ހަބަރު

ރާއްޖެއިން އެދިގެން އެމްއެމްޕީއާރްސީ މައްސަލާގައި އިންޓަޕޯލުން ނެރުނު 4 ރެޑްނޯޓިހެއް ބާތިލްކޮށްފި

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ބެލެވޭ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ގުޅުންހުރި މައްސަލަތަކުއި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ރެޑްނޯޓިސް ބާތިލްކޮށްފި އެވެ.

އެ މީހުންގެ މައްޗަށް ނެރުނު ރެޑްނޯޓިސްތައް އުވާލީ ދިވެހި ދައުލަތުން އެކަމަށް އެދިގެނެވެ.

އިންޓަޕޯލް ވެބް ސައިޓް ދައްކާގޮތުން އެ މައްސަލައާއި ގުޅިގެން ރެޑް ނޯޓިސް މިހާތަނަށް ނުނަގާ ވަނީ މުހައްމަދު ވިޝާމްގެ އެކަންޏެވެ. އޭނާ ހޯދަން އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސްގައި ބުނެފައި ވަނީ ވިޝާމްއަށް ކުރެވޭ ތުހުމަތުތަކަކީ މަކަރު ހަދައިގެން އޮޅުވާލައިގެން އުޅޭ މައްސަލަ އަކާއި، މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ކަމަށެވެ.

އިންޓަޕޯލްއިން ނެރުނު ރެޑްނޯޓިސްތައް ނަގާފައިވާ ހަތަރު މީހުންނަކީ، މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި، މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި، އަހުމަދު އިޝްފާހު އަލީގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހުމަދުގެ އެވެ.

މައުލުމާތު ލިބިފައިވާގޮތުގައި މީގެ ތެރެއިން މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި، މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި، އަހުމަދު އިޝްފާހު އަލީ ދިރިއުޅެމުންގެންދަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި އެވެ. އަދި އަސީލް ދިރިއުޅެމުންގެންދަނީ އޮސްޓްރޭލިއާއިން ހިމާޔަތް ހޯދައިގެން އެ ގައުމުގަ އެވެ.

އެ ރެޑްނޯޓިސްތައް ބާތިލް ކުރުމާއި ގުޅިގެން ފުލުހުން ބުނީ އެ މީހުންގެ ނޯޓިސްތައް ބާތިލްކޮށްފައިވަނީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށެވެ. އަދި އެގޮތައް ނިންމާފައިވަނީ އެމީހުން ހޯދަން ރެޑްނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށާއި، އެހެން ނަމަވެސް މިހާރު ތަހުގީގަށް ބޭނުންވާ ބަޔާންތައް އެމީހުންގެ ފަރާތުން ލިބިފައިވާތީ ކަމަށެވެ.

މީގެ އިތުރުން އެ މީހުންނަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގައި ތިބި ބަޔަކަށްވީނަމަވެސް، ފުލުހުންނަށް މިހާރު އެމީހުންނަށް އެކްސެސެވެވޭ ކަމަށާއި، އެހެން ކަމުން އެ ރެޑްނޯޓިސްތައް އިތުރަށް ދަމަހައްޓަން ޖެހޭ ތަނެއް ނެތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.