ދިވެހި ސިނަމާ

ވެބް ސީރީޒް "އެހެނަސް"ގެ ޓްރެއިލާ ދައްކާލައިފި

ވެބް ސީރީޒް "އެހެނަސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ. ޓްރެއިލާ ނެރެން ރޭ ބައިސްކޯފްގައި ބޭއްވި ހާއްސަ ހަފްލާގައި މި ވެބްސީރީޒް ޑައިރެކްޓު ކުރާ ރަވީ ފާރޫގު ބުނީ މިއީ ކުޑަ ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެއް ކަމަށެވެ.

އަދި، އެ ކުއްޖާގެ ދިރިއުޅުމާއި ގުޅުވައިގެން މުޖުތަމައުގައި ހިނގާ އެތައް އިޖުތިމާއީ މައްސަލަތަކެއް މި ސީރީޒްގައި ދައްކުވައިދޭނެ ކަމަށް ރަވީ ބުންޏެވެ.

ފިލްމީ ދާއިރާއަށް އާ މޫނުތަކާއެކު އުފައްދާ މި ވެބްސީރީޒްގެ މުޅި ކާސްޓް ވަނީ ރޭގެ ރަސްމިއްޔާތުގައި ދައްކާލާފަ އެވެ. ޒުވާން ކާސްޓެއް ތައާރަފު ކުރި އިރު މި ކާސްޓުގައި ހިމެނޭ ގިނަ ކުދިންނަކީ ޓިކްޓޮކް އިން މަގުބޫލުކަން ހޯދި ކުދިންނެވެ.

ވެބްސީރީޒްގައި ލީޑުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި މުހިއްމު ރޯލުތަކުން، މަޝްހޫރު ބަތަލާ ޝީލާ ނަޖީބާއި މުހައްމަދު މަނިކު ފާހަގަ ކޮށްލެވެ އެވެ.

ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައި މިހާރު ވަނީ ޝޫޓުކޮށް ނިންމައިފަ އެވެ. ބައިސްކޯފުން މި ސީރީޒް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރޭގެ ހަފްލާގައި ވަނީ ބުނެފަ އެވެ.