ހަބަރު

ދައުލަތަށް ލިބޭ އާމްދަނީއާ ގުޅޭގޮތުން އަމަލުކުރާނެ އާ އުސޫލެއް

Apr 22, 2019
5

ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރު ކޮށްފާނެ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލު ކުރަންޖެހޭ އާ އުސޫލެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ދައުލަތަށް ފައިސާ ދައްކާ ގޮތަށް އެއްވެސް ފަރާތަކާއެކު ހަދާފައިވާ އެގްރީމަންޓަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، އެގްރީމެންޓުގެ ބައިވެރިން އެއްބަސްވާ ގޮތެއްގެ މަތިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކާ ގޮތަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެންގުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ އޮފީހަކުން އެއްވެސް ވިޔަފާރިއަކަށް ލައިސެންސެއް ނުވަތަ ހުއްދައެއް ދިނުމުގެ ކުރިން، އެ ފަރާތުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހިފައި ވޭތޯ މީރާއިން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

"އަދި މިގޮތުގެ މަތިން ހުއްދައެއް ނުވަތަ ލައިސެންސެއް ދޫކޮށްފިނަމަ ނުވަތަ އާކޮށްފިނަމަ، ނުވަތަ ބަދަލުގެނެސްފިނަމަ އެކަން އެ އޮފީހަކުން މީރާއަށް ލިޔުމަކުން އަންގަންވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ އާ އުސޫލުގައި އިތުރަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުގެ އޮފީހަކުން ހަދާފައިވާ ގަވައިދެއްގެ ދަށުން ދައްކަންޖެހޭ ފައިސާއަކާއި ގުޅޭގޮތުން އެއްވެސް ގަވައިދަކަށް ބަދަލެއް ގެންނަންވާނީ، ދައުލަތުގެ އާމްދަނީއަށް ކޮށްފާނެ އަސަރަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއަށް ލިޔުމަކުން އެކަން އަންގައި ހުއްދަ ހޯދުމަށްފަހު އެވެ.