ހަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިން ބިރުވެރިކަމުގެ ތެރޭގައި

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ދެ ފައްޅިއަކަށާއި، ހޮޓަލަކަށް ދިން ހަމަލާތަކާއެކު އެގައުމުގައި އުޅޭ ހުރިހާ ދިވެހިން ގެތަކަށް ވަދެއްޖެ އެވެ.

ލަންކާގައިގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ދިވެހިން އުޅޭއިރު، މިއަދަކީ ލަންކާ ސަރުކާރު ބަންދު ދުވަހަކަށްވުމުން، މިއަދަކީ ގިނަ ދިވެހިން ބާޒާރު މައްޗަށް ނުކުންނަ ދުވަހެކެވެ.

ލަންކާގައި ތުއްތު ތިން ކުދިން ގޮވައިގެން ދިރިއުޅޭ ދިވެހި އަންހެނެއް ބުނި ގޮތުގައި، ހަމަލާތަކުގެ މައުލޫމާތު ލިބުނީ އޭނާ ވެސް ބޭރުގައި އުޅެނިކޮށް ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު މިހާރު އަނބުރާ ގެއަށްދިޔަ ކަމަށެވެ.

ނަމަވެސް، އެ ހަމަލާތަކުގެ މާބޮޑު މައުލޫމާތެއް ލިބިފައިނުވާއިރު، އޭނާ ވެސް ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

"ބައިވަރު އެކި މައުލޫމާތުތައް އެބަ ލިބޭ. ދެންމެ އިވުނު އިތުރު ބޮންތަކެއް ލިބިގެން އުޅޭ ވާހަކަ ވެސް. ދެން ނޭނގެ ގެއަށް ކާ އެއްޗެހި ގަންނަން ނުކުންނަންވީތޯ ނޫނީ ގޭގަ މަޑުކުރަންވީތޯ. އެކަމަކު މިކަމަށް ކިހާ ދުވަހެއް ވާނެކަމެއް ނޭނގޭތީ ކާ އެއްޗެހި ވެސް ގެއަށް ހޯދަންް އެބަޖެހޭ،" މިހާރު ލަންކާގައި އޮތް ބިރުވެރި ހާލަތު ސިފަކޮށްދެމުން އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބޮން ގޮއްވާލާފައި ވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗުގެ އިތުރުން ސެއިންޓް ސެބެސްޓިއަން ޗާޗުގަ އެވެ.

ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ހޮޓަލަކަށް ވެސް ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 280 މީހުން ޒަހަމް ވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ގެންދާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ ޓޫރިސްޓުން ހިމެނޭކަމަށްވެސް ވެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ، ކޮލޮމްބޯއަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ސާފުވާ ގޮތެއްނުވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ މައުލޫމާތުތައް ބަލަމުންދާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތުތައް މިހާރު ހޯދަމުންދާ ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ފަސް ތަރީގެ ތިން ހޮޓަލެއް ކަމަށްވާ ޝަންގްރިލާ، ސިނަމަން ގްރޭންޑްގެ އިތުރުން ކިންގްސްބަރީއަށް ވެސް ހަމަލާދީފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެ ތިން ހޮޓަލަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ހޮޓާތަކެއް ނަމަވެސް، އެ ހޮޓާތަކުގައި މިވަގުތު ދިވެހިން ތިބި ކަމެއް އަދި ސާފުނުވާކަމަށް ދިވެހި އެމްބަސީގެ އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެ ހޮޓާތައް ހުރި ސަރަހައްދަން ދާން. އެ ހޮޓާތަކުން އެއްވެސް މައުލޫމާތެއް އަދި ލިބޭ ގޮތެއް ނުވޭ،" އެމްބަސީގެ އޮފިޝަލު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.