ދުނިޔެ

އިންޑޮނޭޝިއާގެ އިންތިހާބު ކާމިޔާބު ކުރެއްވީ ވިދޯދޯ

އިންޑޮނޭޝިއާގެ ރައީސް ކަމުގެ މަގާމް އަނެއްކާވެސް ޖޮކޯ ވިދޯދޯ ކާމިޔާބު ކުރައްވައިފި ކަމަށް އިންތިހާބުގެ ވޯޓްގެ "ކުއިކް ކައުންޓް" ނުވަތަ އަވަސް ގުނުމުން ދައްކައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑޮނޭޝިއާގެ ކުރީގެ ޖެނަރަލް ޕްރަބޯވޯ ސުބިއާންޓޯ އާއި ވާދަކުރައްވާ ރައީސް ޖޮކޯ ވިދޯދޯ އަދި ރަނިންގް މޭޓް މައުރޫފް އަމީނަށް 10 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވަޑައިގެންފައިވާ ކަމަށް ވޯޓުގެ އަވަސް ގުނުމުން ދައްކާ ކަމަށް ބުނަމުން ދާއިރު އެ ގައުމުގެ އޮފިޝަލުން ވިދާޅުވަނީ މި ނަތީޖާއަށް ދެން މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

މި ދެ ބޭފުޅުން 2014 ގެ އިންތިހާބުގައި ވެސް ކުރިމަތިލައްވައިގެން ކާމިޔާބު ހޯއްދެވީ ރައީސް ވިދޯދޯ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވާ މި އިންތިހާބަކީ އިންޑޮނޭޝިއާގައި ކުރިން ބާވާފައި ނުވާފަދަ ތަފާތު އިންތިހާބެކެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 192،866،254 އެވެ. ވޯޓުލުމަށްޓަކައި 809،500 ވޯޓު ފޮށި ބެހެއްޓި އެވެ.

މި އިންތިހާބުގައި 20 ޕާޓީއަކުން 20،500 ގޮނޑިއަށް ކުރިމަތިލާފައި ވާއިރު 245،000 ކެންޑިޑޭޓުން ހިމެނެ އެވެ. އަދި މީގެ ތެރޭގައި 30 ޕަސެންޓް އަކީ އަންހެން ބޭފުޅުން ނެވެ.

ބީބީސީ ޕޯލް ދެއްކި ގޮތުން ވިދޯދޯއަށް ވޯޓުގެ 54 ޕަސެންޓު ލިބިފައިވާއިރު ސުބިއާންޓޯ އަށް ލިބިފައިވަނީ 45 ޕަސެންޓެވެ.