ދުނިޔެ

ދުނިޔޭގެ ކޯޓާ ރައީސް ބަޝީރު ހަވާލެއް ނުކުރާނެ: މިލިޓަރީ

ސުދާން ގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް އުމަރު ހަސަން އަލްބަޝީރު މަގާމުން ދުރުކުރީ އޭނަައާމެދު ގާނޫނީ ފިޔަވަޅު އަޅަން ކަމަށާއި އޭނަ އެ ގައުމުން ބޭރުކޮށް އެއް ފަރާތަކާ ހަވާލު ނުކުރާނެ ކަމަށް މިހާރު އެ ގައުމުގައި ބާރު ހިންގަމުންދާ އެ ގައުމުގެ ސިފައިން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލްގެ ލެފްޓެނަންޓް ޖެނެރަލް އޮމަރު ޒެއިން ވިދާޅުވީ ވެރިކަމުން ދުރުކޮށްފައިވާ ރައީސް އަލްބަޝީރާމެދު އެ ފަރާތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެ ގައުމު ހަރުދަނާ ޑިމޮކްރެސީއަކާއި ހަމައަށް ވާސިލް ކޮށްދިނުމަށްޓަކައި މަގު ތަނަވަސްް ކުރާނެ ކަމަށެވެ.

ސުދާން ގެ އަސްކަރިއްޔާއިން 2003 އަދި 2008 ދޭތެރޭ ދަރްފުރު ގައި ހިންގާފައިވާ ހަރަކާތްތަކާއި ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ރައީސް އަލް ބަޝީރުގެ މައްޗަށް ވަނީ އިންސާނިއްޔަތާ ހިލާފުވި ފަސް ދައުވާއެއްގެ އިތުރުން ހަންގުރާމަ މަތީ ޖަރީމާތަކުގެ ދެ ދައުވާ އުފުލާފަ އެެވެ.

އައިސީސީ ން ވަނީ ރައީސް އަލް ބަޝީރު ހައްޔަރު ކުރަން 2009 އަދި 2010 ގައި އަމުރެއް ވެސް ނެރެފަ އެވެ.

ސުދާން ގެ މިލިޓަރީއން މިކަން އިއުލާން ކުރުމާއި ގުޅިގެން އެ ގައުމުން އައިސީސީއަށް އެއްބާރުލުން ދިނުމަށްް އދ. އިން ވަނީ ގޮވާލާފަ އެވެ.