ހަބަރު

ހަލީލް ލަންކާގެ ބޮޑު ވަޒީރާއި ކުރީގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތު ސްރީލަންކާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަދި އެ ގައުމުގެ ފޮރިން ސެކްރެޓަރީއާ މިއަދު ކޮޅުނބުގައި ބައްދަލު ކުރައްވައިފި އެވެ.

ސްޓޭޓް މިނިސްޓަރ ހަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެ، އިއްޔެގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދިވެހިރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއިއެކު ކަން ހާމަކުރައްވާފަ އެވެ.

ސްރީލަންކާގައި ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.