ރިޕޯޓް

ރައީސް ސޯލިހަކީ ރަމްޒީ ބޭފުޅަކަށް ނުހެދޭނެ!

ކުރިން އޮތް ބާރުގަދަ ވެރިކަމަށް ނޫނެކޭ ބުނެ، ރައްޔިތުން މިވަނީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ވެރިޔަކާ ގައުމު ހަވާލުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމާއި އެ މަނިކުފާނުގެ މަޑުމައިތިރިކަމާއި ވިސްނުންފުޅު ތޫނު ކަމަކީ ރައްޔިތުންނަށް އެންމެ ކަމުދާ ސިފަތަކެވެ. ކުރީގެ ސަރުކާރުތަކާއި ވެރިންނާއި ހިލާފަށް "ހެޔޮ ވެރިކަމެއް" ކޮށްދެއްވާނެ ކަމުގެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު އަބަދުވެސް ދެއްވަ އެވެ. އަދި ވޭތުވެދިޔަ ތާނގައި ރައީސް ވަނީ އެ ނަމޫނާ ދައްކަވާފަ އެވެ. އެއީ އާދައިގެ ރަމްޒީ ބޭފުޅެކޭއެއް މިހާރަކުއެއް ނުބުނެވޭނެ އެވެ.

"އެއީ ރަމްޒީ ރައީސެއް ނޫން. އެއީ ދިވެރި ރާއްޖޭގެ ވެރިޔާ، ރައީސް އެމަނިކުފާނަށްވުރެ އުސް ގޮނޑިއެއްގައި އެއްވެސް ބޭފުޅަށް ނީށީނދެވޭނެ،" އަލަށް މަޖިލީހަށް އިންތިހިހާބުވެ ވަޑައިގެންނެވި ބޭފުޅަކު ނަން ހާމަ ނުކުރައްވާ ވިދާޅުވި އެވެ.

އެމްޑީޕީއަކީ ވެސް ނަމޫނާ ޕާޓީ އެކެވެ. އެކަމަކަށް ދެކޮޅު ހެދޭކަށް ނޯންނާނެ އެވެ. އެމްޑީޕީވެސް ވެއްޓުމާ ކުރިމަތިލި އެވެ. އެކަމަކު ތެދުވެ އެވެ. ކާމިޔާބާއި ނާކާމިޔާބީގައި ވެސް ޕާޓީގެ ގޮތުގައި ދެމި އޮވެ އެވެ. ހާއްސަކޮށް، ރައީސް ސޯލިހު އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހުންނެވި އިރު އެކަން ވަރަށް ބޮޑަށް ދައްކައި ދިނެވެ.

މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ކަންކަމުގައިވެސް، އަދި ބޮޑެތި ސިޔާސީ ޒުވާބުތަކުގައި ވެސް، ހިކުމަތްތެރިކަން ދެއްކެވި ބޭފުޅަކީ ރައީސް ސޯލިހެވެ. ނަތީޖާއަކީ ބޮޑެތި ހިތްހަމަ ނުޖެހުންތަކާއި، އަރައިރުންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ރުހުން ބޮޑު ބޭފުޅަކަށް އެމަނިކުފާނު ވެ ވަޑައިގަތުމެވެ.

މިހާރު އިވޭ އަޑުތަކާއި ފެންނާން އުޅޭ މަންޒަރުތަކަށް ބަލާއިރު ސިޔާސީ ގޮތުން ރައީސް ސޯލިހުގެ އެކުވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހަސަދަވެރި ކަމެެއް އުފެދެމުން އަނދަމުން އަންނަކަން އެނގޭވަރު އެބަ ވެއެވެ.

އިހަށް ޖެހިލާއިރު ރިޔާސީ އިންތިހާބުގެ ކުރީން އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ދައްކާނެ ފަރާތެއް ކަނޑައެޅުމުގައިވެސް، ލަސް ވެގެން އައީ ވަކި ބޭފުޅަކު ރައީސް ކަމަށް ވަޑައިގަތުމުގައި އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އެކަމަކު ރައީސް ސޯލިހުގެ ނަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މޭޒަށް ދިއުމުން ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެހުނެވެ. އެމަނިކުފާނަށް ރުހުން ލިބުނެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައު އެކަން ނިންމުންވީ އޭރު އުނދަގޫ ކަމަކަށެވެ.

