ދަނގެތި

ދަނގެތި ވަށައިގެން ޓޫރިޒަމް، މެދުގައި ހިމޭންކަން!

އދ. ގަނގެތިން: މުހައްމަދު އަފްރާހު
Apr 17, 2019
6

މިއީ މަޝްހޫރު އަރިއަތޮޅެވެ. އަދި މިއީ މިއަތޮޅު ދަނގެއްޗެވެ. މި ރަށުގެ މައި ފާލަމުގެ ކޮޅުގައި ހުރެ ބަލާލާއިރު އެ އޮތީ ރަން ވެލި ރިސޯޓެވެ. އެރަށުގެ ވެލި ރީތިކޮށް ފެނެ އެވެ. ދެން އެ އޮތީ ވިލަމެންދޫ އާއި ލިލީ ބީޗެވެ. ޓޫރިޒަމްގެ މައި ހަބެއް ކަމަށްވާ މިއަތޮޅު ދަނގެތި ވަށައިގެން އޮތީ ޓޫރިޒަމް ޕްރޮޕަޓީ ތަކެވެ. ނަމަވެސް މި ރަށް ވެފައިވަނީ އިގްތިސޯދީ ހަރަކާތްތައް މަދު ރަށެއްގެ ގޮތުގަ އެވެ. ރަށް ވަށައިގެން ޓޫރިޒަމް އޮތްއިރު މި ރަށު ތެރެއިން ފެންނަނީ ހުސް ކަމާއި ހިމޭން ކަމެވެ. މި ރަށުން މި ފެންނަ ފަޅު ކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ރަށުގައި ނަރުދަމާއެއް ނެތް. އެހެންވެ، މި ރަށު [ދަނގެތީ] ގެ ގެސްޓްހައުސް ތަރައްގީ ކުރަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ،" ރަށުގެ އެންމެ ބޮޑު އެއް މައްސަލަ ފާހަގަ ކުރައްވަމުން، ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝަފްރާޒު ވިދާޅުވި އެވެ.

މި ރަށަކީ ވަރަށް ކުޑަ ރަށެވެ. އާބާދީއަކީ 1105 އެވެ. ރަށުގައި 175 ގެއާއި 14 ފިހާރައިގެ އިތުރުން ރަށު ޓޫރިޒަމްގެ ހަތަރު ގެސްޓްހައުސް ހުރެ އެވެ. މި ރަށުގެ ފަޅަކީ މަޝްހޫރު ސަފާރީ ބަނދަރެކެވެ. ރަށުގައި ހިތްގައިމު ބޮޑު ބަނދަރެއް އެބަ އޮތެވެ.

މި ރަށު ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ސަތަރި ދޯނި ބަނދެ އެ ދޯނިތައް ކައިރީ ރިސޯޓުތަކަށް ކުއްޔަށް ދިނުމެވެ. އަދި މިރަށު އަންހެންވެރިންގެ މަސައްކަތަކީ ރަށަށް އަރާ ޓޫރިސްޓުންނަށް ހަނދާނީ ހަދިޔާގެ ގޮތުގައި ސުވެނި ވިއްކުމެވެ. އެހެންވެ މިރަށުގައި ގިނަ އަދަދެއްގެ ސުވަނިޔަ ފިހާރަ ހުރެ އެވެ.

މި ރަށް ވަށައިގެން ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތަކާއި ދުނިޔޭގެ މަޝްހޫރު ރިސޯޓު ބްރޭންޑް ތަކެއް ހިންގަ އެވެ. މި ރިސޯޓުތަކުގައި ރަށުގެ ބައެއް ޒުވާނުން މަސައްކަތް ކުރެ އެވެ. ނަމަވެސް ރަށުގެ އިގްތިސޯދު އަކުރި އަށް ދެމިގަތުމުގައި މިހާރު އޮތް ހުރަހަކީ ރަށުގެ ނަރުދަމާ އާއި ފެނުގެ ހިދުމަތެވެ.

