ހަބަރު

ތުހުމަތުތައް ދޮގުކޮށް، އާލިފްގެ ރައްދު!

Apr 13, 2019
9

އެންޓި ބުލީ އެމްބެސެޑާ ކަމަށް އައްޔަންކުރި އާލިފް ނަސީރަށް ސޯޝަލް މީޑިއާގައި އަމާޒުވި ތުހުމަތުތައް ދޮގުކޮށް، އޭނާއަށް ފާޑުކިޔަމުންދާ މީހުންނަށް ރައްދު ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންޓި ބުލީން ކެމްޕެއިންގެ އެންބެސެޑާގެ މަގާމަށް އާލިފް އައްޔަން ކުރުމާއެކު އޭނާއަށް ތަފާތު އެކިއެކި ތުހުމަތުތައް ސޯޝަލް މީޑިއާގައި ވަނީ ކުރިމަތިކޮށްފައެވެ. މީގެ ތެރެއިން، މީހުންނަށް ބިރު ދެއްކުމާއި، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފަދަ ތަކެއްޗާބެހޭ ތުހުމަތުތަކާއި، މިނޫންވެސް ޖިނާއީ އަދި ޖިނާއީ ނޫން ކަންކަންވެސް ހިމެނެއެވެ.

އެއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ އެ ތުހުމަތުތަކާ ގުޅިގެން އާލިފް އެ މަގާމުން ދުރުކުރަން ނިންމަވާފަ އެވެ. ނަމަވެސް އޭގެ ކުރިން އާލިފް އެ މަގާމުން އާލިފް އިސްތިއުފާ ދިނެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އެފަދަ އެއްވެސް ކަމެއް ކޮށްފައި، ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެފައިވާ މީހެއް ނޫން، އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވި ބަލަމުންދާ އެއްވެސް މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްގައި ނުވަތަ އެނޫން ވެސް ތަހުގީގީ އިދާރާއެއްގައި ނޯންނާނެ، އަޅުގަނޑުގެ ތައުލީމީ ހަޔާތުގައިވެސް އަދި އޭގެ ފަހުންވެސް، މިހާތަނަށް ދުވަހަކުވެސް، ސުލޫކީ އެއްވެސް މައްސަލައެއްގައި އަޅުގަނޑާމެދު ފިޔަވަޅެއް އަޅާފައެއްވެސް ނޯންނާނެ، ވީމާ، އަޅުގަނޑުގެ މައްޗަށް ތުހުމަތުތަކެއް ކުރިމަތިކޮށްގެން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" އާލިފް ނެރުނު ބަޔާނުގައި ބުންޏެވެ.

"އަޅުގަނޑަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެންޓި ބުލީން އެމްބެސެޑާ ކަމަށް ހަމަޖެއްސިއިރު ހެއްދެވި ބެކްގްރައުންޑް ޗެކުގައިވެސް، އެފަދަ ކަމެއް ފެނިފައިނެތް، ހަމަ ހަގީގަތުގައި ވެސް އެފަދަ ތުހުމަތެއްހާ ހިސާބު ވެސް އަޅުގަނޑުގެ މައްޗަށް ނެތީމެ،"

އާލިފް އިތުރަށް ބުނީ އޭނާ އެދެނީ، އޭނާއާމެދު އެއްވެސް ޝަކުވާއެއް އޮތް މީހަކުނަމަ، އެމީހާއާއި އޭނާއާ ދެމީހުންގެ މަސްލަހަތުތައް ވެސް އެންމެ ރަނގަޅު ގޮތުގައި ރައްކާތެރިވެވޭނޭ ގޮތަކަށް، އެ މައްސަލައެއް ދައުލަތުގެ ކަމާބެހޭ
މުއައްސަސާއަކަށް ހުށަހެޅައިގެން ކުރިއަށް ގެންދިޔުމަށެވެ.

އެންޓި ބުލީ އެމްބެސަޑަރުކަމުން އިސްތިއުފާ ދިނީ، އޭނާއާމެދު ސޯޝަލް މީޑިއާގައި ކުރިމަތިކޮށްފައިވާ ތުހުމަތުތަކުން ބަރީއަވުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ކަމަށާއި އޭނާއަށް މީހުން ބުލީ ކުރުމުން، އެކަމުގެ އަސަރު އެންޓި ބުލީން ކެމްޕެއިންނަށް ފޯރުވިޔަނުދިނުމަށްޓަކައި ކަމަށް ވެސް އާލިފް ބުންޏެވެ. އެންޓި ބުލީން ކެމްޕެއިނެއްގެ މުހިންމުކަން އޭނާއަށް އަބަދުވެސް އިހްސާސްވާ ކަމަށާއި އަދި މިހާރު މާބޮޑަށް އެކަން އިހްސާސް ކުރެވޭ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑާ ގުޅިފައި އޮތް ބްރޭންޑުތަކާ ގުޅިފައި އޮތީ ވެސް އަޅުގަނޑު ކުރާ މަސައްކަތުގެ ސަބަބުން، އަޅުގަނޑުގެ ތިމާގެ މީހެއްގެ ނުވަތަ އެނޫން ވެސް މީހެއްގެ ފަރާތަކުން ނޫން، ވީމާ، އަޅުގަނޑުގެ މަސައްކަތް ބަލައިގަނެ، އަޅުގަނޑާއެކު މަސައްކަތްކުރަން ތިބި ބްރޭންޑުތަކާއެކު އަޅުގަނޑު މިހާރުވެސް މިދަނީ މަސައްކަތް ކުރަމުން، އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި، ތަފާތު އިތުރު ޝޯތަކާއެކު ބެލުންތެރިންނާ ބައްދަލުކުރާނަން،" ޔޫޓިއުބް ވީޑިއޯތަކުން މަޝްހޫރުކަން ހޯދި އާލިފް ބުންޏެވެ.

އާލިފް ބުނީ އެންޓި ބުލީންނާއި އަސްލެއް ނެތް ތުހުމަތު މީހުންގެ މައްޗަށް ކުރިމަތިކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަށް، އެޑިއުކޭޝަން މިނިސްޓްރީން ފަހިކޮށްދިން ފުރުސަތު މިވަގުތު ނެތް ނަމަވެސް، އެ މަސައްކަތް އޭނާ ހުއްޓާލުމެއް ނެތި ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.