ރޯދަ މަހަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ރަހުމަތުގެ ނަބިއްޔާ" މި އަހަރު ޕީއެސްއެމްއިން ގެނެސް ނުދޭން ނިންމާފައިވާތީ އެ ޕްރޮގްރާމްގެ ހޯސްޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އެ ޕްރޮގްރާމް ޕީއެސްއެމްއިން ގެނެސްދިނެވެ. އެ ޕްރޮގްރާމަކީ ކީރިތި ރަސޫލާގެ ސިޔަރަތާބެހޭ ގޮތުން ދިވެހިންގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އޮތް ހަމައެކަނި ޓީވީ ސިލްސިލާ އިލްމީ ޕްރޮގްރާމެވެ.
ޝަހީމް މިއަދު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމަކީ ވަރަށް ބުރަ މަސައްކަތަކާއި އިލްމީ އެތައް ދިރާސާއެއްގެ މައްޗަށް ތައްޔާރު ކުރި ޕްރޮގްރާމެކެވެ. އަދި އެއީ އޭނާ ހިލޭ ރިކޯޑްކޮށްފައިވާ ޕްރޮގްރާމެއްކަން ވެސް ފާހަގަކުރެއްވި އެވެ.
ދެހާސް ސަތާރަވަނަ އަހަރު އެންމެ ފުރަތަމަ ޕީއެސްއެމްއިން ގެނެސްދިން އެ ޕްރޮގްރާމް މި އަހަރު ޕީއެސްއެމް ގެނެސް ނުދިނުމަށް ނިންމީ އޭނާ ސިޔާސީ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައު ހުންނެވުމުން ކަމަށް ވެދާނެ ކަމަށާއި އެ އުޒުރަށް އިހްތިރާމް ކުރައްވާ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.
"އެކަމަކު އަޅުގަނޑު ކުރިން ހީކުރީ އެމީހެއްގެ ސިޔާސީ ފިކުރަށް ނުބަލާ އިލްމީ މަސައްކަތް މި ސަރުކާރުން ވެސް ބަލައިގަންނާނެ ކަމަށް، އަދި އަޅުގަނޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ކަނޑައެޅިގެން ދެކޮޅުވެރިކަން އިއުލާންކޮށްފައިވާ މީހެއް ވެސް ނޫން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމް ޕީއެސްއެމް ގެނެސް ނުދިން ނަމަވެސް ދީނީ ޕްރޮގްރާމެއް މި އަހަރުގެ ރޯދަ މަހު ވެސް ގެނެސް ދެއްވާނެ ކަމަށެވެ. ޕްރޮގްރާމް ގެންނާނީ އަމިއްލަ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ. ވަގުތު ވީ ވަރަކުން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޝަހީމް މިހާރު ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގަ އެވެ. އެ މަގާމު އަދާ ކުރައްވަނީ ސައުދީއަރަބިއްޔާގެ ޖިއްދާގައި ހުންނަވައިގެނެވެ.