ހަބަރު

ގިނަ މައްސަލަތަކުގެ ހަގީގަތް އެނގިއްޖެ، ސާބިތު ކުރަން ހުރަސްތަކެއް

Apr 18, 2019
11

ތަހުގީގު ކުރަމުން އަންނަ ގިނަ މައްސަލަތަކުގެ ހަގީގަތާ ހަމަޔަށް ވާސިލްވެފައިވާ ކަމަށާއި ނަމަވެސް ކޯޓުތަކުގައި އެކަންކަން ސާބިތު ކުރެވޭ މިންވަރަށް ތަހުގީގު ނިންމަން ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

މަރު ތަހުގީގު ކުރާ ކޮމިޝަނުން މިހެން ބުނިއިރު އެންމެ ފަހުން އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ ތެރޭގައި މައްސަލަތަކުގެ ތަހުގީގު ނިންމާލެވޭނެ ކަމަށެވެ. އަދި ތަހުގީގު ނިމުމަށް ފަހު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވެސް އޭރު ކޮމިޝަނުން ބުންޏެވެ.

"އަވަސް" އިން މިއަދު ސުވާލު ކުރުމުން ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ މިހާތަނަށް ބަލަމުން އައި މައްސަލަތަކުގެ ތަހުގީގު ހުއްޓުމެއް ނެތި ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި ގިނަ މައްސަލަތަކުގެ ހަގީގަތާ ހަމަޔަށް ވާސިލުވެވިފައިވާއިރު ތަހުގީގުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ތަހުގީގު އެއްކޮށް ނިންމާލުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން މައްސަލަތަކާ ގުޅިގެން އެކި ފަރާތްތަކުގެ ބަޔާން ނެގި ނަމަވެސް 2017 ވަނަ އަހަރު ތަސްދީގު ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ ބަޔާންތައް ޝަރީއަތުގައި ސާބިތު ނުކުރެވޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް ބަޔާން ނަގާ އެ ބަޔާންތަައް ކޯޓަށް ފޮނުވޭނީ ތަހުގީގީ ބާރުތައް ދީފައިވާ ފަރާތްތައް، ނަމަވެސް އަޅުގަނޑުމެންގެ އެ ބާރެއް އަދި ނުލިބޭ، އެހެންވެ އެ ބަޔާންތައް ނެގިކަމުގައިވީ ނަމަވެސް އަދި އޭގައި ތަހުގީގަށް ކިތަންމެ މުހިންމު ވާހަކަތަކެއް ހުރި ނަމަވެސް އެ ކޯޓުގެ މަރުހަލާގައި ބަލައެއް ނުގަނެވޭ،" ސުއޫދު ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ އެ ބާރުތައް ވެސް އެ ކޮމިޝަނަށް ދޭ ގޮތަށެވެ. ނަމަވެސް އެ ބިލު މަޖިލީހުގައި ފާސް ނުވެ އޮތީ ހިފަހައްޓައިފަ އެވެ. އެހެންވެ ތަހުގީގަށް ބޭނުންވާ ބާރުތައް އެ ކޮމިޝަނަށް ނުލިބެ އެވެ. ނަމަވެސް އާ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ ރައީސް ސޯލިހުގެ އެ ވައުދު ފުއްދުމަށްޓަކައި ކޮމިޝަނަށް ބާރުތައް ދޭން ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ސުއޫދު ވިދާޅުވީ ކޮމިޝަންއަށް ގާނޫނީ ބާރު ލިބުމާއެކު ތަހުގީގަށް ހުރި ބޮޑެތި ގޮންޖެހުންތައް ފިލައިގެން ދާނެ ކަމަށެވެ. ނަމަވެސް އަލުން އެ ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭނެ ކަމަށް ސޫއޫދު ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނުން އަންނަނީ ނޫސްވެރިޔާ އަހުމަަދު ރިލްވާން އާއި ޑރ. އަފްރާޝިމް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން ވެސް އާންމުނަށް ހުޅުވާލައިގެން ހުށަހެޅުނު ގިނަ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.