ރ. އިންނަމާދޫއިން އިއްޔެ ހަވީރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓް ދެވޭނެ ވަކި ވަގުތެއް ނޭނގޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އިންނަމާދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން އަރީފް ވިދާޅުވީ، އިއްޔެ ހަވީރު 5:30 އެހާއިރު މުޅި ރަށުން ކަރަންޓް ކެނޑުނު ގޮތަށް ރަށަށް ކަރަންޓް ލިބިފައިނުވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކަރަންޓްގެ މައްސަލަ އެރަށަށް ދިމާވާތާ ހަތަރު ވަރަކަށް މަސް ވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުން ފެށިގެން ކަރަންޓްގެ މައްސަލަ އިތުރަށް ބޮޑުވެފައިވާ ކަމަށެވެ.
ކަރަންޓްގެ މައްސަލަ ރަނގަޅު ކުރުމަށް ފެނަކައިން ރޭ ދަންވަރު ވަނީ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް އެރަށަށް ފޮނުވާފަ
އެވެ.
ހުސެއިން އަރީފް ވިދާޅުވީ، ފެނަކައިން ފޮނުވާ ޖަނަރޭޓަރު މިއަދު މެންދުރުފަހު 2:00 އެހާއިރު ރަށަށް ގެނެވޭނެ ކަމަށެވެ. ނަމަވެސް އިންސްޓޯލްކޮށް ރަށަށް ކަރަންޓް ދެވޭނެ ވަކި ވަގުތެއް ދަންނަވަން އުނދަގޫ ކަމަށް ފެނަކައާ ހަވާލާދީ އޭނާ
ވިދާޅުވި އެވެ.