މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މުޅި ރާއްޖެއިން ފޭރުމުގެ 121 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މާލެއިން 113 ފޭރުމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި ހދ. އަތޮޅުން ދެ މައްސަލައަކާއި މ. އަތޮޅުން އެއް މައްސަލައާ ގއ. އަތޮޅުން ދެ މައްސަލައާ ގދ. އަތޮޅުން އެއް މައްސަލަ އަދި އައްޑޫ އަތޮޅުން ފޭރުމުގެ ދެ މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިޒްމިއާ ވިދާޅުވީ، މާލެއިން ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ ނުވަ މައްސަލައަކާއި ހަތިޔާރު ބޭނުންު ނުކޮަށް ފައިސާ ފޭރުމުގެ އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން މާލެ އިން ހުށަހަޅާފައިވަނީ ހަތިޔާރު ބޭނުން ނުކޮށް މޯބައިލް ފޯން ފޭރުމުގެ މައްސަލަތައް ކަމަށެވެ. މޯބައިލް ފޯން ފޭރުމުގެ 56 މައްސަލައެއް މިމަހުގެ ފުރަތަމަ ތިން މަސް ދުވަހު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސްގައި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮޮލިސް އިސްމާއިލް ނަދީމް ވިދާޅުވީ، މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އެޑިޕާޓްމަންޓަށް ފޭރުމުގެ 71 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އަދި އެމައްސަލަތަކުގައި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަތިޔާރު ބޭނުން ނުކޮށް މަގުމަތިން ސައިކަލުގައި ދަމުން މޮބައިލް ފޯން ފޭރުމުގެ މައްސަލައެއް، މިގޮތުން 43 މައްސަލައެއް ހުށަހެޅިފައިވޭ، ދެވަނަ އަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ހަތިޔާރު ބޭނުން ނުކޮށް މަގުމަތިން ސައިކަލްގައި ދަމުން ވޮލެޓް ނުވަތަ އަތް ދަބަސް ފޭރުމުގެ މައްސަލަ، އަށް މައްސަލައެއް ހުށަހެޅިފައިވޭ، ހަތަރު މައްސަލައެއް ތަހްގީގް ފުރިހަމަކޮށް ޕީޖީއަށް ފޮނުވިފައިވޭ،" ނަދީމް ވިދާޅުވި އެވެ.
އޭޣެ ތެރެއިން ހަތަރު މައްސަލައެއްގެ ތަހުގީގް ނިންމައި ދައުވާ ކުރުމަށްވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޭރުމުގެ މައްސަލަތައް ހިނގާ ބައެއް ސަރަހައްދުތައް، އާޓިފިޝަލް ބީޗްތެރެ، ރޭގަނޑުގެ ވަގުތުތަކުގައި، އިންޑަސްޓްރިއަލް ޒޯންގައިވެސް ރޭގަނޑުގެ ވަގުތުތަކުގައި، އުސްފަސްގަނޑު ސަރަހައްދުންވެސް ރޭގަނޑުގެ ވަގުތުގައި،"
ނަދީމް ވިދާޅުވީ، އެންމެ ގިނައިން ފޭރުމުގެ މައްސަލަތައް ހިނގާފައިވަނީ ހެންވޭރުން ކަމަށާއި އެއީ 22 މައްސަލައެއް ކަމަށެވެ. ދެވަނަ އަށް މާފަންނުން ކަމަށާއި އެއީ 18 މައްސަލައެއް ކަމަށެވެ. ގަލޮޅުން 14 މައްސަލައެއް ހުށަހަޅާފައިވާއިރު މައްޗަންގޮޅިން 10 މައްސަލަ މިއަހަރުގެ ފުރަތަމަ ތިން މަހު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެފަދަ ފޭރުންތައް ހިންގާފައިވަނި މާ ބޮޑު ރޭވުންތެރި ކަމެއްނެތި ކަމަށާއި އެއަމަލުތަކަކީ ފުރުސަތުގެ ބޭނުންކޮށްގެން ހިންގާފައިވާ އަމަލުތަކެއް ކަމަށްވެސް ނަދީމް ވިދާޅުވި އެވެ.
"ފާހަގަ ކުރެވޭ މައްސަލަތައް ހިނގާފައިވާ ގޮތުގެ ތެރޭގައި މަގު ހިނގާއިރު، ސައިކަލް ދުއްވާއިރު ފޯނާއި އަތް ދަބަސް ފޭރިގަންނަން ފާސޭހަވާގޮތަށް ގެންގުޅުން، ވަރަށް މުހިންމު ފޯން ކޯލެއް ކުރަން ކަމަށްބުނެ ފޯނު އަތުލައިގެން ފޯނުހިފައިގެން ފިލުން، އޮންލައިންކޮށް ފޯނުވިއްކާ ފަރާތްތައް ފޯނު ގަންނާނެ ކަމަށްބުނެ ފޯނު ޖަހައިގަނެގެން ފިލުން، މީހުން މަދު ހިސާބުތަކުގައި އެކަހެރިކޮށް ތިބޭ މީހުންނަށް ބިރުދައްކައި ފޭރުން، ވަކި މީހެއްގެ ފޮޓޯތަކެއް ފޯނުގައި ހުރިކަމަށާއި އެކަން ބަލަން ބޭނުންވާކަމަށްބުނެ ބިރުދައްކައި ލޮކް ކޯޑް ވެސް ހޯދައި ފޯނު ދިނުމުން ފޯން ހިފައިގެން ފިލުން،" ނަދީމް ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި އެންމެ ގިނައިން ފޭރިފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ އަތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.