ސުދާންގައި މުޒާހަރާ ކުރާ މީހުންގެ ކޭމްޕްތަކަށް އެ ގައުމުގެ ސިފައިން ދިން ހަމަލާތަކެއްގައި 100 މީހުން މަރުވެއްޖެ އެވެ.
ހޯމަ ދުވަހު ސުލްހަވެރި މުޒާހަރާއެއް ކުރަން ތިބި މީހުނަށް ސިފައިން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަަރުވެފައިވާއިރު ކުރީގެ ރައީސް އުމަރު އަލްބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު ބާރުތައް ނަގާފައިވާ ސުދާން މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި އިތުރަށް މަޝްވަރާ ކުރަން ސުދާންގެ މުޒާހަރާ ލީޑަރުން ވަނީ ދެކޮޅު ހަދާފަ އެވެ.
ސުދާންގެ ޑެކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖް (ޑީއެފްސީއެފް)ގެ ވެރިޔާ މެދާނީ އައްބާސް މެދާނީ އިތުރު މަޝްވަރާއެއް ކުރުމަށް ޖާގައެއް ނެތް ކަމަށް ވިދާޅުވެފަވާއިރު ހޯމަ ދުވަހުގެ އަނިޔާވެރި ހަމަލައާ ގުޅިގެން ސުދާންގެ އަސްކަރީ ލީޑަރުންނަށް މުޅި ދުނިޔޭގެ ފާޑުކިއުންތައް ދަނީ ރައްދުވަމުން ނެވެ.
"މި މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގޮސްގެން ޚަރްތޫމް އަދި މި ގައުމު ހިފައިގެން ތިބި މިލިޓަރީ ކައުންސިލް އެއްކޮށް ނައްތާލައިގެން މެނުވީ މި ގައުމަށް ކުރިމަތިވެފައި މިވާ ނުރައްކާތެރިކަން ނައްތައެއް ނުލެވޭނެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ ވެސް އެއީ" މެދާނީގެ ފޭސްބުކް ޕޯސްޓެއްގައި ވެއެވެ.
ކުރީގެ ރައީސް އުމަރު އަލްބަޝީރުގެ ސަރުކާރާއި އިދިކޮޅަށް އެންމެ ފުރަތަމަ އެ ގައުމުން ނުކުމެފައިވާ ސުދަނީޒް ޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އިން މުޒާހަރާ ކުރާ ފަރާތްތަކަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށާއި ހަޅުތާލުކުރުން ހުއްޓާ ނުލުމަށް ގޮވާލަމުން ދާއިރު "ބަޣާވާތް ކައުންސިލް" ވައްޓާލުމަށް ވެސް ދަނީ ގޮވާލަމުން ނެވެ.
އެސްޕީއޭ އިން ދުނިޔޭގެ ހުރިހާ އެހެން ގައުމުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން މިލިޓަރީ ކައުންސިލާއި މުއާމަލާތްކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ. އަދި ސުދާންގެ ހުރިހާ ސިޓީތަކާއި އަވަށްތަކުގައި މިލިޓަރީ ކައުންސިލުން ހިންގަމުންދާ ޖަރީމާތައް ތަހުގީގުކޮށް އެކަންކަން ހުއްޓުވުމަށް ވެސް ދަނީ ގޮވާލަމުން ނެވެ.
ސުދާންގެ ސިއްހީ މަސައްކަތް ކުރާ ޖަމާއަތަކުން ބުނާގޮތުގައި އިށީނދެގެން މުޒާހަރާކުރަން ތިބި ބައެއްގެ ތެރެއަށް ސިފައިން ބަޑި ޖެހުމުގެ ސަބަބުން ގާތްގަނޑަކަށް 100 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ ބުދަ ދުވަހު ނައިލް ކޯރުގެ ތެރެއިން މަރާލާފައިވާ އެތައް ބައެއްގެ ހަށިތައް ނަގާފަވާއިރު މަރުވި މީހުންގެ އަދަދު ސިއްރު ކުރަން މަސައްކަތް ކޮށްފައި ހުރި ކަމުގެ ހެކި ފެންނަން ހުރިކަމަށް އެ ފަރާތުން ހާމަކުރެ އެވެ.
ނަމަވެސް ސުދާންގެ ހެލްތު މިނިސްޓްރީ އިން މަރުވި މީހުންގެ އަދަދު 46 އިން މަތި ނުވާނެކަމަށް ބުނާކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގިޓެރެޒް ސުދާންގައި އެގައުމުގެ ސިފައިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވާއިރު ދެ ފަރާތުން ވެސް ސުލްހަވެރި ނިންމުމަކަށް މަސައްކަތްކޮށް މަދަނީ ސަރުކާރަކަށް ތަންދިނުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިލިޓަރީ ކައުންސިލްއާާއި މުޒާހަރާ ލީޑަރުންގެ ދެމެދުގައި ސުލްހަވެރި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެފްރިކަން ޔޫނިއަން އިން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.