ދުނިޔެ

ލަންކާގައި އިތުރު ހަމަލާތައް ދީފާނެކަމުގެ އިންޒާރު

Apr 22, 2019

ފުލުފުލުގައި އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު، އިތުރު ހަމަލާތަކެއް ދީފާނެކަމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ލަންކާއަށް ދިން ހަމަލާތަކަށްފަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، އިތުރު ހަމަލާތަކެއް ދޭން ރާވަމުންދާކަމުގެ ފުރުސަތު ބޮޑު ކަމަށާއި، ލަންކާގައި އުޅޭ އެމެރިކާ ރައްޔިތުން އެކަމަށް ސަމާލުވާންޖެހޭ ކަމަށެވެ.

އަދި މީހުން ގިނަ ސަރަހައްދުތަކަށް އަމާޒުކޮށް އިތުރު ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެމެރިކާ އިން އިތުރަށް ބުނެފައިވެ އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ ފަދަ ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ކުރިން ލިބިފައިވާކަމަށް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އެ ހަމަލާތަކާއި ގުޅިގެން، މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުން ދަތުރުކުރަން ބޭނުންކުރި ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ހަމަލާތަކުގެ ފަހަތުގައި އޮތީ، އެންމެ ގްރޫޕެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، އެ ގުރޫޕާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް، ފުލުހުންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ތުހުމަތުގެ އިނގިލި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް އަމާޒުކޮށްފަ އެވެ.

މިފަދަ ހަމަލާއެއް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ކުރިން ލިބިފައިވާކަން ހާމަވުމުން، ސަލާމަތީ ބާރުތަކަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން ރަނިލް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން، އެކަން ބެލިފައިނެތް މައްސަލަ ތަހުގީގު ކުރައްވާނެކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށެވެ.

އެ ތަހުގީގުތައް ކުރެވެމުންދާއިރު، ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް، ސޯޝަލް މީޑިއާ ވެސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އިއްޔެގެ ހަމަލާތަކާއި ގުޅިގެން ހިންގި ކާފިއު މިއަދު ހެނދުނު ވަނީ ނަގައިފަ އެވެ.