މާޒިޔާ

ކީޕަރު ހުސައިން މާޒިޔާގެ އެއްބަސްވުން އާ ކޮށްފި

ގައުމީ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސަން ޝަރީފް މާޒިޔާގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ، މާޒިޔާއާއެކު އާ އެއްބަސްވުން ހެދީ ތިން އަހަރު ދުވަހަށެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފެށިގެން މާޒިޔާގެ އެއް ނަންބަރު ކީޕަރަކީ ހުސައިން އެވެ. މިދިޔަ އަހަރު އެ ޓީމަށް ގެނައި އިޓަލީގެ ކީޕަރު މައުރޯ ބޮއެރިޗޯ މާލޭ ލީގްގެ ފަހު ކޮޅުގައި ފޮނުވާލުމަށް ފަހު، އެ މުބާރާތުގެ އެންމެ ފަހު ހަތަރު މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ ހުސައިން، ސީނިއާ ޓީމުން ދިން ފުރުސަތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، އެހެން ކީޕަރެއް ނުގެންނަން މާޒިޔާއިން ނިންމި އެވެ.

ބެލެވޭގޮތުގައި، މި އަހަރުވެސް މާޒިޔާގެ އެއް ވަނަ ކީޕަރަކަށް ވާނީ ހުސައިންއެވެ. މިދިޔަ މަހު ބޭއްވި އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ޒުވާން ގައުމީ ޓީމުގައި ހުސައިން މޮޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ދެ މެޗުގައި އޭނާ ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެ އެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކީޕަރު ހުސައިން ކަމަށެވެ. ސީނިއާ ގައުމީ ޓީމުގައި އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އަހަރު ނޮވްމެބަރު މަހު މެލޭޝިއާއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގަ އެވެ.

ތ. ކިނބިދުއަށް އުފަން، ހުސައިން މާޒިޔާއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ސޮއި ކުރަން ހަމަޖެހުނީ ކުލަބު އީގަލްސްއަށެވެ. ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗް އަދި އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އަށް ހުސައިންގެ ކުޅުން ފާހަގަވީ ތ އޮޅުގައި ބޭއްވި މުބާރާތެއްގައި އޭނާގެ އުފަން ރަށު ޓީމަށް ކުޅެމުން ދަނިކޮށެވެ. މާލެ އައިސް އީގަލްސްގެ ޕްރެކްޓިހަށްވެސް އޭނާ ނިކުތެވެ. އެހެންނަމަވެސް އީގްލްސް އާއެކު ރަސްމީ ކޮންޓްރެކްޓެއް ނެތެވެ.

މާޒިޔާއަށް އޭނާ ގުޅުނީ، އޭރު މާޒިޔާއަށް ކުޅެމުން ދިޔަ، މިޑްފީލްޑަރު އަސްހަދު އަލީ 'އަޑޭ' ގެ އެދުމުގެ މަތިންނެވެ. އަޑޭ އާއި ހުސައިން އަކީ ތިމާގެ ދެ މީހުންނެވެ. އާ ސީޒަނަށް ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރިކޮށް ފެންނަނީ މާޒިޔާ އެވެ.

މިދިޔަ އަހަރު ޓީސީއަށް ކުޅުނު، އިބްރާހިމް ވަހިދު ހަސަން 'ފެލެއިނީ އިއްބެ' އާއި އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އަދި ޑިފެންޑަރު އަބްދުﷲ ހަނީފު 'ބެންޖޯ' ގެ ސޮއިވެސް މާޒިޔާއިން ހޯދި އެވެ. އަދި މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ހަމްޒާ މުހައްމަދު 'ހަމްޕް' އާއި ވިކްޓަރީއަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑާ ހުސައިން ނިހާން 'ނިހާޓް' ވެސް ވަނީ މާޒިޔާއަށް ގެނެސެްފަ އެވެ.

މިދިޔަ ތިން އަހަރު މާޒިޔާއަށް ކުޅުނު، އަހްމަދު އިމާޒު 'އާއްކޮ' އާއި ޔަޝްފާދު ހަބީބު 'މުލަކޭ' ގާސިމް ޝަމާމް 'ޝަންމޭ' އަދި އިސްމާއީލް އީސާ 'މެސީ' ވަނީ މާޒިޔާ ދޫކޮށްލާފަ އެވެ. މިދިޔަ ދޮޅު އަހަރު މާޒިޔާއަށް ކޯޗްކޮށްދިން އިސްމާއީލް މަހްފޫޒް 'އިންމަ' ވަނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ދަ ގްރޭންޑް ސްޕޯޓްސް ކުލަބަށް ބަދަލުވެފަ އެވެ. އާ ސީޒަނަށް މާޒިޔާއަށް އަދި ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ.