ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި އެވެ.
ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ހާއްސަ މަޝްރޫއުގެ ދަށުން، އެހީދެނީ ކޮންމެ އަހަރެއްގެ ވެސް ކުއާޓާ ތަކަށް ބަހާލައިގެންނެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު [ފުރަތަމަ ތިން މަހު] ގެ ސީއެސްއާރު ޕްރޮޕޯސަލްތައް ކާމިޔާބު ކުރި ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފަރާތަށް ވަނީ ކާމިޔާބުކުރި ކަމުގެ ރަމްޒީ ޓޮކެން މިއަދު ހަވާލުކޮށްފަ އެވެ. ފުރަތަމަ ހަވާލުކޮށްފައިވަނީ އދ. ދަގެތީގެ ޒުވާނަކު ހުށަހެޅި ޕްރޮމޯސަލަކަށެވެ. ދަގެތީގައި އިބްރާހިމް ފަރުޝާން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ރަށުގެ ހުރިހާ ގެއަކާއި ވިޔަފާރިތަކަށް ފޮތި ކޮތަޅު ފޯރުކޮށްދިނުމަށެވެ.
ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ދެން ހޮވުނު ހަތަރު ޕްރޮޕޯސަލްއަކީ؛
* ހާމިދު ރަޝީދު - ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ފާކެއް ހެދުން
* ނައިފަރު ޖުވެނައިލް –- ޅ.ނައިފަރު ބަނދަރު ސަރަހައްދުގައި އާންމުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން
* ޓީއެފްއެމް ސްޕޯޓްސް ކްލަބް - މ.ދިއްގަރު ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ސްކޫލްކުދިން ހިޔަލުގައި މަޑުކޮށްލެވޭނެ ސަރަހައްދެއް ގާއިމް ކުރުން
* ނާޝިދު އާދަމް ނަސީރު -– ދ. މާއެނބޫދޫ ސްކޫލްގައި ލައިބްރަރީ އެއް ހަދައި ދިނުން
ދަގެތީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ފުރަތަމަ ކުއާޓަރުގައި ގިނަ ޕްރޮޕޯސަލްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމަހު ތެރޭގައި މީގެ ދެވަނަ ކުއާޓަރަކަށް ޕްރޮސަލް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށެވެ.
"ހުރިހާ ޕްރޮޖެކްޓްތަކަކީ ވެސް ރައްޔިތުންނަށް ނޫނީ މުޖުތަމައަށް ފައިދާތަކެއްކ ކުރާނެ ޕްރޮޖެކްޓެއް،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ބީއެމްއެލް އިން ވަނީ 300 މިލިއަން ރުފިޔާ ކޮންމެ އަހަރުވެސް އިންވެސްޓް ކުރެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގުނު 110 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދޭނެ އެވެ. މުޖުތަމަ އަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް ހުށަހަޅާ ޕްރޮޕޯސަލްއަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ހިންގޭ ހަރަކާތްތަކަކަށް ވާންވާނެ އެވެ. މި އަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތެއް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.