ދުނިޔެ

އުތުރު ކޮރެއާއިން އާ ހަތިޔާރެއް ޓެސްޓު ކޮށްފި

އުތުރު ކޮރެއާއިން އާ ހަތިޔާރެއް ޓެސްޓު ކޮށްފި ކަމަށް އެ ގައުމުގެ މީޑީއާއިން ރިޕޯޓުކޮށްފި އެވެ. އުތުރު ކޮރެއާގެ މީޑީއާއިން މިފަހަރު ޓެސްޓް ކުރި ހަތިޔާރުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

އެއްބަސްވުމަކާ ހަމައަށް ނުދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހު ދެކުނު ކޮރެއާއިން ހަތިޔާރެއް ޓެސްޓް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ނިއުކްލިއާ ހަތިޔާރު މަނާ ކުރުމަށް ނުވަތަ މަދު ކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފެބްރުއަރީ މަހު ދެ ގައުމުގެ ވެރިންގެ ދެމެދުގައި ބޭއްވި ބައްދަލުވުން ނިންމާލާފައިވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލާގައި ހައްލެއް ނުލިބި ކުއްލި ގޮތަކަށެވެ.

ރައީސް ކިމް ޖޮންގް-އުން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދެކެވޭނީ އެމެރިކާގެ ރައީސްގެ "ވާހަކަ ދެއްކުމުގެ މިޒާޖަށް" ރަނގަޅު ބަދަލެއް ގެނައުމަށް ފަހު ކަމަށެވެ.

ރައީސް ކިމް ވިދާޅުވަނީ އެމެރިކާއިން ކަންތައް ރަނގަޅު ކުރަން އުޅޭ ކަމާމެދު ޝައްކު ކުރެވޭ ކަމަށެވެ. އަދި އެމެރިކާއިން މި މައްސަލާގައި ހައްލެއް ހޯދަން ބޭނުންވާ ނަމަ ދެފަރާތުން ވެސް ބަލައިގަނެވޭ ވަރުގެ އެއްބަސްވުމަކާާއި ހަމައަށް ވާސިލްވާން ރީތިކޮށް ވާހަކަ ދައްކާނެ ކަމަށެވެ.

އެމެރިކާއިން އުތުރު ކޮރެއާއަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުމުން އެ ގައުމު ކުޑަކޮށްލާ "ސައިޒަށް" ލެވޭނެ ކަމަށް ކުރަމުންދާ ކުށްހީ ދޫކޮށްލުމަށް ފަހު ސުލްހަވެރި ކަމާއެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް އެ ގައުމުން ވަނީ އެމެރިކާއަށް ގޮވާލާފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް އެމެރިކާއަށް ޕްރެޝަރު ކުރުމުގެ ގޮތުން އުތުރު ކޮރެއާއިން މިފަދަ ހަތިޔާރު ޓެސްޓުކުރި އެވެ. މިހެން އޮތްނަމަވެސް ދެ ގައުމުގެ ލީޑަރުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކަމަށް
ބުނެ ދެފަރާތުން ވެސް ދަނީ ތައުރީފުގެ ޓްވީޓްތައް ކުރަމުން ނެވެ.