ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ކަމަށް ތުހަމަތު ކުރާ ހުރިހާ ކަމެއް މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަދީބުގެ އިސްތަށިފުޅުގައި އަޅުވައި ނިންމާ ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކުގެ ވާހަކަތައް ދައްކާއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަތީން ހަދާން ކުރަންވާނެ ކަމަށައި ހުރިހާ ނުބައި ކަމެއް އަދީބުގެ އިސްތަށިފުޅުގައި އަޅުވާފައި ބޭއްވުމަކީ އިންސާފެއް ނޫން ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ އިންސާފަށް ވަކާލާތު ކުރާ ޕާޓީއަކަށްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަދީބާ މެދު އަމަލުތައް ބައްޓަންކޮށްފައި ވަނީ އިންސާފުވެރިކަމާއެކުގައި ނޫން ކަމަށެވެ.
"އަދީބާމެދު އަމަލު ކުރަނީ ބޭއިންސާފުން ... ނައިބު ރައީސަކަށް ލިބެންޖެހޭ އިއްޒަތާއި ގަދަރު އަދީބަށް ލިބެމުންނެއް ނުދޭ، އަދީބަށް ރަނގަޅު ބޭސްފަރުވާގެ އިންތިޒާމެއް ވެސް ހަމަޖައްސައިދީފައެއް ނުވޭ" މޫސަ ވިދާޅުވި އެވެ. "ބޭސް ފަރުވާ ކުރެވެނީކީ ނޫން. އިސްތިއުނާފެއް ކުރެވެނީކީ ވެސް ނޫން އިސްތިނުފާގެ ހައްގު ވެސް އޭނާ އަތުން ވަނީ ނިގުޅައިގެންފައި އަދީބަށް އިންސާފު ލިބެންޖެހޭނެ"
މޫސަ ވަނީ އަދީބްގެ މައްސަލަ އިންސާފުން ކުރިއަށް ގެންދެވުމަށް ވެސް ގޮވާލައްވާފައެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފައި އެބައޮތެވެ.