ހަބަރު

ރޮޒައިނާގެ ޝައުގުވެރިކަން ވެސް މަޖިލީހުގެ ރައީސް ކަމަށް

އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ރޮޒައިނާ އާދަމް ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

ރޮޒައިނާ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި އެކަން ހާމަ ކުރައްވާފައިވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ރޮޒައިނާ ވިދާޅުވީ މި ވަގުތަކީ އަންހެނަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ވަރަށް ރަނގަޅު ވަގުތެއް ކަމަށެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށެވެ.

އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ ރޮޒައިނާގެ އިތުރުން ތިން އަންހެން ބޭފުޅެކެވެ. އޭގެ ތެރެއިން އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. ރޮޒައިނާ މިރޭ ވަނީ އެ މަގާމަށް އީވާއަށް ތާއިދު ކުރައްވާކަން ވެސް ހާމަ ކުރައްވާފަ އެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީއާއެކު އާ މަޖިލިސް އަންނައިރު މައިނޯރިޓީއަށް ވެސް އެކަށީގެންވާ ފުރުސަތުތައްދީ، އެމީހުންގެ އަޑު ވެސް މަޖިލީހުގެ ތެރޭގައި އުފުލޭނެ ފަސޭހަ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންފިނަމަ އެއީ އިސްކަން ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ ކޮމެޓީތައް ބޭއްވުމުގެ އުސޫލަކީ ވެސް ހަރުދަނާ ކުރަން ޖެހޭ އުސޫލެއްކަން ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިތުބާރު ކުރެވޭވަރު ތަނަކަށް ހެދުމަކީ ވެސް މުހިންމު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެމްޑީޕީއަށް ރައްޔިތުން މެޖޯރިޓީ ދިނީ ވެސް އެ އުއްމީދުގައި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެއީ އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި ވިލިފުށި ދާއިރާއަށް އިންތިހާބުވެފައިވާ ހުސެއިން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރެވެ.

ނައިބު ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނީ އީވާގެ އިތުރުން އަލީ އާޒިމެވެ. އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އަންނަ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާނީ އެމްޑީޕީގެ މެންބަރުންނެވެ. އަންނަ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ.