ސްރީލަންކާގެ ބޮމުގެ ހަމަލާ

ލަންކާގެ ބޮމުގެ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

Apr 21, 2019
2

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުރި ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން ތިން ހޮޓަލަކަށް މިއަދު ހެނދުނު ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި އެ ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބޮން ގޮއްވާލާފައި ވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗުގެ އިތުރުން ސެއިންޓް ސެބެސްޓިއަން ޗާޗުގަ އެވެ.

ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ހޮޓަލަކަށް ވެސް ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 80 މީހުން ޒަހަމް ވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ގެންދާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ ޓޫރިސްޓުން ހިމެނޭކަމަށްވެސް ވެ އެވެ.

އޭގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ފަސް ތަރީގެ ތިން ހޮޓަލެއް ކަމަށްވާ ޝަންގްރިލާ، ސިނަމަން ގްރޭންޑްގެ އިތުރުން ކިންގްސްބަރީއަށް ވެސް ހަމަލާދީފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ، ކޮލޮމްބޯއަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ސާފުވާ ގޮތެއްނުވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ މައުލޫމާތުތައް ބަލަމުންދާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތުތައް މިހާރު ހޯދަމުންދާ ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.