ދަނގެތީގެ ފެކްޓް ފައިލް

  • އާބާދީ: 1105
  • ގޭގެ އަދަދު: 175
  • ބޮޑުމިން: އެއް ކިލޯ މީޓަރު
  • ވިޔަފާރި ކުރާ 14 ފިހާރަ
  • 4 ގެސްޓްހައުސް

ފެން ވިއުގައިން ފެނެއް ނުލިބޭ!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ރަށުގައި ފެނުގެ ވިއުގަ އޮތީ ގާއިމްކޮށްފަ އެވެ. ނަމަވެސް ރަށު މީހުން ސިފަކުރާ ގޮތުގައި އެކަން ކޮށްފައިވަނީ "އަމާބުނީތީ ފަރަށް" ދާ އުސޫލުންނެވެ. ފެނުގެ ނިޒާމު އެޅުމުގައި ތަޖުރިބާ މަދު އިންޑިއާ ކުންފުންޏަކަށް ދިން މި މަސައްކަތް ނިމުނުއިރު، އަލުން ޖެހެނީ އިތުރަށް މަސައްކަތް ކުރާށެވެ.

މި ރަށުގެ ކައުންސިލްގެ ނައިބު ރައީސް ސިފަ ކުރައްވާ ގޮތުގައި މި ރަށުގައި އެޅި ފެނުގެ ނިޒާމުގައި ޕްރެޝަރެއް ނެތެވެ. ފެނެއް ދުލެއް ނުކުރެވެ އެވެ. ފެނެއް ނާދެ އެވެ.

"ފެނުގެ ހިދުމަތް އަޅާފަ އޮތީ މިދިޔަ ސަރުކާރުން މި ރަށުގަ. އެކަމަކު ފެނެއް ދުލެއް ނުކުރެވޭ. ފެނުގެ ޕްރެޝަރެއް ނެތް،" ޝަފްރާޒު ވިދާޅުވި އެވެ.

ޓޫރިޒަމަށް ފައްކާ ރަށެއް!

ރަށު ތެރެ އަށް ބަލައިލުމުން މި ރަށު މީހުން ރަށް ސާފު ކުރާކަން އެނގެ އެވެ. ރަށުގެ މަގުތަށް ސާފުކޮށް އޮތްއިރު، މި ރަށުގައި ރީތި ބޮޑު މޫދެއް ނެތް ނަމަވެސް ގޮނޑުދޮށް ވަރަށް ރީއްޗެވެ. ފަޅުގެ ބޮޑު ބައެއްގައި މޫދު ވިނަ އޮތުމަކީ ވެސް މި ރަށަށް ހާއްސަވާ އެއް ސަބެބެވެ. މޫދު ވިނަ އޮތް ނަމަވެސް ރަށުގެ ގޮނޑުދޮށް ކުނިކަހައި ބެލެހެއްޓިއްޖެނަމަ މި ރަށަކީ ތަފާތު ރީތި ކަމެއް ފެންނާނެ ރަށެކެވެ.

މި ރަށުގެ އެންމެ ރީތި ސަރަހަދަކީ ރަށުގެ ތުނޑި އެވެ. ކައުންސިލުން ވަނީ އެ ރަށުގައި ޓޫރިޒަމް އުފެދެންވާ އިރަށް، ތުނޑީގައި މިހާރުވެސް ބައެއް ވަސީލަތްތައް ގާއިމްކޮށްފަ އެވެ. ތުނޑީގެ ބޭނުން ރަށަށް އަރާ ޓޫރިސްޓުންނާއި ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދީފަ އެވެ.

"ބިކިނީ ބީޗެއް" ގާއިމުކޮށް ފުޅަފަކުން ބައްދާފަ އެވެ. އަދި މި ރަށުގެ ރައްޔިތުންނަށް ވެސް ތުނޑި ބޭނުން ކުރެވޭނެ ގޮތަށް ބާބެކިޔޫ ހެދޭނެ ގޮތާއި ޖޯލިފަތި ފަދަ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ.

ޝަފްރާޒު ވިދާޅުވި ގޮތުގައި ރަށް ވަށައިގެން އޮތް މޫދު ވިނައަކީ އެ ރަށަށް ހާއްސަ ސިފައެކެވެ.

"މިވެސް ރަށުގެ ހާއްސަ ކަމެއް. އެހެންވެ، އަޅުގަނޑުމެން ބޭނުންވަނީ މި ހާއްސަކަމާއެކު ތަރައްގީ ކުރަން. ނަމަވެސް މިކަމަށް އޮތް ގޮންޖެހުމަކީ ނަދުރަމާ ނެތުން،" ތަކުރާރުކޮށް ނަރުދަމާގެ މައްސަލަ ނަގަމުން ޝަފްރާޒު ވިދާޅުވި އެވެ.

އަވަށު ވާދަ އާދަޔާ ހިލާފަށް ބޮޑު!

ރާއްޖޭގެ ގިނަ ރަށްރަށުގައި "އަވަށު" ވާދަވެރިކަން ބޮޑެވެ. މި ރަށަކީ ވެސް އެފަދަ އެއް ރަށެވެ. ރަށުގެ އާބާދީ 1105 އަށް އަރާއިރު، ރަށުގައި ދެ އަވަށް އޮވެ އެވެ. މި ރަށުގެ އަވަށު ވާދަވެރިކަން ބޮޑުވުމުން ރަށުގެ ބައެއް މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް މި ރަށުގެ ކަމުވޮށިގެންވާ މީހުން ބުނެ އެވެ. ރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުގެ ވާދަވެރިކަން ކޮންމެ ކަމެއްގައި ވެސް އޮވެ އެވެ.

ރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުގެ ވާދަވެރިކަން ކޮންމެ ކަމެއްގައި ވެސް އޮވެ އެވެ. ރަށު ވާދަވެރިކަމުގެ ކުޑަ މިސާލަކީ މިރަށުގައި ބައެއް މުހިންމު މުނާސަބަތުތައް ފާހަގަ ކުރަނީ ވަކިންނެވެ. އީދު ފާހަގަ ކުރިއަސް ދެ އަވަށުން އެކަން ކުރަނީ ވަކިންނެވެ. އަދި ކައުންސިލަށް މެންބަރަކު އަޔަށް ކުރިއަސް އެކަމުގައި ވެސް ކެނޑިޑޭޓުން ނުކުންނަނީ އަވަށުންނެވެ.

މި ރަށުގެ ނަން ހިންގާ މީހަކު ވިދާޅުވި ގޮތުގައި މި ރަށުގެ ބަނދަރު ހެދިއިރު ވެސް ރަށު ވާދަވެރިކަމުގެ އަސަރު ކުރި އެވެ.

"އެއްވެސް އަވަށެއްގެ ބަޔަކު ބޭނުމެއް ނުވޭ، އަނެއް އަވަށަށް ހިދުމަތެއް އަންނާކަށް. ހުރިހާކަމެއް ދެ އަވަށު މެދުގައި އަޅަން ބޭނުންވަނީ. މިއީ މައްސަލަކީ. ކުޑަ ރަށެއް އެކަމަކު ވާދަވެރިކަން މިހާބޮޑު ރަށެއް ރާއްޖޭގައި މަދުވާނެ،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

ރީތި މި ރަށަކީ ވެސް ރާއްޖޭގެ ތަފާތު ސިފަ ތަކެއް ލިބިފައިވާ ރަށެވެ. ނަމަވެސް މި ރަށަށް ވެސް އޮތީ ރާއްޖޭގެ ގިނަ ރަށް ރަށަށް ކުރިމަތިވެފައިވާ މައްސަލަ އެވެ. އެއީ ނަރުދަމާ ނެތުމެވެ. އެހެންވެ މި ރަށް ކުރިއަށް ދުއްވައި ގަތުމުގައި އޮތީ ހުރަސްތަކާ ކުރިމަތިވެދަ އެވެ.