ސިޓީ ކައުންސިލްތަކަށާއި ކައުންސިލްތަކަށް ބާރުތައް ދީގެން އެއްވެސް ފައިދާއެއް ވެގެންދިޔަ ތަނެއް އަދި ނުފެންނަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ވަނީ ސިޓީ ކައުންސިލްތަކަށް ގިނަ ބާރުތަކެއްދީފަ އެވެ. އެގޮތުން މާލެއިން ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓަރީ ކުރުމާއި އިމާރާތްކުރުމުގެ ކަންކަން ބެލެހެއްޓުމާއި އެކިއެކި ފަރާތްތަކުގެ ބިމާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުން ވެސް ކައުންސިލްގެ ދަށަށް ބަދަލުކޮށްފައި ވެއެވެ.
މީގެ އިތުރުން ވިހާ މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުން ވެސް ވަނީ ކައުންސިލްތަކަށް ދީފަ އެވެ. އަދި މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ވެސް ސިޓީ ކައުންސިލްތަކަށް ވަނީ ދީފަ އެވެ.
ޗެނަލް 13 އިގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ފަސް މަސް ވެގެންދިޔައިރު ފެނިގެންދަނީ ވަރަށް ވެސް ބަރުހެލިކޮށް މަސައްކަތްތައް ކުރަމުންދާ މަންޒަރު ކަމަށެވެ.
"އެއްވެސް ކަމެއް ރަނގަޅަށް ބެލެހެއްޓިގެން ނުދޭ، މާލޭގެ މަގުތައް މިހާރު ވަރަށް ގޮނޑުވެއްޖެ، ކުނި ގިނަވެފައިވަނީ، ކާނުތައް ބެދިފައި ވަނީ، ސިޓީ ކައުންސިލަށް ބާރުތަކެއް ދީގެން އަދި ފައިދާތަކެއް ވެގެންދިޔަ ތަނެއް ނުފެނޭ ގައިމުވެސް މާލެ އަކުން ނުފެނޭ. ސިޓީ ކައުންސިލަށް ބާރުތަކެއް ދީގެން އަދި އެއްވެސް ކަމެއް ރަނގަޅަށް ދާތަނެއް ނުފެނޭ" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ކުރިން ހައުސިން މިނިސްޓްރީގެ ދަށުގައި ހުރި ބައެއް ކަންކަން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ނަމަވެސް އެދެވޭ ގޮތެއްގައި އެކަންކަން ބެލަހައްޓައި އިންސްޕެކްޓް ކުރަމުން ވެސް ނުގެންދާ ކަމަށެވެ.
"އިމާރާތް ކުރުމުގެ ސަލާމަތީ ކަންކަން ނުބެލޭކަން މި އެނގެނީ އެތައް ހާދިސާތަކެއް ހިނގާތީ، ހިތާމަވެރި އެތައް ހާދިސާތަކެއް އެއީ ފުރާނައަށް ގެއްލުންވާފަދަ... އެއްވެސް އިންސްޕެކްޝަންއެއް މިހާރު ނުހިނގަ، ކުރިން ޓީމްތައް ނެރެގެން ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން އެކަންކަން ކުރިއަށް ގެންދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކަށް ޒިންމާތަކެއް ދީގެން އެ ޒިންމާ އަދާކުރާތަން ނުފެންނަ ކަމަށާއި ރަށްރަށުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަލަމުންނުދާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ފަސް މަސް ދުވަހު މި ސަރުކާރުން ކުރިހާ ވެސް ކަމަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފައްޓާފައިވާ މަސައްކަތްތައް ހުއްޓާލުމަށްފަހު އަނެއްކާވެސް އަލުން އެމަސައްކަތްތައް ފެއްޓެވުން ކަމަށެވެ.
"ދެން ކޮށްފައިހުރީ ނަން ބަދަލު ކުރުމުގެ މަސައްކަތް އެކަނި، އޭރުގައި ހިނގަމުންދިޔަ އެތައް ރަށެއްގެ މަގު ހެދުމުގެ މަސައްކަތްތަކެއް، އެކަންކަން މިހާރު މި ފެންނަނީ އަނެއްކާ ބިޑަށް ލައިގެން އަގުބޮޑުކޮށް ކުރަމުންދާތަން،" މުއިއްޒު ވިދާޅުވި އެވެ.