ރިޕޯޓް

ބޯހިޔާވަހިކަން: ވަށައި ނުޖެހޭ ވާހަކައެއް!

ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެކަމަށް ހައްލެއް ނުލިބި ގިނަ ދުވަސްވާ ވަރަކަށް ބޯހިޔާވަހިކަމަށްޖެހޭ މީހުންގެ އަދަދު ވެސް ދުވަހެއް ވިއްޔާ ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް، މާލޭ ސަރަހައްދުގައި މިކަންވެފައި މިވަނީ އާންމު އިންސާނީ މުސީބާތަކަށެވެ. މިއިން ސަލާމަތްވެވޭނެ ގޮތެއް ވެސް ސަރުކާރުތަކަށް ހޯދައެއް ނުދެވުނެވެ. ކޮންމެ ސަރުކާރަކަށް ވެސް ދެވެނީ އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީން ވައުދެކެވެ.

"މިވީހާތަނަށް ވެސް ހައުސިންގެ މައްސަލަ ވެފައި މިއޮތީ އިންތިހާބުތަކަށް ދައްކާ ދަޅައަކަށް... އެއީ ރައްޔިތުންނަށް އަދާކޮށްދޭ އަގަކަށެއް ނުވޭ،" އާންމު މީހަކު ބުންޏެވެ.

ކޮންމެ ސިޔާސީ ލީޑަރަކަށް ވެސް އެއް ކަމެއް ޔަގީންވާނެ އެވެ. އެއީ އެ ލީޑަރުގެ ރައްޔިތުން އެންމެ ބޮޑު ތަކުލީފެއް އުފުލަނީ ބޯހިޔާވަހިކަމުގެ މައްސަލައިގައި ކަމެވެ. އެހެން ކަމުން އެންމެ ފަސޭހައިން ލީޑަރަށް ރައްޔިތުމީހާގެ މޫނު އަނބުރާލެވޭނެ ވާހަކައަކީ ބޯހިޔާވެއްސެއްގެ ވާހަކައިން ހަބަރު ދިނުމެވެ.

"ބޯހިޔާވަހިކަމަކީ އެންމެންގެ ތަކުލީފެއް. އެކަން ވާނެ ގޮތަށް އެ ވާހަކަ ދައްކަންޏާ އަޑު އަހަން އެނެމްނަށް ވެސް ވަރަށް ފަސޭހަވޭ،" އެ މީހާ ބުންޏެވެ.

މާލޭގެ މަސްވެރިންގެ ޕާކުގެ ޖޯއްޔެއްގައި އިށީނދެލައި އެ ސަރަހައްދުގައި ބަހައްޓާފައި ހުރި އަޑުގަދަ ކުރާއިން ރޭޑިއޯ ހަބަރު އަޑު އަހާއިން އިން އަބްދުއްރަހީމް 64، އޭނާގެ އެހެން ރަހުމަތްތެރިއެއް ނޫނީ އެއް ޖޯލިފަތީން ބައްދަލުވި މީހަކާ ވާހަކަ ދައްކަން ފެށި އެވެ.

ރޭޑިއޯއިން އައި ހައުސިން ޔުނިޓްތަކެއްގެ އެއްބަސްވުމުގައި ސޮއި ކުރި ހަބަރު އަޑު އަހާ އިނދެފައި އަޑުއަބްދުއް ރަހީމް ވާހަކަ ފެށި އެވެ. އޭނާ ބުނި ގޮތުގައި ދިވެހިންގެ މިހާރު ގަބޫލު ކުރާ ގޮތުގައި ބޯހިޔާވަހި ކަމުގެ ވައުދަކީ ވާހަކައެކެވެ. އަދި އެއީ ސިޔާސީ ލީޑަރުން ފައިދާ ނަގަމުން ގެންދާ ހަގީގަތަކަށް ނުވާ ވާހަކައެކެވެ. އަބްދުއް ރަހީމް ނޫނަސް އާންމުކޮށް ދިވެހި ހުރިހާ ރައްޔިތުން ވެސް ދެކެނީ އެހެނެވެ.

"ކޮންމެ އިންތިހާބަކާއި ދިމާކޮށް، ބޯހިޔާވަހިކަމުގެ ދަޅަ ރައްޔިތުންނަށް ދައްކަނީ އެހެން ވެގެން،" ދެން އިން މީހާ އަބްދުއް ރަހީމާ ބައިވެރިވި އެވެ.

ބޯހިޔާވަހި ކަމުގެ ވައުދު ވެފައި ނުފުއްދި ސަރުކާރުތައް ބަދަލުވަމުން މިހާތަނަށް އައިއިރު އެނގޭން އޮތް ހަގީގަތަކީ ބޯހިޔާވަހި ކަމަކީ ޒަރޫރީ ބޭނުމެއް ކަން ދަނެގެން އެކަން ފަހިކޮށްދޭން މަސައްކަތް ކުރި ސަރުކާރެއް ނާންނަ ކަމެވެ. އެ ހިދުމަތް ދޭންޖެހޭކަން ގާނޫނުއަސާސީގައި ލިޔެފައި އޮތް ކަން އެނގޭ ކަމަކަށް ނުހަދަ އެވެ.

