ވިޔަފާރި

ފަސް އަހަރުތެރޭ ޕީއެސްއައިޕީ އަށް 24.7 ބިލިއަން ރުފިޔާ ހޭދަކުރި!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 24.7 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2014 އިން 2018 އަށް ހިންގި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ރިޕޯޓުގައިވާ ގޮތުން 2014 ވަނަ އަހަރު ޕީއެސްއައިޕީގެ ގޮތުގައި ހޭދަކުރީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި 2015 ވަނަ އަހަރު 3.1 ބިލިއަން ރުފިޔާ ހޭދަކުރިއިރު 2016 ވަނަ އަހަރު 7.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި 2017 ވަނަ އަހަރު ހަ ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައިވާއިރު، 2018 ވަނަ އަހަރު މި އަދަދު ވަނީ 6.6 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

މި ރިޕޯޓުގައިވާ ގޮތުގައި ނިމިދިޔަ ފަސް އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ. ތަރައްގީގެ މަޝްރޫއުގެ ގޮތުގައި ހޭދަކުރި ފައިސާގެ 35 ޕަސެންޓް ހޭދަކޮށްފައިވަނީ މި ދާއިރާ އަށެވެ. މި ދާއިރާ އަށް 8.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް 3.9 ބިލިއަން ރުފިޔާ ކުރުމަށް ހޭދަކުރި އެވެ. އަދި 2.7 ބިލިއަން ރުފިޔާ ބަނދަރުތައް ތަރައްގީ ކުރުމަށް ހޭދަ ކުރިއިރު، 1.3 މިލިއަން ރުފިޔާ ސިނަމާލެ ބްރިޖު މަޝްރޫ އަށް ވަނީ ހޭދަކޮށްފަ އެވެ. އަދި 412 މިލިއަން ރުފިޔާ ވީއައިއޭ ރަންވޭއަށް ވަނީ ހޭދަކޮށްފަ އެވެ. އަދި 251 މިލިއަން ރުފިޔާ ހަ ރަށެއްގައި ވައިގެ ބަނދަރު ހަދަން ވަނީ ހޭދަކޮށްފަ އެވެ.

ޕީއެސްއައިޕީ ހޭދައިގެ ހައިލައިޓް

  • ޖުމްލަ 24.7 ބިލިއަން ރުފިޔާ
  • 2018 ވަނަ އަހަރު ހަ ބިލިއަން ރުފިޔާ
  • ލަފާ ފުރުން ރަނގަޅު ކުރަން 8.6 ބިލިއަން ރުފިޔާ
  • ސިއްހީ ދާއިރާއަށް 4.3 ބިލިއަން ރުފިޔާ
  • ބޯހިޔާވަހިކަމަށް ދެ ބިލިއަން ރުފިޔާ
  • ބިން ހިއްކަން 2.4 ބިލިއަން ރުފިޔާ
  • ސިއްހީ ދާއިރާއަށް 1.28 ބިލިއަން ރުފިޔާ

ޕީއެސްއައިޕީ ރިޕޯޓުގައިވާ ގޮތުން ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތައް ތަރައްގީ ކުރަން ޕީއެސްއައިޕީ ބަޖެޓުގެ 18 ޕަސެންޓް ހޭދަކުރި އެވެ. މި ދާއިރާއަށް 4.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިގޮތުން ސިއްހީ ދާއިރާގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް 2.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި 363 މިލިއަން ރުފިޔާ ރީޖަނަލް ހޮސްޕިޓަލް ތަކަށް ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން 585 މިލިއަން ރުފިޔާ ކުޅިވަރުގެ ހިދުމަތް ތަރައްގީ ކުރަން ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން އިޖުތިމާއީ ދާއިރާއިން ހޭދަކުރި ބައެއް މަޝްރޫއުތަކުގެ ތެރޭގައި ސަލްޓަމް ޕާކް ތަރައްގީ ކުރުމާއި މާލެ ރީ- ޑިވްލޮޕްމަންޓް ޕްރޮޖެކްޓް އަދި ތިނަދޫ މިއުޒިއަމް ޕާކް މަޝްރޫއު ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓުގައިވާ ގޮތުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބޯހިޔާވަހިކަމުގެ 28 މަޝްރޫއެއް ފަސް އަހަރު ތެރޭގައި ހިންގާފައިވެ އެވެ. އެންމެ ގިނަ މަޝްރޫއު ފަށާފައިވަނީ ހުޅުމާލެ އާއި ދެކުނުގެ އަތޮޅުތަކުގަ އެވެ. ހަތަރު އަތޮޅުގައި 1500 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 2.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 85 މަޝްރޫއެއް ހިންގި އެވެ. އަދި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ 25 މަޝްރޫއެއް އަދި ފެނާއި ހަރުދަމާ އެއްކޮށް ހަތް މަޝްރޫއެއް ހިންގި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބިން ހިއްކުމާއި މަގުތައް ރަނގަޅު ކުރުމަށް 2.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެގޮތުން 16 ރަށެއްގައި ބިން ހިއްކުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި 20 ރަށެއްގައި މަގު ހަދަން 833 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތައުލީމާއި ގުޅޭ ވަސީލަތްތައް ގާއިމް ކުރުމަށެވެ. މި ދާއިރާ އަށް 1.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން 75 ޕަސެންޓް ހޭދަކޮށްފައިވަނީ އަތޮޅު ތަކަށެވެ. އެގޮތުން 85 މިލިއަން ރުފިޔާ ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއަށް ހޭދަކޮށްފައިވެ އެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް 226 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މި ދާއިރާގައި 85 މަޝްރޫއެއް ހިންގި އެވެ. އަދި އިދާރާ ވަސީލްތައް ގާއިމް ކުރުމަށް 553 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މި ރިޕޯޓުގައިވާ ގޮތުން ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގެ ވަސީލަތްތައް ގާއިމް ކުރުމަށް 771 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި ދާއިރާއިން 272 މިލިއަން ރުފިޔާ ސިފައިންނާއި ފުލުހުންގެ ފްލެޓަށް ހޭދަކުރި އެވެ. އަދި 86 މިލިއަން ރުފިޔާ ފޮރެންސިކް ޑިވްލޮޕްމަންޓަށާއި މާމިގިލީގައި ސިފައިގެން އަލިވާން ނިންވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިމާރާތާއި މާލެ ސިސީޓީވީ ނެޓްވޯކް ފުޅާ ކުރަން ހޭދަކޮށްފައިވެ އެވެ.