އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގެ އަގަންގް އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވައިފި އެވެ. އަބަދުވެސް ގޮވާ އަލިފާން ފަރުބަދައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މައުންޓް އަގަންގް ގޮވާފައިވަނީ އެ ގައުމުގެ ގަޑިން ރޭ މެންދަމު 3:21 ގައެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިސާސްޓާ މިޓިގޭޝަން އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ އެ ފަރުބަދަ ގޮވުމުގެ ސަބަބުން ދެ ކިލޯމީޓަރުގެ ސަރަަހައްދަކަށް އަޅިއާއި ދުން ބުރަމުން ދިޔަނަމަވެސް ސަލާމަތީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައި ތިބޭ ނަމަ ބިރެއް ނެތް ކަމަށެވެ.
ބާލީގެ އެއާޕޯޓުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފަރުބަދަ ގޮވި ނަމަވެސް އެއާޕޯޓަށް އެއްވެސް ބިރެއް އޮތްކަމަށް ނުބެލެވޭތީ ފްލައިޓުތަކުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް އަދި ގެނެސްފައި ނުވާ ކަމަށެވެ.
މި ފަރުބަދައިގެ އިތުރުން އިރުމަތީ ޖާވާގެ މަައުންޓް ބްރޮމޯ އަދި ޔޮގިޔަކަރްތާގެ މައުންޓް މެރާޕީ ފަރުބަދަަ ގޮވަން ކައިރިވެފައި ވުމުގެ ސަަބަބުން އެ ސަރަހައްދުތަކުގައި ވެސް ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަ ކޮށްފަ އެވެ.
ފަރުބަދައާއި ކައިރި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިބިކަމަށް އޮފިޝަލުން މައުލޫމާތު ދެމުންދާއިރު އެފަރާތުން ފަތުރުވެރިންނަށް އިރުޝާދު ދެއްވަނީ މަނާ ކޮށްފައިވާ ސަރަހައްދުން ބޭރުގައި ތިބުމަށެވެ.
ބައެއް ފަތުރުވެރިން އިންޒާރު އަޑުއެހުމެއް ނެތި އަގަންގު ފަރުބަދައަށް އަރާ ފަރުބަދަ ގޮވާތަން ވީޑިއޯ ކުރަން މަސައްކަތް ކުރަމުން ދާތީ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އެ ސަރަހައްދު ހުސްކުރުމަށް މަސައްކަތް ކުރަމުން ނެވެ.