ދައުލަތުގެ އާމްދަނީ

ދައުލަތުގެ ފައިސާ އޮންލައިންކޮށް ބަލައިގަންނަން ނިންމައިފި

Feb 14, 2021
1

އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހުރިހާ އޮފީސްތަކުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ނިންމައި، އެކަން އަންގައިފި އެވެ.

އެ މިނިސްޓްރީން މާލިއްޔަތާބެހޭ ގޮތުން އާންމުކުރި ސާކިއުލާއެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ ހިދުމަތްތައް ދިނުން ކުރިއަރުވައި އިގުތިސޯދުގައި ނަގުދު ފައިސާ އާއި ޗެކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ބަލައިގަންނަ ފައިސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް ޕްއިންޓް އޮފް ސޭލް (ޕީއޯއެސް) މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމް ތައާރަފު ކޮށްފައިވާ ކަމަށެވެ.

އެއާއެކު، އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް އޮފީސްތަކުގައި އެ ސާކިއުލާގައި ވަނީ އެދިފަ އެވެ.

އަދި އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހުރިހާ އޮފީސްތަކުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވާއިރު ތިން އޮފީހެއް އިސްތިސްނާ ކޮށްފައި ވެއެވެ.

އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި، ރާއްޖެއިން ބޭރުގައި ގައިމުވެފައިވާ ދައުލަތުގެ އޮފީސްތަކާއި، ލޯކަލް ކައުންސިލްތަކުގެ އިދާރާތަކެވެ.