ހަބަރު

ޕީޕީއެމްގެ ނައިބުން: ޣައްސާން، މުއިއްޒު، ޝިޔާމް

Apr 20, 2019
10

ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އައްޔަން ކޮށްފި އެވެ.

އެކަން ހާމަ ކުރެއްވީ ކުރިން ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ހުންނެވި އަދި ރައީސް އަބްދުﷲ ޔާމީންގެ އެދި ވަޑައިގަތުމަށް ޕީއެންސީ އުފައްދައި އެ ޕާޓީގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓަކުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމްގައި ކުރިން ތިއްބެވީ އަބްދުއްރަހީމާއި ރަައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ނަމަވެސް އަބްދުއްރަހީމާއި ސައީދަކީ މިހާރު ޕީއެންސީގެ މެންބަރުންނެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިރޭ "އަވަސް" އަށް ވިދާޅުވީ މިހާރު ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމްގައި ހަތަރު ބޭފުޅަކު ތިއްބަވާނެ ކަމަށާއި އެއީ މުއިއްޒާއި، ޣައްސާނާއި ޝިޔާމްގެ އިތުރުން އާޒިމާ ކަމަށެވެ. ޒަމީރަކީ މިހާރު ނައިބު ރައީސެއް ނޫން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމްއަށް މި ބަދަލު ގެނައި އިރު ދާދި ފަހުން ވަނީ އެ ޕާޓީގެ ލީޑާޝިޕްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުނެ އެ ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއް ހާމަވެފަ އެވެ. އަދި އެ ޕާޓީގެ ކުރީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ މަގާމް އިން އިސްތިއުފާ ދެއްވާ އާ ލީޑާޝިޕްއެއް އައްޔަން ކުރަން ޖެހޭ ކަމަށް ވިދާާޅުވެފަ އެވެ. އަދި ޣައްސާންއަކީ ލީޑާޝިޕްއަށް ރަނގަޅު ބޭފުޅެއް ނޫން ކަމަށް ވެސް ނިހާން ވަނީ އޭރު ވިދާޅުވި އެވެ،

ލީޑާޝިޕްއަށް ބަދަލުތަކެއް އައިއިރު ޕީޕީއެމްގެ ކުރީގެ އިސް މެންބަރުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ޕާޓީއާ އަލުން ގުޅެން ބޭނުންފުޅުވާވާތީ އެކަން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ. ނަމަވެސް އެކަން އޮތީ ކިހާ ހިސާބެއްގައި ކަމެއް އޭގެ ފަހުން ސާފުވެފައެއް ނުވެއެވެ.

ޕީޕީއެމްއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ އަޑު ވަނީ ވަރަށް މަޑުވެފަ އެވެ. އަދި އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީއެންސީ ވެސް އޮތީ ވަރަށް ހިމޭން ކޮށެވެ.