މާޒިޔާ

އާ ސީޒަނަށް އެންމެ ފުރަތަމަ ޓްރެއިނިން ފެށީ މާޒިޔާ!

ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ޕްރެކްޓިސް ފަށައިފި އެވެ. މާޒިޔާއަކީ އާ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމެވެ.

މާޒިޔާގެ ކޯޗް ކަމަށް، އަލުން މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސީ އިއްޔަ ހަމަޖެއްސުމަށް ފަހު އޭނާގެ ބެލުމުގެ ދަށުން މާޒިޔާއިން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރި ކުލަބަކަށް ފެނުނީ މާޒިޔާ އެވެ. އެ ޓީމުން ވަނީ ގައުމީ ޓީމުގެ ނަގާ ކިޔާ ކުޅުންތެރިންގެ ތެރެއިން، ހަމްޒާ މުހައްމަދު 'ހަމްޕް' އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އަދި ހުސައިން ނިހާން 'ނިހާޓް' އެ ޓީމަށް ގެނެސްފަ އެވެ. އަދި މީގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފުވެސް މާޒިޔާއިން ވަނީ ގެނެސްފަ އެވެ.

މާޒިޔާއަށް 2017 ވަނަ އަހަރުވެސް ކޯޗު ކޮށްދިން ސެކްލޮވްސްކީ އަލުން އިއްޔަ މާޒިޔާގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު އޭނާ ބުނީ، މާޒިޔާގެ ޓެގެޓް އޭނާއަށް އެނގޭ ކަމަށެވެ.

"އަހަންނަށް އަބަދުވެސް އެނގޭ މާޒިޔާގެ ޓާގެޓަކީ ކޮބައިކަން، މާޒިޔާގެ ޓަގެޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި އޮތުން،" ސެކްލޮވްސްކީ ބުންޏެވެ. "މާޒިޔާގައި މިތިބީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން އެ ކުޅުންތެރިންނާ މެދު އަހަންނަށް އިތުބާރު އެބައޮތް، އަހަރެންގެ އަމިއްލަ ނަފުސާމެދު އިތުބާރު އޮވޭ، އެކުގައި އާއިލާއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އަހަރެމެންނަށް ކާމިޔާބު ހޯދޭނެ، އަހަރެމެން މިތީބީ ސީޒަންގެ އަންނަ އޮތް ޗެލެންޖާ ކުރިމަތިލާން."

ގްރީން ސްޓްރީޓްގެ ޕްރެކްޓިސްވެސް މިއަދު ހަވީރު ފެށުމަށް އެ ކުލަބުން ވަނީ ތާވަލު ކޮށްފަ އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބު 17 އަހަރުން ދަށުގެ ޓީމެއް އެކުލަވާލައި ޕްރެކްޓިސް ފެށި ނަމަވެސް އެ ޓީމުގެ ސީނިއާ ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން އަދި މައުލޫމާތެއް ނެތެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖޫންގައި ފަށާނެ ކަމަށް އެފްއޭއެމުން ވަނީ ބައެއް މީޑިއާތަކަށް ހާމަ ކޮށްފަ އެވެ. ކަލަންޑަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.