ހަބަރު

އިންޑިޔާ ފަސްޓް ޕޮލިސީ އޮތަސް ޗައިނާއާ ގުޅުން ބާއްވާނަން: ނަޝީދު

ރާއްޖެ އިން އަމަލު ކުރާ "އިންޑިޔާ ފަސްޓް ޕޮލިސީ" އޮތް ކަމުގައިވީ ނަމަވެސް ޗައިނާއާއެކު ގުޅުން ބާއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސިޔާސަތުތަކަށާއި އެ ގައުމާއި ރާއްޖެ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު އިންޑިޔާގެ "ދަ ޕްރިންޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހުރިހާ ގޮތަކުން ފުރަތަމަ އިންޑިޔާ އިސް ކުރާ ސިޔާސަތެއް ރާއްޖެއިން ގެންގުޅުން ކަމުގައިވީ ނަމަވެސް ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އެފަދައިން ޗައިނާއާއެކުގައި ވެސް ގުޅުން ބާއްވާނެ ކަމަށެވެ.

"ދިވެހި ސަރުކާރުން ބޭނުންވޭ ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވަން، އޭގެ ތެރޭގައި ޗައިނާ ވެސް ހިމެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިޔާއާ ރާއްޖެ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. އަދި ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަވެ އެ ގައުމުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި ޗައިނާއައެކު ހަދާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދީފައި ހުރި ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަލުން ބަލަން ނިންމާފައިވާ ކަމަށެވެ. އެއީ އެ އެއްބަސްވުންތައް އެކުލަވާލުމުގައި ބޮޑެތި ހިޔާނާތްތައް ހުރެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ފުރަތަމަ ޗައިނާއަށް ދީފައިވާ މަޝްރޫއުތައް އަލުން ބެލުމަށް، އެ މަސައްކަތް ނިމުމުން ސާފު މަންޒަރެއް ފެންނާނެ،" ނަޝީދު ވިދާޅުވި އެވެ.