ދުނިޔެ

ސޫދާނަށް އދ. ގެ އަސްކަރިއްޔާ ބޭނުމެއް ނެއް: ސޫދާން

ސޫދާންގައި 2003 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އެގައުމަށް ދިޔަ އދ. ގެ އަސްކަރިއްޔާ ނުވަތަ ޕީސްކީޕާސް މިހާރު ގާއިމްވެތިބުމުގެ ބޭނުމެއް ނެތް ކަމަށް، ސޫދާން އިން އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު އޮމަރް މުހައްމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ސޫދާންގެ ދާރްފޫރްގައި އދ. އިން ވަނީ 5،600 ސިފައިން ގާއިމްވެ ތިބެ އެވެ. ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަަށް މި އަދަދު 4،050 ދަށްކުރަން އދ. އިން ވަނީ ނިންމާފަ އެވެ. ދެހާސް ތިން ވަނަ އަހަރު އދ. ގެ ސިފައިން ދާރްފޫރަށް ދިޔައީ ހަތިޔާރު އެޅި ޖަމާއަތަކުން އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ތެދުވުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ. އދ. ސިފައިންގެ ލަޝްކަރު ދަރްފޫރުގައި ގާއިމުވީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު އޮމަރް މުހައްމަދު ސިއްދީގު އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ވިދާޅުވެފައި ވަނީ، ދަރްފޫރްގެ ހާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އިތުރަށް އދ. ެ ސިފައިން ބޭއްތިބުމަށް ނުފެންނަ ކަމަށެވެ. މިކަމާ ގުޅޭގޮތުން ސެކިއުރެޓީ ކައުންސިލުން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

ސޫދާންގެ އާންމު ހާލަތު މިހާރު ރަނގަޅު ނަމަވެސް، އިންޓެލިޖެންސް ރިޕޯޓްތަކުގައިވާ ގޮތުން، ދަރްފޫރްގައި އުފެދުނު ހަތިޔާރު އެޅި ލަޝްކަރުގެ މެމްބަރުން އަދިވެސް މިނިވަންކަމާއެކު އެބަތިއްބެވެ. އެމީހުން ފިލާ ތިބީ އދ. ސިފައިން ދަރްފޫރް ދޫކޮށް ދާ ދުވަހަކަށް ބަލައިގެނެވެ. މި ރިޕޯޓްތަކާ ގުޅޭގޮތުން ސޫދާންގެ އެއްވެސް އިދާރާއަކުން ބަހެއް ބުނެފައެެއް ނުވެ އެވެ.

މިދިއަ ޖޫން މަހު އދ. ގެ އެފްރިކާގެ ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓެއްގައި، ބައްރުގެ ހަމަޖެހުމަށް އދ. ގެ ސިފައިން ދަރްފޫރްގައި ތިބުން މުހިންމު ކަމަށް ނިންމާފައި ވެއެވެ.