ގައުމީ ފުޓްބޯޅް ޓީމް

ބޮޑު ބްރޭކުގެ ބޭނުމެއް ގައުމީ ޓީމަށް ނުހިފުނު!

ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ޖޫންގައި ފަށާނެ ކަމަށް އެފްއޭއެމުން ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ސީޒަން ޖޫންގައި ފެށުމަށް އާނ ބަސް ބުނީ، ފުރަތަމަ ޑިވިޝަންގެ ކުލަަބުތަކުންނެވެ. ކުލަބުތަކަށް އެކަމަށް އާނ ބަސް ބުނީ، އެފްއޭއެމުން ހުށަހެޅި ތިން ހުށަހެޅުމަށް ރިއާޔަތްކޮށް، ގައުމީ ޓީމަށާއި ކުޅުންތެރިންނަށް އެންމެ ފައިދާ ހުރި ގޮތަކީ ޖޫންގައި ސިޒަން ފެށުން ކަމަށް ފެންނާތީ އެވެ.

އެންމެ ފަހުގެ ފުޓްބޯޅަ ސީޒަން ނޮވެމްބަރުގައި ނިމުނު ގޮތަށް އަދި މިދަނީ އޮފް ސީޒަންގެ ބްރޭކެވެ. ބައެއް ޓީމުތަކުން މި ހަފުތާގައި ޕްރެކްޓިސް ފަށިނަމަވެސް ކުރިއަށް އޮތް ރޯދަ މަހު ޕްރެކްޓިސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވޭނެ އެވެ. އާ ސީޒަނާ ކޮންމެ ކުލަބަކުންވެސް ކުރިމަތިލާނީ ވަރުބަލި ކަމާއެކު އެވެ. އެހާ ގިނަ ދުވަހު ވާދަވެރި މެޗުތަކެއް ނުކުޅެ ތިބެ ކުރިއަށް ސީޒަނަށް ކުރިމަތިލާއިރު އެކަމުގެ ނުރަނގަޅު އަސަރު ކުޅުންތެރިންނަށް ކުރާނެ އެވެ.

މި އަހަރަކީ، ގައުމީ ފުޓްބޯޅަ ޓީމަށްވެސް އެންމެ ބާރު ބޮޑު އެއް އަހަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ވޯލްޑްކަޕް ކޮލިފައިންއާއި، ސައުތު އޭޝިއަން ގޭމްސްވެސް މި އަހަރު އެބައޮތެވެ. ވާދަވެރި މެޗެއް ނުކުޅެ ހަތް މަސް ދުވަސް ހޭދަކޮށްފައި ސީޒަން ފަށާން ޖެހުމުން އޭގެ އަސަރު ގައުމީ ޓީމަށް ވެސް ކުރާނެ ކަން ޔަގީނެވެ.

އެކަން ފޫބެއްދުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގައުމީ ޓީމުން އޭގެ ބޭނުން ހިފުނުނަމަ ކުޅުންތެރިންނަށާއި، މުޅި ޓީމަށް ފައިދާ ކުރީހެވެ. އާ ސީޒަން ޖޫންގައި ފެށުމަށް ކުލަބުތަކުން އެއްބަސްވި އެންމެ ބޮޑު ސަބަބަކީވެސް ގައުމީ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ހުށަހެޅުމުގައި އޮތުމުންވެ. ބޮޑު ބްރޭކެއް ދިޔައިރު އޭގެ ބޭނުމެއް ގައުމީ ޓީމަށް ނުހިފުނެވެ. ޒުވާން ޓީމު ސައުދީ އަރަބިއްޔާގައި އޮތް އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަ ކުރުން ފިޔަވައި ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއް ވޭތުވެގެންދާ ހަތް މަސްތޭރޭގައި ނެތެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ފަހުން ސީނިއާ ޓީމުން އެއްވެސް މެޗެއް ނުކުޅެ އެވެ. މި ބްރޭކުތެރޭގައި ސީނިއާ ޓީމުން މެޗުތަކެއް ކުޅެން ރޭވިނަމަ، ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ވޯލްޑްކަޕް ކޮލިފައިންއަށް ދާއިރު އޭގެ ފައިދާ ކުރާނެ އެވެ. ދިގު ބްރޭކަކަށް ފަހު ސީޒަން ފެށުމުން، ކުޅުންތެރިން ތައްޔާރު ކުރުމަށް އުނދަގޫ ވާނެ އެވެ.

އެނގިފައިވާ ގޮތުގައި، މި ސަރަހައްދުގެ ދެ ގައުމަކުންވެސް ރާއްޖޭގެ ސީނިއާ ޓީމާ ދެކޮޅަށް ކުޅެން ޝައުގުވެރިކަން ފާޅު ކުރި އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ވިދާޅުވީ ކުވައިތު އާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަން ފަހުން ދިޔަ ހިސާބެއް ނޭންގެ އެވެ.

އާ ފުޓްބޯޅަ ސިޒަންގެ ކަލަންޑަރު މިހާތަނަށް އެފްއޭއެމުން އާންމުކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް، ކުލަބުތަކާ ހިއްސާކޮށްފައިވާ ޑްރާފްޓްގައިވާ ގޮތުން އާ ސީޒަން ފަށާނީ ޖޫން ނުވައެއްގަ އެވެ. އެއީ ރޯދަ މަސް ނިމޭތާ ތިން ވަނަ ދުވަހު އެވެ. އެއަށް ފަހު ޖޫން 12 ވަނަ ދުވަހު ޕްރެޒިޑެންޓް ކަޕު ފަށަނެ އެވެ. ޕްރެޒިޑެންޓް ކަޕް ނިމެނޭނީ ޖުލައި ފަސް ވަނަ ދުވަހު އެވެ. އެ މުބާރާތަށް ފަހު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ސީޒަން މެދު ކަނޑާލާނެ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓް ފަށާނީ، ޖުލައި 19 ގަ އެވެ.

ޕްރެޒިޑެންޓް ކަޕަށް ފަހު ގޭމްސްއާ ދެމެދު 13 ދުވަހުގެ މުއްދަތެއް ގައުމީ ޓީމު ތައްޔާރުވުމަށް ލިބޭނެ އެވެ. ހަތް މަސް ދުވަސްވަންދެން ވާދަވެރި މެޗެއް ނުކުޅެތިބެ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަހަލަ ވަރުގަދަ މުބާރާތަކަށް އަށް ތައްޔާރުވުމަށް 13 ދުވަހުގެ މުއްދަތަކީ އެންމެ އެކަށޭނެ މުއްދަތަކަށް ނުވާނެކަން ޔަގީނެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އޮނާންނެ އެވެ. ދެ ވަނަ މެޗު ސެޕްޓެމްބަރު 10 ގަ އެވެ. ޑްރާފްޓް ކަލަނޑަރުގައިވާ ގޮތުން ކޮލިފިކޭޝަންގެ ފުރަތަމަ މެޗަށް ތައްޔާރުވާން ލިބޭނީ، ހަ ދުވަހެވެ. މިއީ ޑްރާފްޓްގައި ހުރި ތާރީހްތަކާއި އަދަދުތަކެވެ. ފަހަރެއްގައި ފައިނަލު ކަލަނޑަރު އިއުލާން ކުރާއިރު ބަދަލުވެދާނެ އެވެ.

ސީޒަން ފެށުމުން އެހާ ދިގު މުއްދަތަކަށް ކުޅުންތެރިން ދޫކުރަން ކުލަބުތަކު އެއްބަސް ނުވެދާނެ ކަމަށް ގަބޫލު ކުރަމެވެ. އެކަން ފޫބައްދަން މިދާ ހަތް މަސްދުވަހުގެ މުއްދަތުގައި ސީނިއާ ގައުމީ ޓީމަށް މެޗުތަކެއް ކުޅެން ހަމަޖެސުނީހެވެ. އޭގެ ފައިދާ ރަސްމީ މެޗުތަކާ ކުރިމަތިލާއިރު ރާއްޖެއަށް ކުރާނެ އެވެ. ނަމަވެސް މި ބޮޑު ބްރޭކުގެ ބޭޏުމެއް ގައުމީ ޓީމަކުން ނުހިފި އެވެ.