ނޭޕ؛ާގް އުންމީދީ ފޯވަޑް ބިމާލް ގުރަހަތީ މަގަރު، ރާއްޖޭގެ ލީގް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާ ގުޅެން ހަމަޖެހިފައިވާ ކަމަށް ޓީސީން ބުނެފި އެވެ.
ޓީޓީސީގެ އޮފިޝަލަކު ބުނީ، އާ ސީޒަނަށް ތައްޔާރު ވުމަށް ޓީސީން ޕްރެކްޓިސް ފަށާއިރު ބިމާލް އެ ޓީމާ ގުޅެނެ ކަމަށެވެ. ނޭޕާލްގައި 2013 ވަނަ އަހަރު ބޭއްވި، ސާފް ޗެމްޕިއަންޝިޕްގައި އޭނާ ދެއްކި ކުޅުމާއެކު ސަރަހައްދީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ލަފާ ކޮށްފައި ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގައި ފާހަގަ ކުރެވެ ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ޔޫރަޕްގައިވެސް ފުޓްބޯޅައިގެ ތަޖުރިބާތަކެއް ހޯދާފަ އެވެ. އިންޑިއާގެ ޒަމާންވީ ކުލަބު މޯހަން ބަގާންއަށްވެސް އޭނާ ކުޅުނެވެ.
ނޭޕާލްގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން، މި ސީޒަންގައި ޓީސީގައި ކުޅޭނެ އެވެ. އެއީ ބިމާލްގެ އިތުރުން މިދިޔަ ދެ ސީޒަންގައިވެސް ޓީސީއަށް ކުޅުނު ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރު ޝިމޮޝޮންގް އެވެ. އޭނާ ވަނީ މި އަހަރުވެސް ޓީސީއަށް ކުޅެން ސޮއި ކޮށްފަ އެވެ. މި ސީޒަން ވާނީ، ރާއްޖޭގައި ކިރަންގެ އެންމެ ފަހު ސީޒަނަށެވެ. އަންނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް އެފްއޭއެމުން ވަނީި ހަމަޖައްސާފަ އެވެ.
މީގެ ކުރިން، ރާއްޖޭގެ ކުލަބަކަށް ކުޅުނު ނޭޕާލްގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ އޯލް ޔޫތު ލިންކޭޖަށް ކުޅުނު ނޭޕާލްގެ ޖުމާނޫ ރާއީ އެވެ. އޭނާ ވަނީ 2009 ވަނަ އަހަރުގެ ސީޒަންގައި އެ ޓީމަށް ކުޅެފަ އެވެ.
އާ ސީޒަނަށް ތައްޔާރުވާއިރު، ޓީސީއަށް ކުޅުނު އެންމެ މުހިންމު ތިން ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. އެއީ ޓީސީ އެޓޭކުތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ، އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އާއި އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' ގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފު ބެންޖޯ އެވެ. އެ ތިން ކުޅުންތެރިންވެސް ވަނީ މާޒިޔާއަށް ބަދަލު ވެފަ އެވެ.
ޓީސީއަށް އަލަށް ގުޅުނު ދިވެހި ކުޅުންތެރިންނަކީ، ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މާޒިޔާއަށް މިދިޔަ ތިން ސީޒަންގައި ކުޅުނު އިސްމާއީލް އީސާ 'މެސީ' އެވެ.
ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ އެ ޓީމަށް ދިވެހި ލީގް ހޯދައިން ކޯޗް މުހައްމަދު ނިޒާމް ވަނީ އެ ޓީމު ދޫކޮށްލާފަ އެވެ. މި ސީޒަންގައި އެ ޓީމުގެ ކޯޗް ކަން ކުރާނީ، ޔުނައިޓަޑް ވިކްޓަރީއަށް ކުރިން ކާމިޔާބު ހޯދައިން، ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗް މުހައްމަދު އާތިފް އެވެ.
އާ ސީޒަން ފަށާނީ ކޮން އިަރަކު ކަމެއް އެފްއޭއެމުން މިހާތަނަށް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ. ބައެއް މީޑިއާ ތަކުގައި އެފްއޭއެމުން ބުނެފައި ވަނީ ސީޒަން ފަށާނީ ޖޫން ގައި ކަމަށެވެ.