ހަބަރު

ރޯދައަށް އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ އަލުވި ބިސް ވިއްކަން ފަށައިފި

ރޯދައާ ދިމާކޮށް އެސްޓީއޯއިން އަލުއްވާއި ފިޔާ އަދި ބިސް ރީޓޭލްކޮށާއި ހޯލްސޭލްކޮށް ވިއްކާނެ އަގުތައް އާންމުކޮށްފި އެވެ. މި އަހަރުގެ ރޯދަ މަސް ފަށާނީ މޭ މަހުގެ ހަވަނަ ދުވަހު އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މިއަދު ބުނި ގޮތުގައި، އެ ކުންފުނީގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް 7 ރ. އަށް ވިއްކާނެ އެވެ. އަލުވި ކިލޯއެއް 8.50 ރ. ވިއްކާނެ އިރު ބިހެއް 1.50 ރ. ވިއްކާނެ އެވެ.

ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 140 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއަށެވެ. ބިސް ކޭހެއް 270 ރުފިޔާ އަށެވެ.

މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހަށްވުރެ މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި މި ބާވަތްތައް އާންމުންނަށް ފަސޭހަ އިން ލިބޭނެ ގޮތަށް މިފަހަރު ވެސް އިންތިޒާމުކޮށްފައިވާ ކަމަށާއި މިއަދުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖުން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ފިޔާ އާއި އަލުއްވާއި ބިސް ލިބޭނެ އެވެ.

އަދި، އެސްޓީއޯ ޓްރޭޑް ސެންޓަރު ގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކުރާއިރު އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބޭނެ އެވެ.

އެސްޓީއޯ ސުޕަމާޓުން ރޯދައަށް ފިޔާ އާއި އަލުވި އަދި ބިސް ވިއްކަން ފަށާފައި ވާއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން މި ތަކެތި ވިއްކަން ފަށާނީ މި މަހުގެ 27 އިން ފެށިގެނެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، އެހެނިހެން އަހަރުތަކާ ހިލާފަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ފިޔަ އާއި އަލުވި އަދި ބިސް ގަތުމުގެ ކުރިން އިންތިޒާމެއް ވެސް މިފަހަރު ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.