މާޒިޔާ

ސެކްލޮވްސްކީ އެނބުރި މާޒިޔާގެ ކޯޗުކަމަށް!

Apr 20, 2019

ދޮޅު އަހަރު ކުރިން މާޒިޔާއަށް ކޯޗުކޮށްދިން، މެސަޑޯނިއޯގެ މަރުޔާން ސެކްލޮވްސްކީ، އެބުރި އައިސް މާޒިޔާއާ ހަވާލުވެއްޖެ އެވެ.

މިޔަންމާގެ ގަދަ ބާރު ޔޮންގޮން ޔުނައިޓަޑަށް ކުރިން ކޯޗު ކޮށްދިން، ސެކްލޮވްސްކީ އެންމެ ފުރަތަމަ މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އޭނާގެ ކޯޗް ކަމުން މާޒިޔާއިން ވަނީ އެ އަހަރުގެ ޗެރިޓީ ޝީލްޑާއި މާލޭ ލީގް ކާމިޔާބު ކޮށްފަ އެވެ. ދިވެހި ލީގްގެ ފުރަތަމަ ބުރުން، މާޒިޔާގެ އެންމެ މުހިންމު ކުޅުންތެރިޔާ، ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވުމުން މާޒިޔާއަށް މައްސަލަ ކުރިމަތިވެ ތާވަލުގެ އެއް ވަނަ މާގަމު މާޒިޔާއަށް ގެއްލުނެވެ.

މާޒިޔާއިން އޭރު ސެކްލޮވްސްކީ ދޫކޮށްލީ އޮކްޓޫބަރު މަހުގެ ނިޔަލަށް އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން ކަމަށް އޭރު އެ ކުލަބުން ބުންޏެވެ. އެހެންނަމަވެސް މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބް، ވިދާޅުވީ ސެކްލޮވްސްކީ އޭރު މާޒިޔާއިން ދިޔައީ ކޯޗްގެ އާއިލީ ކަމެއްގައި ދާން ޖެހުމުން ކަމަށެވެ.

މަޖީދީ މަގުގައި ހުންނަ މާޒިޔާ ޓްރޭޑާސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ސެކްލޮވްސްކީ ވަނީ ކުރިން ރާއްޖޭގައި މަސައްކަތް ކުރި ދުވަސްތަކުގެ ހަނދާން އާ ކޮށްފަ އެވެ.

"އަހަރެން މާޒިޔާއަށް އެނބުރި އައީ މިތިބަ މީހުންނާ މެދު އަހަން އިތުބާރު އޮންނާތީ،" މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އާއި ޖެނަރަލް ސެކެޓްރީ ވައްހާބް އަށް އިޝާރާތްކޮށް ސެކްލޮވްސްކީ ބުންޏެވެ. "މާޒިޔާގެ ޗެއާމަން އާއި މި ކުލަބުގެ މެނޭޖުމެންޓުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ކަންތައްތަކެއް ކޮށްދީފައި، އަހަންނަށްވެސް މި މީހުންނާ މެދު އަދި މީ ޓީމުގެ ކުޅުންތެރިންނާ މެދުވެސް އިތުބާރު އޮވޭ."

ސް\ެކްލޮވްސްކީ ބުނީ، މާޒިޔާގެ ޓާގެޓް އަބަދުވެސް އޭނާއަށް އެނގޭކަމަށާއި ޓާގެޓަކީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީގައި އޮންނަ ކުލަބަށްް ވުން ކަމަށެވެ. އޭނާ ބުނީ، މާޒިޔާއަށް އަލަށް ގެނައި ދިވެހި ކުޅުންތެރިންގެ ފެންވަރުވެސް އޭނާއަށް އެނގޭ ކަމަށާއި 2017 ވަނަ އަހަރު އޭނާ މާޒިޔާގައި މަސައްކަތް ކުރިއިރު އެ ކުޅުންތެރިންނަކީ އެހެން ކުލަބުތަކުގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ.

ޖެނަރަލް ސެކެޓްރީ ވައްހާބު ވިދާޅުވީ، ސެކްލޮވްސްކީ އަނބުރާ މާޒިޔާއަށް ގެނައީ، އޭނާ އަކީ މިހާތަނަށް މާޒިޔާގައި މަސައްކަތް ކުރި އެންމެ މޮޅު ކޯޗު ކަމަށް ވެފައި ދިވެހި ފުޓްބޯޅަ އާއި އޭޝިއާގެ ފުޓްބޯޅަވެސް އެނގޭ ކޯޗެއް ކަމަށް ވުމުން ކަމަށެވެ.

"ކޯޗަކީ ޒުވާން ކުޅުންތެރިން ޑިވްލަޕް ކުރުމުގައިވެސް ފާހަކަ ކުރެވޭ މޮޅު ކޯޗެއް." ވައްހާބް ވިދާޅުވި އެވެ.

ސެކްލޮވްސްކީގެ ކޯޗު ކަމުން އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދިއުމާ ވަރަށް ގާތަށް މާޒިޔާއަށް ދެވުނެވެ. ލަނޑުގެ ތަފާތުން ގުރޫޕްގެ އެއް ވަނަ ހޯދި އެވެ. އެހެންނަމަވެސް ދެ ވަނަ ބުރަށް ނުދެވުނީ ހެޑްޓްހެޑްގައި އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ނުހޯދުމުންނެވެ.

ސެކްލޮވްސްކީގެ ކޯޗް ކަމުގައި އޭއެފްސީ ކަޕްގައި، އިންޑިއާގެ މޯހަން ބަގާންގެ މައްޗަށް މާޒިޔާއިން ހޯދި މޮޅަކީ 13 އަހަރު ފަހުން އިންޑިއާގެ ކުލަބެއްގެ މައްޗަށް ދިވެހި ކުލަބަކަށް ހޯދުނު ފުރުތަމަ މޮޅެވެ. އޭގެ ކުރިން ދިވެހި ޓީމަކަށް، އިންޑިއާގެ ކުލަބެއް ބަލި ކުރެވުނީ، 2003 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޕޮމިސްކަޕްގެ ގުރޫޕް ސްޓޭޖުގައި ވެލެންސިއާއިން އިންޑިއާގެ މަހިންދަރަ ޔުނައިޓަޑްގެ މައްޗަށެވެ.