ސައުދީ އަރަބިއްޔާގެ އިސްނެގުމަށް ޔަމަނުގައި ކުރާ ހަނގުރާމައަށް އެމެރިކާއިން ދޭ އެހީތެރިކަން ނިމުމަކަށް ގެނައުމަށް ކޮންގްރެސްއިން ފާސްކުރި ބިލް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފި އެވެ.
ޔަމަނުގެ މައްސަލާގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު އެ ގައުމުގެ ސިޔާސީ ބޭފުޅުން ދެކޮޅު ހެދުން ފާޅުކުރަން ފެއްޓެވީ މިދިޔަ އަހަރު އިސްތަންބުލްގެ ސައުދީ ކޮންސިއުލޭޓް ތެރޭގައި ސައުދީގެ އެޖެންޓުން ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާއަށް ފަހު އެވެ.
މި ގާރާރު އެމެރިކާގެ ސެނެޓުގައި މިދިޔަ މާޗް މަހު ފާސްކޮށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކުރީ މި މަހު އެވެ.
"މި ގަރާރަކީ އަހަރެންނަށް ލިބިފައިވާ ބާރުތަށް ދެރަކޮށްލުމަށް ފާސްކޮށްފައިވާ ބޭކާރު އަދި ނުރައްކާތެރި ގަރާރެއް. އަދި މީގެ ސަބަބުން އެމެރިކާގައި ތިބި ރައްޔިތުންނާ ގައުމުން ބޭރުގަ ތިބި ރައްޔިތުންނަށް މިހާރާއި ކުރިއަށް އޮތް ތަނުގައި ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ"، ގަރާރު ވީޓޯ ކުރެއްވުމަށް ޓްރަމްޕް ނެރުއްވެވި މެސެޖުގައި ވަދާޅުވެފައި ވެއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީގެ އިތުރުން އެ ގައުމުގެ ސިޔާސީ ބޭފުޅުން ދަނީ މިކަމާއި ގުޅިގެން ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސެނެޓުން ތުހުމަތު ކުރަނީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައިވަނީ ސައުދީ ގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ގެ އެންގެވުމަށް ކަމަށެވެ. ނަމަވެސް ސައުދީން މި ތުހުމަތު ދޮގު ކުރަމުން ބުނަނީ ޚާޝުގްޖީ މަރާލި އެޖެންޓުން ހަރަކާތްތެރިވެފައި ވަނީ އަމިއްލައަށް ކަމަށެވެ.
ޔަމަނުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަށް ބޮޑުވެފައިވަނީ 2015 ގެ މާޗް މަހު ސަރުކާރާއި އިދިކޮޅު ހޫތީ ޖަމާއަތުން އެ ގައުމުގެ ހުޅަނގުން ބޮޑު ބައެއް ހިފުމަށްފަހު އޭރުގެ ރައީސް އަބްދުރައްބުހް މަންސޫރު ހާދީއަށް ގައުމު ދޫކޮށް ދާން މަޖުބޫރު ކުރި ހިސާބުން ނެވެ.
ސައުދީ އިން ދެކެމުން އައީ ހޫތީ ޖަމާއަތަށް އިރާނުން ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭ ށެވެ. އަދި އެ ޖަމާއަތުގެ ބާރު ފެތުރެމުން ދިޔަތަން ފެނި އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސައުދީން އިތުރު ސުންނީ މުސްލިމް އަށް ގައުމަކާއި ބައިވެރިވެ ރައީސް ހާދީ ގެ ވެރިކަން އަނބުރާ ގެނައުމަށް ވަނީ ވައިގެ ހަނގުރާމައެއް ފަށާފަ އެވެ.
އެމެރިކާއިން ދަނީ މި ހަނގުރާމާގައި ސައުދީއަށް އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުން ނެވެ.