ރައީސް މުހައްމަދު ނަޝީދު ގެންދެވީ ފަހު ވަގުތާ ހަމަޔަށްވެސް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމުގެ އުންމީދު ކުރައްވަމުންނެވެ. އޭރު ހާލަތު އޮތް ގޮތުން އެމަނިކުފާނަށް ކުރިމަތިލެވޭނެ މަގެއް ނެތުނީ އެވެ. "އޮޕްޝަން ޓޫ" އަކީ ރައީސް ސޯލިހަށް ހަދަން މަޖުބޫރުވީ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އއ. އުކުޅަހުގައި ބާއްވައި، ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ރައީސް ސޯލިހު ކަނޑައެޅުއްވި ނަމަވެސް އޭރުވެސް އެމްޑީޕީގެ ބައެއް ބޭބޭފުޅުންގެ ވިސްނުން ހުރީ ރައީސް ސޯލިހަކީ "ވަގުތީ" ބޭފުޅަކަށް ހަދާށެވެ. އިންތިގާލީ ވެރިކަމެއް ގާއިމްކޮށް ދައުރުގެ މެދުން އިންތިހާބެއް ބާއްވާށެވެ. ނަމަވެސް އެ ގޮތް ވޯކް ނުކޮށް އެ ވާހަކަ އޮބުނީ ރައީސް ސޯލިހު މިހާތަނަށް ރައްޔިތުންނަށް ދެއްކެވި ސިޔާސީ ޝަހުސިއްޔަތުގެ ސަބަބުންނެވެ.

ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން ރައްޔިތުން ބޭނުންވެފައި ތިބި ވަރު ރައީސް ސޯލިހަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަސް އަހަރުގެ ޓާމެއްގެ ފުރިހަމަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނު ލިބި ވަޑައިގަންނަވަން ޖެހޭނެ ކަމުގެ އަޑު ގަދެވެ އިންތިގާލީ ވެރިކަމުގެ ވާހަކަ ހުއްޓުނީ އެހެން ވެގެނެވެ. "ބަރުލަމާނީ އަކަށް ދިޔަސް ދާނީ ރައީސް ސޯލިހު ރުހި ވަޑައިގަންނަވަންޏާ" އޭ ބުނާން ފެށީ ވެސް އެހެންވެގެނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ރައީސް ނަޝީދު ކެމްޕެއިން ކޮށްދެއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި ރައީސް ސޯލިހުގެ ކެމްޕޭނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުންނެވެ. ރައީސް ނަޝީދުވ ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ސަބަބުން "ޕޮޒިޓިވް" ބައެއް މީހުންވެސް ވިސްނުން ވެސް "ނެގެޓިވް" ވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެކަން ފާހަގަ ކުރަން އެމްޑީޕީން މާ ބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ. އެގޭ ބަދަލުގައި ފެންނަ މަންޒަރަކީ ރައީސް ކަމުގެ މަގާމަކީ ރައީސް ނަޝީދުގެ އެއްޗެއްކަން ނުވަތަ ރައީސަކީ ރައީސް ނަޝީދު ކަމަށް ދައްކާ މަންޒަރެވެ. ރައީސް ސޯލިހަކީ "ރަމްޒީ" ބޭފުޅެއް ކަމަށް ސިފާވާ ގޮތަށް ކަން ކުރާ މަންޒަރެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ރަށްރަށް ވަޑައިގެން ސަރުކާރުގައި އެއްވެސް ހައިސިއްޔަތެއް ނެތި ސަރުކާރުގެ ބަހެއް ނުހޯދައި، ސަރުކާރުގެ ނަމުގައި ވައުދުތައްވި އެވެ. ހައުސިން ޕްރޮޖެކްޓްތަކާއި އެނޫންވެސް މަޝްރޫއުތައް އިއުލާން ކުރި އެވެ.

ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ "އިންޑިއާ ފަސްޓް" ކަމަށް ވިދާޅުވެ ބައިނަލް އަގުވާމީއަށް އިންޓަވިއުތައް ރައީސް ސޯލިހު ހުންނަވަނިކޮށް ރައީސް ނަޝީދު ދެއްވުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ.

"އޭގެ ބޭނުމަކީ މެސެޖެއް ދެއްވުން، ވެރިކަމުގެ ބާރު އޮތީ ކޮން ދިމާއެއްގައިކަން ދައްކާލުން ރައީސް ސޯލިހަކީ ރަމްޒެއްގެ ގޮތުގައި ދެއްކުން،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަކީ ރަމްޒީ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްދޭން ވެސް އަދި "ރައްޔިތުންގެ ރައީސް" ގެ ގޮތުގައި ސިފަ ކޮށްދޭން ވެސް ސިޔާސީ ގޮތުން އެންމެ މޮޅަށް ކުޅުއްވޭނެ އަދި ވާހަކަ ދެއްކެވޭނެ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. އެހެން ނަމަވެސް މަންޒަރު ދައްކާ ގޮތުން މުޅީން ފެންނަނީ އެހެނެއް ނޫނެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިންތެރޭގައި ސަރުކާރު ކޯލިޝަން ރޫޅާލަން ރައީސް ނަޝީދު ފާޅުގައި މަސައްކަތް ކުރެއްވި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"ޖޭޕީ އާއި ގާސިމް އިބާރާހިމަށާއި ރައީސް މައުމޫނަށް ފާޅުގައި ފާޑު ވިދާޅުވަމުންގެންދެވީ އެ މަގުސަދުގައި ކުރެއްވި ކަމެއް" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

މިހާރު ފެންނަ މަންޒަރަށް ބަލާއިރު މަޖިލިސް މެދުވެރިކޮށް، ރައީސް ސޯލިހުގެ ސަރުކާރުގެ ބާރުތައް ކުޑަކޮށްލާފާނެ އެވެ. މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ފާސް ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލަން ވިސްނަމުންދާ ކަމުގެ އަޑުތައް ބޭރުވެފައި އޮތް އޮތުމަކީ އޭގެ ފެށުމެވެ.

