ލައިފްސްޓައިލް

ކުޑަކަމަކުން ލައިފްސްޓައިލް ބަދަލު ކޮށްލެވިދާނެ!

އެއްމެންވެސް ބޭނުންވަނީ ބަދަލެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސް ހެޔޮ ބަދަލެއް ގެންނާށެވެ. އެއީ ކަސްރަތު ޕްރޮގްރާމެއް ފެށުން ނުވަތަ އާއްމުކޮށް ކޮފީތައްޓަށް އަޅާ ގިރާލާ ހަކުރާއި ދުރުވުން ކަމުގައިވީ ނަމަވެސް އެވެ. މި ފަދަ ބަދަލަކަށް މަސައްކަތް ކުރުމަކީ މީހާއަށް ދިރުން ގެންނަ ކަމެކެވެ. މީހާއަށް ހެޔޮ ބަދަލެއް ގެނައުމަށް މާ ބޮޑު ކަމެއް، މާގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހެ އެވެ. ނުރަނގަޅު އާދަތަކާއި ސަގާފަތްތަކާއި ދުރުވުމަށް ގެންނަން ޖެހެނީ ކުޑަ ބަދަލުތަކެކެވެ. އާއްމުކޮށް ކަންތައް ކުރަމުން އަންނަ ގޮތް ބަދަލު ކޮށްލަންވީ އެވެ. އަދި މި ގެންނަ ބަދަލުތަށް ދޫނު ކޮށްލަންވީ އެވެ. މިހެން ބުންޏަސް އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ކަމެއް ކުރަން ފަށާފައި އެކަމެއް ކޮންމެވެސް ސަބަބަކާއި ހުރެ ހުއްޓާލާ ކިތައް މީހުން އެބަތިބިހެއްޔެވެ؟ ވިސްނަންވީ މި ގެންނަ ބަދަލު ކިތަންމެ އުދަނގޫ ނަމަވެސް ހިއްވަރާއި ސާބިތު ކަމާއެކު ކުރިއަށް ދާށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ބޭނުންވާ ބަދަލު މިއީ އެއްރެއިން ގެނެވޭ ކަމެއް ނޫނެވެ.

ކުދި ކުދި ކަންކަން ބަދަލު ކޮށްގެން ބޮޑު ބަދަލެއް ދިރިއުޅުމަށް ގެނައުމަކީ އެކަށީގެންވާ ކަމެވެ. އެންމެ ގިނަ މީހުންނަށް އެންމެ ކުރަން ބޭނުން އަދި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮންނަނީ ހެލްތީ ލައިފްސްޓައިލަކަށް ދާށެވެ. ހެލްތީ ލައިފްސްޓައިލަކަށް ދެވެނީ ހަމައެކަނި ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއުމަކުން އެކަންޏެއް ނޫނެވެ. ހެލްތީ ލައިފްސްޓައިލެއްގައި އުޅޭނަމަ ގަވާއިދުން ކަސްރަތު ކުރުމާއެކު ނަފްސާނީ ގޮތުން ވެސް އެމީހަކީ ދުޅަހެޔޮ މީހެކެވެ.

ހެލްތީ ލައިފްސްޓައިލެއްގައި ހުރުމަށް ދެމިހެއްޓެނިވި އާދައަކީ މުހިއްމު ރޯލެއް ކުޅެއެވެ.

1
 

ފިޒީ ބުއިންތަކުގެ ބަދަލުގައި ފެން ހިޔާރު ކުރޭ

ހޫނު ގަދަ ދުވަސްވަރު ކަރުހިއްކުން ފިލުވަން ފިޒީ ބުއިމެއް ހިޔާރު ކުރުމުގެ ބަދަލުގައި ފެން ހިޔާރު ކުރާށެވެ. މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑުގެ ޝުގާ އިންޓޭކް އެތައް ގުނައެއް ދަށްކޮށްދޭނެ އެވެ. މީގެ ނަތީޖާ މީހާގެ އުނަގަނޑުން ދައްކައި ދޭނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ހަމައެކަނި ކެލޮރީ މަދު ކުރުމުގެ އިތުރުން މީހާގެ ޖީބަށް ވެސް ލުއިވެގެންދާނެ އެވެ. އަނެއް ގޮތަކީ ކޮންމެވެސް މޭވާއެއް ފެނަށް އަޅައިގެން ބޯލެވޭކަހަލަ "ފްރުޓް އިންފިއުސާ ވޯޓާ ބޮޓްލް" އަކަށް އިންވެސްޓް ކުރުމެވެ. ފެނުގައި ބޭނުންވާ ކަހަލަ މީރު މޭވާއެއްގެ ރަހަލައްވައިގެން ބޯލެވޭނެ އެވެ.

2
 

ފޮނި އެއްޗެހީގެ ބަދަލުގައި މޭވާ

އައިސް ކްރީމް ނޫނީ ޗޮކުލެޓް ކަހަލަ އެއްޗެއް ކާ ހިތްވެއްޖެނަމަ މޭވާއެއް ހިޔާރު ކުރުމަކީ ވެސް ގެނެވިދާނެ ބަދަލެކެވެ. މޭވާއިން ހަށިގަނޑަށް ބޭނުންވާ އެތައް ވިޓަމިނަކާ، ފައިބަ، މިނަރަލް އަދި އެންޓިއޮކްސިޑެންޓެއް ފޯރުކޮށްދެ އެވެ. ފްރޯޒަން ފުރުޓްގައި ތާޒާމޭވާ އާއި އެއްވަރަކަށް ނިއުޓިރިއެންޓް ކޮންޓެންޓް ހުރެއެވެ. އެހެންކަމުން ހޫނުގަދަ ވަގުތު އައިސްކްރީމް ކަހަލަ އެއްޗެއް ކާހިއްވެއްޖެނަމަ ސްމޫތީ ހެދުމަށް ފްރޯޒަން ފްރުޓް ބޭނުން ކުރެވިދާނެ އެވެ.

3
 

ބޭރުން ކެއުމުގެ އާދަ ދޫކޮށްލުން

ބޭރުން ކެއުމަކީ މީހާގެ އަތްމަތި ހުސްވުމުގެ އިތުރުން ވަރަށް ގިނަ ފަހަރަށް ކޮންމެވެސް ތައްޔާރީ ކާނާއަކަށް ދެވި ހިފަމަށް މަގުފަހިވާ ކަމެކެވެ. މީގެ ބަދަލުގައި ގޭގައި ކައްކާ އާއިލާގެ ބައިވެރިކޮށްގެން ތައްޔާރުކުރާ ކެއުންތައް އަބަދުވެސް ހާއްސައެވެ. ގޭގައި ކެއްކުމަކީ ބުރަ އަދި މާ ވަގުތު ދާކަމެއް ކަމުގައި ހީވެފައި އޮތް ނަމަ ސްލޯ ކުކާއެއް ހޯދުމުން އެ ހީ ބަދަލު ކޮށްލައިދޭނެ އެވެ. ތަރުކާރީ އާއި ކުކުޅު ފަދަ އެއްޗެހި އެއްކޮށް ސްލޯކުކާ އަކުން ކައްކާލުމުން އޭގެ ރަހަތައް ފުރިހަމައަށް ނުކުމެ ވަރަށް "ޖޫސީ” މީރު ޑިޝްތަކެއް ތައްޔާރު ކޮށްލެވޭނެ އެވެ.

