ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި އަރަމްކޯގެ ފެސިލިޓީޒަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ސައުދީގެ ކްރައުން ޕްރިން މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފޯނުން ގުޅުއްވައިގެން މުހައްމަދު ވިދާޅުވީ، ސައުދީ އޮތީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރުވެފައި ކަމަށެވެ. އަދި ޔަމަނުން އަރަމްކޯ ފެސިލިޓީޒަށް ދިން އެ ހަމަލާގެ ބަދަލު ވަރަށް ހިތި ގޮތަކަށް ޔަމަނަށް ދޭނެ ކަމަށް ވެސް އެ ފޯން ކޯލްގައި މުހައްމަދު ވަނީ ވިދާޅުވި އެވެ.
ޓްރަމްޕު ވެސް ވަނީ ޔަމަނަށް އަމާޒު ކޮށްގެން ސައުދީން ދޭން ނިންމާފައިވާ ހަމަލާއަށް ފުރިހަމައަށް އެއްބާރުލުން ދެއްވަން ނިންމާފަ އެވެ. ހަމަލާގެ ސަބަބުން ސައުދީން ބޭރު ކުރާ ތެލުގެ އަގު އުފުލުމުގެ ބިރު މިހާރު އޮތީ މެދު އިރުމަތީގައި އުފެދިފަ އެވެ.
ހޫތީ ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް، ތެޔޮ އުފައްދާ ގިނަ މެޝިނަރީތަކުގައި އަލިފޯން ރޯވުމުގެ ސަބަބުން މަސައްކަތުގެ ބޮޑު ބައެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ހަމަލާގެ ސަބަބުން އަރަމްކޯ ތެޔޮ ކުންފުންޏަށް ދުވާލަކު ފަސް މިލިއަން ތެޔޮ ފީފާގެ ގެއްލުން ލިބޭނެ އެވެ. އެއީ 300،000،000 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
އަރަމްކޯ ތެޔޮ ކުންފުންޏަށް ދިން މަލާގެ ޒިންމާ ހޫތީން ވަނީ އުފުލާފަ އެވެ. ހޫތީންނަކީ 2015 ވަނަ އަަރުން ފެށިގެން ސައުދީއާ ހަނގުރާމަ ކުރަމުންދާ ބައެކެވެ. ހޫތީންނާ ހަނގުރާމަކޮށް ބަލި ކުރުމުގެ ބޭނުމުގައި ސައުދީން ވަނީ މުސްލިމު ގައުމުތަކާ އެއްކޮށް އަސްކަރީ ކޯލިޝަނެއް ވެސް ހަދައިފަ އެވެ.