޑަކްޓެކެވެ. މި ފޮތުގެ ސޭލްސްގެ 15 ޕަސެންޓް ކޮންމެ އަހަރަކު ދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އީދު ހަދިޔާ ގަތުމަށެވެ،
ގޭތެރޭގައި ކުދިން ގޮވައިގެން ލީނާއަށް މި މަސައްކަތް ފަސޭހަ އެވެ. އޭނާގެ މަސައްކަތުގައި ކުދިން ބައިވެރި ކުރެވެއެވެ. އެކުގައި ފޮތް ކިޔާލައި ކުލަ ޖައްސާލައި ކުރަހާލެވެ އެވެ. ކުއްޖާއާއެކު ރަނގަޅުގޮތުގައި ވަގުތު ހޭދަކުރެވެ އެވެ.
"ދަރިފުޅާއެކު ފޮތް ކިޔާ ވަގުތުގައި މައިމީހާ އާއި ދަރިފުޅުގެ ގުޅުން ވަރުގަ ދަވޭ. ދަރިފުޅު ބަސްކޮށާރު މުއްސަންދިވާތަން ފެނޭ. އަމިއްލައަށް އިމްޕްރޫވް ވާވަރު ފެނޭ. އަދި ދަރިފުޅު އަމިއްލައަށް ޖުމްލައެއް ކިޔާލުމާއި ބައެއް ފޮތްތައް ރިޕީޓްކޮށް ކިޔަން ބޭނުންވަނީ ކީއްވެކަން ދެނެގަނެވޭ" ލީނާ ބުންޏެވެ.