ހަބަރު

ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫއު އަލުން ފަށައިފި

Apr 17, 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. ފައިސަލަކީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅެކެވެ.

ރައީސްގެ ނައިބު މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެމަނިކުފާނު މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސްރޫއު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނާ އަދި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ވެސް، ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުން ކަމަށެވެ. އެގޮތުން މިއަދު އިފްތިތާހު ކުރި ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ އެސިޓީގެ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭ ގޮތަށްކަމުގެ ޔަގީންކަން ފުވައްމުލަކުގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއަކީ ކުރިން ފެށިފައި އޮތް މަޝްރޫއެއް ނަމަވެސް މި މަޝްރޫއު މިހާރު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައި ވިދާޅުވިއެވެ. އެގޮތުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ރައީސްގެ ނައިބު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ހާއްސަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.