ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަސްވެރިކަމާބެހޭ ބިލް އަނބުރާ ގެންގޮސްފި އެވެ. ބިލް އަނބުރާ ގެންގޮސްފައިވަނީ މަސްވެރިކަމުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ހަނިވާ ގޮތަށް ބިލްގައި އޮތުމުން އެކަންކަން އިސްލާހު ކުރާށެވެ.
މަސްވެރިކަމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ގާސިމް އިބްރާހީމް ވަނީ މަސްވެރިކަމުގެ ބިލް އަނބުރާ ގެންގޮސްފައިވާކަން މަޖިލީހަށް އިއުލާންކޮށްފަ އެވެ. އަދި އެ ބިލް ދޫކޮށްލެއްވީ ބިލް ހުށަހެޅުއްވި މެމްބަރު އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ވެސް ރިޔާސަތުން ގާސިމް ވިދާޅު އެވެ.
މެމްބަރު މުހައްމަދު ރަޝީދު ވިދާޅުބީ ބިލް ނެގުމަށްފަހު ރައްޔިތުން ބޭނުންވާ އިސްލާހުތަކާއެކު އަލުން ހުށަހަޅުއްވާނެ ކަމަށެވެ.
އެ ބިލުގައިވާގޮތުން މަސްވެރިކަން ކުރަން ދިވެހިންނަށާއި ބޭރުގެ ފަރާތްތަކަށް ހުއްދަ ދެވޭނީ ފީއެއް ދައްކައިގެންނެވެ. ފީ ކަނޑައަޅާނީ ފިޝަރީސް މިނިސްޓިރީން ހަދާ ގަވައިދަކުންނެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްރޭސް ބާއްވާ ނަމަވެސް ކުރިއާލައި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުހޯދައި މަސްރޭސް ވެސް ނުބޭއްވޭނެ އެވެ. އެ ބިލާއިމެދު މަސްވެރިންނާއި އާއްމުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފައުޅު ކޮށްފަ އެވެ.