4
 

ހަރަކާތްތެރިވުން ވީހާވެސް ބޮޑަށް އިތުރުކުރޭ

ކަސްރަތުންކުރާ ފައިދާ އަކީ އަބަދުވެސް އިވޭ ވާހަކަތަކެކެވެ. ބަރުދަން ލުއިކޮށްދޭ ވާހަކައާއި، އިންފްލެމޭޝަން ވާހަކައާއި، މޫޑު ރަނގަޅުކޮށްދީ، މީހާގެ ހަކަތަ އިތުރު ކޮށްދީ، ނިދަން ފަސޭހަ ވާހަކަ އެވެ. ކުރަން އުދަގޫވެފައި މި އޮންނަނީ ކަސްރަތުކުރަން ފަށައިގަތުމެވެ. އަދި މެދުކެނޑުމެއް ނެތި ދެމިހުރުމެވެ. މީގެ އެންމެ މުހިއްމު ކަމެއް ދޭންވީ ކުރަން ފަށާ ކަމަކީ އެންމެ ގަޔަވާ ކަސްރަތުތޯ ބަލާ ކަސްރަތު ކުރުމެވެ. އެއީ، ދުވުން ފެތުން، ބޫޓު ކޭމްޕް ނުވަތަ ޖިމަށް ދިއުން ވިއަސް ނޫނީ ގޭގައި ޔޯގާ ނުވަތަ ޒުމްބާ ހެދި ކަމުގައިވިއަސް އެވެ.

ކޮންމެ ދުވަހަކުވެސް ހަރަކާތްތެރިކަން އިތުރު ކުރުމުގެ ގޮތުން ލިފްޓްގެ ބަދަލުގައި ސިޑިން މައްޗަށް އެރުމާއި ސައިކަލު ބަހައްޓާފައި ހިނގާފައި އުޅުމަކީ ކުރެވިދދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ވެސް ކޮންމެވެސް ވަރެއްގެ ކަސްރަތެއް މީހާއަށް ލިބޭނެ އެވެ.

5
 

މީލް ޕްލޭން ކުރުން

މީލް ޕްލޭން ކުރުމަކީ ހަރަދާއި ވަގުތު ސަލާމަތްކޮށްދޭ މުހިއްމު ކަމެކެވެ. އަދި ހެލްތީ ލައިފްސްޓައިލަކަށް ދާން ބޭނުންނަމަ މުޅި އާއިލާއެއްކޮށް މި ދަތުރުގައި ބައިވެރި ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިއީ މިކަހަލަ ލައިފްސްޓައިލަކަށް ކާމިޔާބު ކަމާއެކު ވާސިލުވުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. މީލް ޕްރެޕިން ކޮންސެޕްޓަކީ ވަކި ގަޑިއެއްގައި ކާން ބޭނުންވާ އެއްޗަކީ ކޮބައިކަން ދުރާލާ ޕްލޭންކޮށްފައި އޮތުމެވެ. މީލް ޕްލޭންގައި ސިއްހަތަށް ފައިދާހުރި ކާނާ ހިމަނާ އެޑްވާންސްކޮށް ވަކި އެއްޗެއް ކެއްކުމަށް ޕްލޭނެއް އޮތުމުން ސުޕަރމާކެޓްއަށް ގޮސް ފެންނަ ކޮންމެ އެއްޗެއް ގަތުމުގެ ބަދަލުގައި އެ މީލްއަކަށް ބޭނުންވާ އެއްޗެއް އެކަނި ގަތުމަށް ފޯކަސް ކުރެވެއެވެ.

6
 

ސްކްރީނާއި ދުރުވުން

އާއިލާ އާއި ރައްޓެހިންނަކީ ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި މުހިއްމު ބަޔެކެވެ. އަބަދު ސޯޝަލްމީޑިއާގައި ނުވަތަ ކޮންމެވެސް ސްކްރީނަކަށް ގެއްލިގެން އިނުމުގެ ބަދަލުގައި އާއިލާ އާއި ރައްޓެހިންނާއި ވެސް ގުޅުންތައް ވަރުގަދަ ކުރަންވީ އެވެ. ހެލްތީ ލައިފްސްޓައިލެއްގައި ހުރުމަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަން މުހިއްމުވާއިރު ގުޅުންތަށް ވަރުގަދަ ކުރުމުން މިކަމަށް އެހީތެރި ވެދޭނެ އެވެ. މިގޮތުން އެއްމެން އެއްކޮށް ކާވާގުތު އެއްވެސް ސްކީރީނަކަށް ނުބެލުމާއި އެކަކު އަނެކާއި ވާހަކަ ދެއްކުމަށް އަހައްމިއްޔަތުކަމެއް ދެވިދާނެ އެވެ.