އަޒުހަރު ޔުނިވާސިޓީން މި އަހަރު އަރަބިއްޔާ ސްކޫލަށް ހަމަޖައްސައިދިން ޓީޗަރުންގެ ތެރެއިން ބައެއް ޓީޗަރުން މާލެ އަތުވެއްޖެ އެވެ.
އަރަބިއްޔާ ސްކޫލްގައި އަރަބި މާއްދާތައް ކިޔަވައިދޭން މިސްރުގެ އަޒްހަރު ޔުނިވާސިޓީން މި އަހަަރު 22 ޓީޗަރަކު ފޮނުވައިދޭން އޮތީ ނިންމާފަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާއި އަރަބިއްޔާ ސްކޫލްގެ ޓީޗަރުން ހަމަ ނުވެ ހަތަރު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހްމާން މިއަދު ވިދާޅުވި ގޮތުގައި، އެ ސްކޫލަށް ގެންނަން
ހަމަޖައްސާފައިވާ 22 ޓީޗަރުންގެ ތެރެއިން 11 ޓީޗަރަކު އިއްޔެ ވަނީ މާލެ އައިސްފަ އެވެ. އިތުރު ހަތަރު ޓީޗަރަކު މިއަދު އަަންނާނެ އެވެ. އަދި ވިދާޅުވީ ބާކީ ތިބި ޓިޗަރުން ވެސް ލަސް ނުވެ އަންނާނެ ކަމުގެ ޔަގީންކަަން އެޑިއުކޭޝަނުން ދީފައިވާ ކަމަށެވެ.
"އިއްޔެ އަޒްހަރުގެ 11 ޓީޗަރުން މާލެ އައިސްފި. މިއަދު އިތުރު ހަތަރު ޓީޗަރުން އަންނާނެ. އަދި ބާކީ ހުރި ޓީޗަރުން ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ އަންނާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ދީފައި" ޕްރިންސިޕަލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ ރާއްޖެ އައި 11 ޓީޗަރުންނާއި މިއަދު އަންނަ ހަތަރު ޓީޗަރުންނާއެކު 15 ޓީޗަރުން އަންނަ ހަފުތާ އިން ފެށިގެން ސްކޫލާ ގުޅޭނެ ކަމަށެވެ.
އަރަބިއްޔާގައި އަޒްހަރުގެ ޓީޗަރުން ހަމަ ނުވެ ހަތަރު މަހެއްހާ ދުވަސްވީ އިރު އެ މުއްދަތުގައި ކިޔަވައިދިނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންނެވެ. އެމްއެންޔޫގެ 18 ލެކްޗަރާއިންނާއި އިސްލާމިކް ޔުނިވާސިޓީގެ ހަތަރު ލެކްޗަރާއިން ޕާޓް ޓައިމްކޮށް ކިޔަވައިދިނެވެ.
މި ވަގުތު 850 ދަރިވަރުން ކިޔަވަމުން އަންނަ އަރަބިއްޔާއަކީ ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދޭން މީގެ 32 އަހަރު ކުރިން އުފެއްދި ސްުކޫލެކެވެ. އަރަބިއްޔާ އުފެދުނު ހިސާބުން ކޮންމެ އަހަރަކު ވެސް އަޒްހަރު ޔުނިވާސިޓީން އެ ސްކޫލަށް ޓީޗަރުން ފޮނުވައި ދެއެވެ.