ހަބަރު

އަޅާނުކިޔާ ވެސް ތައުރީފު ކުރެވިދާނެ: ޗައިނާ ސަފީރު

ދެ ގައުމު އަޅާ ނުކިޔަސް ތައުރީފު ކުރެވިދާނެ ކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ރައީސް ނަޝީދާ ވެސް ބައްދަލު ކުރެއްވި ސަފީރު މިހެން ވިދާޅުވީ، އިންޑިއާގެ ގުޖުރާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއަށް ތައުރީފު ކުރައްވަން ވެގެން ޗައިނާއަށް ފާޑުވިދާޅުވެފައި ވާތީ އެވެ.

ޗައިނާ ސަފީރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުންނަށް އެއް ގައުމު އަނެއް ގައުމާ އަޅާ ނުކިޔާ ވެސް ގައުމަކަށް ތައުރީފު ކުރެއްވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޗައިނާއިން އިންޑިއާ ކަނޑުގެ ރަށްތަކާއެކު ގުޅުން ބާއްވަނީ ސުލްހަވެރިކަމާއެކު އެކަން ޕްރޮމޯޓް ކުރަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރަމުންދާނެ ކަމަށް ސަފީރުގެ ޓްވީޓްގައި ވިދާޅުވި އެވެ.

އިންޑިއާގައި އޮތް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް އެތައް ގޮތަކުން ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ ގައުމަށް ވަޑައިގެން އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވާ ހަމަ އެފަދައިން ތައުރީފު ކުރައްވާފައި ވެއެވެ.

އެމްޑީޕީގެ ސަރުކާރާއެކު އިންޑިއާއިން ވަނީ ރާއްޖެއާ އޮތް ގުޅުން ބަދަހިކޮށްފަ އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ އެކިއެކި މަޝްރޫއުތަކުގެ ތެރެއަށް އިންޑިއާ ވަދެފައިވާއިރު އިންޑިއާއިން ރާއްޖެއަށް ބައެއް ދާއިރާތަކުން އެހީތެރިކަން ވެސް ފޯރުކޮށްދޭން ވެސް ފަށާފައި ވެއެވެ. މި ސަރުކާރުން މިހާތަނަށް އެންމެ ގިނަ އެހީ އާއި ލޯނު ހޯދާފައިވަނީ ވެސް އިންޑިއާއިންނެވެ.

ރައީސް ނަޝީދު އިންޑިއާގައި ވިދާޅުވީ ރާއްޖެ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ސުޕަ ޕަވާ، އިންޑިއާއިން އަބަދުވެސް އިހްތިރާމް ކުރާ ކަމަށެވެ. އިންޑިއާއިން އެއް އިރެއްގައި ވެސް ރާއްޖެއަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ދަރަނީގެ ދަންތުރައަކަށް ވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާއަށް ތައުރީފު ކުރެއްވި އިރު އެތާނގައި ވެސް ޗައިނާގެ ދަރަނީގެ ދަންތުރަތަކާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"އެހެން ސުޕަ ޕަވާއެއް އިންޑިއަން އޯޝަނަށް އެބަދޭ... ޗައިނާ، ދެރަކަމަކީ އެ ސުޕަ ޕަވާ އިންޑިއަން އޯޝަންގެ ރަށްތަކާމެދު އަމަލު ކުރަނީ ވަރަަށް ތަފާތުކޮށް،" ޗައިނާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެ ގުޅުމުން ރައީސް ނަޝީދު މިސާލު ޖައްސަވާ ތައުރީފުކުރެއްވި އިރު އެމަނިކުފާނުގެ އެންމެ ބޮޑު ފާޑުވިދާޅުވުމެއް އަބަދުވެސް އޮންނަނީ ރާއްޖޭގެ އަވަށްޓެރިއެއްގެ ގޮތުގައި އޮތް އިންޑިއާ އާއި ގުޅުން ކުޑަ އަދި ވާދަވެރި ޗައިނާއަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދުރު އިރުމަތީގައި އޮތް ޗައިނާއާ އެވެ. އޭގެ ސަބަބުން އިންޑިއާގެ ގުޅުމަށް އަސަރުކުރި އެވެ.

ޗައިނާގެ އެހީ އާއި ލޯނާއެކު މާލެ އާއި ހުޅުލެ ވަނީ ބްރިޖަކުން ގުޅާލާފަ އެވެ. އެ ބޮޑު މަޝްރޫއު ރައީސް ނަޝީދު އަބަދުވެސް ފާހަގަ ކުރައްވަނީ ޗައިނާއިން ރާއްޖޭގެ ބޮލުގައި އަޅުވާފައި އޮތް ދަރަނީގެ ދަންތުރައެއްގަ ގޮތުގަ އެވެ.