މިވަގުތަށް މަޖުލިހުގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައިތޯ ނޫނީ ރައީސް ނަޝީދުގެ އަތްޕުޅުގައިތޯ ބުނާކަށްކަށް އެކަަކަށް ވެސް ނޭނގެ އެވެ. އެކަން ސާފުވާނެ ހިސާބަކަށްވާނީ މަޖިލިސް ރައީސްގެ ވޯޓެވެ. އެކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނަގާ ވޯޓް އެއީ ސިއްރު ވޯޓަކަށް ވިޔަސް ނުވިޔަސް އެކަން ސާފުވާނެ އެވެ.

މަޖިލީހުގެ ސީދާ ކޮންޓްރޯލް ރައީސް ނަޝީދު ނަންގަވައި، މަޖިލީހުގެ ރައީސަކަށް އެމަނިކުފާނަށް ވަފާތެރި، އަދު މިދިޔަ ފަސް އަހަރު ވެސް ހުންނެވި ކަހަލަ "ޕަޕެޓް ރައީސަ"ކު ލުމަށް މަސައްކަތް ކުރާކަން މިއީ "ގިރާވަރު ސިއްރެ" ކެވެ.

ރައީސް ސޯލިހަށް ވޯޓްދީ ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެނައީ ފަސް އަހަރުގެ ދައުރަކަށެވެ. ނިމިގެން ދިޔަ 100 އަށްވުރެ ގިނަ ދުވަގެ ރިޔާސީ މާޒީއަށް ބަލާއިރު ރައީސް ސޯލިހާ މެދު ޝަކުވާއެއް ކުރެވޭނެ ޖާގަހައެއް ނެތެވެ. އެހެން ކަމުން އެ މަނިކުފާނަށް ރައްޔިތުން ދިން ފަސް އަހަރު ފުލް ކެޕޭސިޓީގެ ބާރާއި އިހްތިޔާރާއެކު ބޭނުން ކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވާން ޖެހޭނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިވަގުތު އެޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް ސޯލިހެވެ. އެހެން ކަމުން ރައްޔިތުންނަށް ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހުކަން އޮޅޭ ވަރަށް "ފްރޮންޓަށް" ނިކުމެވަޑައިގެން ރައީސް ނަޝީދު ބޭކާރު ވާހަކަ ދެއްކެވުން ހުއްޓާލައްވަންޖެހެ އެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ރައީސް ސޯލިހުގެ ހަތުރުންވެސް އެއްބަސްވާ ކަމެއް އެބަ އޮތެވެ. އެއީ ރައީސް ސޯލިހަކީ ސިޔާސީ ގޮތުން "ސްމާޓް" ބޭފުޅެއް ކަމެވެ. އެހެން ކަމުން އެމަނިކުފާނަކީ ރަމްޒީ ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން ކުރާ ކަންކަން ފުރޮޅައިލުމުގެ ގާބިލުކަން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވެ އެވެ.

ލީޑަރުންގެ ގޮތުގައި ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް ގުނަ ގުނައި ތިއްބައި އެބޭފުޅުންނަށްވުރެ މާ ވަރުގަދަ ދެ ލީޑަރަކު ސިޔާސީ މައިދާނަށް އުފަންވެއްޖެ އެވެ. އެއީ ރައީސް ޔާމީނާއި، މިހާރުގެ ރައީސް ސޯލިހު އެވެ. ރައީސް ޔާމީން ވެރިކަން ކުރެއްވީ ބިރުވެރި ކަމެއް އުފައްދައިގެންނެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ލޯތްބާއެކު ރައްޔިތުންގެ ރައީސްގެ ގޮތުގަ އެވެ. އެހެން ކަމުން ފަހަރުގައި ރައީސް ނަޝީދުގެ ފޮލޯވާސް ރައީސް ސޯލިހަށް ޑައިވާޓް ވުމުގެ ބިރު އޮތުމަކީވެސް ސިޔާސީ ބައެ ފަރާތްތަކަށް އޮތް ބިރެކެވެ.

ރައީސް ސޯލިހު ވެރިކަން ކުރައްވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު މިއޮތީ ވަރަށް ތަފާތު ހިސާބަކަށް އާދެވިފަ އެވެ. ސިޔާސީ އިދިކޮޅެއް ނެތެވެ. މި ހިސާބުގައި ރާއްޖެ އޮތުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެކަމަކު ރައީސް ސޯލިހަކީ ރަމްޒެއްގެ ގޮތުގައި ދައްކަން ކުރާ މަސައްކަތަކީ ސިޔާސީ ގޮތުން މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ.