ދުނިޔެ

އިލެކްޝަން ތެރޭގައި 9 ފުލުހުން މަރުވި: އިންޑޮނޭޝިއާ

އިންޑޮނީޝިއާގެ އިލެކްޝަން ތެރޭގައި އެ ގައުމުގެ ނުވަ ފުލުހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ކެބިނެޓް ސެކްރެޓަރީ ނެރުއްވާފައިވާ އޮންލައިން ބަޔާނެއްގައި ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ނުވަ މީހުން މަރުވެފައިވަނީ އިލެކްޝަނާއި ގުޅުން ހުރި ކަންތަކުގައިކަމަށް މި ބަޔާނުގައި ވިދާޅުވެފައިވާއިރު މީގެ ތެރެއިން ބައެއް މީހުން ވަނީ ވަރުބަލިވެގެން ވެއްޓިފަ އެވެ. އަދި އަނެއްބައި މީހުން މަރުވެފައިވަނީ އެކްސިޑެންޓް ވުމުގެ ސަބަބުންނާއި ބަލިވުމުގެ ސަބަބުން ނެވެ.

އެޕްރީލް 17 ވަނަ ދުވަހު ބޭއްވި އިންތިހާބަކީ އެއްދުވަހުގެ ތެރޭގައި ކުރިއައްދިޔަ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި 192 މިލިއަނަށްވުރެ ގިނަ މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 80 ޕަސެންޓު މީހުން ވަނީ ވޯޓުލި އެވެ. އަދި ހަ ގަޑިއިރު ތެރޭގައި ނިންމާލާފައިވާ މި އިންތިހާބުގައި 7.2 މިލިއަން ޕޮލް މަސައްކަތްތެރިން ހަރަކާތްތެރިވެފައި ވެއެވެ.

އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޖޮކޯ ވިދޯދޯގެ ޓީމުން ނަންގަވާފައިވާ ޕޯލްއަށް ބެލުމަށްފަހު މި އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވައިފި ކަމަށް އިއުލާނު ކޮށްފައިވަނިކޮށް ވިދޯދޯއާއި ވާދަކުރެއްވި ކުރީގެ ޖެނެރަލް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވަނީ އިންތިހާބު ކާމިޔާބު ކުރެއްވީ އެބޭފުޅާ ކަމަށެވެ.

މިކަމުގެ ސަބަބުން އިންތިހާބުގެ ފަހު ނަތީޖާއާއި މެދު ޝައްކު އުފެދި ގާނޫނީ ފިޔަވަޅު އެޅުން ގާތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ.