ދުނިޔެ

ޔަމަނުގައި މަރުވި މީހުންގެ އަދަދު 70،000 އަށް ވުރެ މައްޗަށް

Apr 20, 2019

ސަނާ (އޭޕްރީލް 20) - ޔަމަނުގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއިން ޖެނުއަރީ 2016 އިން ފެށިގެން މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަމިއްލަ ޖަމާއަތަކުން ބުނެފި އެވެ.

ޔަމަނުގެ ހަނގުރާމަ ކައިރިން ބަލަމުންދާ އަމިއްލަ ޖަމާއަތެއް ކަމުގައިވާ އާމްޑް ކޮންފްލިކްޓް އެންޑް ލޮކޭޝަން އިވެންޓް ޑޭޓާ ޕްރޮޖެކްޓް (އޭސީއެލްއީޑީ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބައެއް ސަރަހައްދުތަކުގައި ހަނގުރާމަ ބޮޑުވެފައިވީ ނަމަވެސް، އދ. މެދުވެރިވެގެން ހަމަލާތައް ބަދަލުކުރުން ބައެއް ސަރަހައްދުގައި ހުއްޓާލުމާއި ގުޅިގެން، މީހުން މަރުވަމުންދާ އަދަދު ވަނީ މަޑުޖެހިފަ އެވެ.

ޔަމަނުގެ ސަރުކާރާއި އެއްކޮޅަށް މަސައްކަތް ކުރާ އިއްތިހާދުން ހޫސީންގެ ހަނގުރަމާވެރި ޖަމާއަތްތަކާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ނަމަވެސް، އެ އެއްބަސްވުމަށް އެކަށީގެންވާ މިންވަރަށް އިހުތިރާމް ނުކުރާ ކަމަށް އދ. ސެކިޔުރިޓީ ކައުންސިލުން ވަނީ އިންޒާރުދީފަ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫސީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ތިން އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.