އަބްދުއްރާހިމް ރަނގަޅު އެހެން ވާހަކައެއް ބުނެފައި ނައްޓާލީ އެވެ. ހިތްހަމަ ނުޖެހިގެން އޭނާ ބުނި ގޮތުގައި ކަމެއް ގޯސްވެއްޖިއްޔާ ގާނޫނުއަސާސީއާ ހިލާފުވެފައިވާކަަމަށް ބުނާން ސަރުކާރުތަކަށާއި ލީޑަރުންނަށް އެނގެ އެވެ. އެކަމަކު ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުން އެއީ ގާުނޫނުއަސާސީއާ ހިލާފުވުން ކަމަށް ބުނާކަށް ބޭނުމެއް ނުވެއެވެ.

"ކޮންމެ ސަރުކާރަކުންވެސް ބެލީ ބޯހިޔާވަހި ކަމަކީ ވާހަކަ ދެކެވޭ ވިޔަފާރިއަކަށް ހަދައިގެން. ސޯޝަލް ހައުސިންގެ ނަމުގައި މަހުކުއްޔަށް އާއިލާ އެންމެންގެ މަހު މުސާރަ ހޭދަވާ ވަރަށް ނަގަމުންދިޔުމާއި، ކޮންމެ މަހަކު ދައްކަންޖެހޭ ދަރަންޏެއް ބޮލު އެޅުވުމަށް، އެއަށްވުރެ ބޮޑު ދަރަންޏެއް ބޭންކުތައް މެދުވެރިކޮށް، ޑައުންޕޭމަންޓްގެ ގޮތުގައި ނެގުމަށް މަޖުބޫރު ކުރުވުން ފަދަ ކަންކަމަކީ އާދައިގެ ކަންކަން،" އެހެން މީހަކު ބުންޏެވެ.

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އަދި ކުރީ ސަރުކާރުތަކުގައި ވެސް، ބޯހިޔާވަހިކަމުގެ މައްސަލައިގައި އިހުލާސްތެރިކަމެއް ނެތެވެ. ޕާޓީތަކުގެ އެކްޓިވިސްޓުންނާއި، ގާތް މީހުންނަށް ހައުސިންގެ ބޮޑުބައި ދެއެވެ. ޝަރުތުހަމަވާ މީހުންނަށްވުރެ ބޮޑަށް ޕާޓީއަށް ނިސްބަތްވުމާއި، ސަރުކާރުގެ ނުފޫޒުގަދަ މީހުންނާއި އޮތް ގުޅުމަކީ މާ ބޮޑު ޝަރުތެކެވެ.

ބޯހިޔާވަހިކަމުގެ ހައްގުވެރިންނަށް އެތަންތަން ލިބުމުގެ ބަދަލުގައި ލިބެނީ ނުފޫޒު އޮތް މީހާއަށެވެ. މިއީ ހަގީގަތެކެވެ.

މިނިސްޓަރުގެ ލިސްޓަކާއި، މިނިސްޓަރުގެ އަނބިމީހާގެ ލިސްޓަކާއި، ރައީސްގެ ލިސްޓަކާއި، މިނޫންވެސް ލިސްޓްތަކަށް ބަހާ ނިމޭ އިރު، އާންމު މީހާއަކަށް ނުލިބި އެވެ. މިއީ އަދިވެސް ބަދަލެއް އަތުވެއްޖެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމެކެވެ.

މަހު ކުލީގެ އަޅަކަށް ނުވާ މީހަކު މާލޭ ސަރަހައްދުގައި ވަރަށް މަދެވެ. "ކުލި ބޮޑުވަނީއޭ، ބޮޑުވެއްޖެ އޭ" ކިޔަ ކިޔާ ތިބުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. އެވާހަކަ ސަރުކާރަށް އަޑު އިވުނަސް އެ ސަރުކާރުގެ ވެސް އިހުތިސޯސް ހިނގާ ވަރަށްވުރެ މާ ބާރުގަދަ އަދި ސަރުކާރު ވެސް ބިރުގަންނަ ބަޔަކު އެކަމާއި ދެކޮޅު ހަދާތީ ސަރުކާރު ވެސް މިއޮންނަނީ އެބައެއްގެ ދަށުވެ ތާށިވެފަ އެވެ. ކުލި ކޮންޓްރޯލް ކޮށްފިއްޔާ ސަރުކާރުދެކެ އެބަޔަކު ރުޅި އައިސްދާނެ ކަމުގެ ބިރެވެ. ރައްޔިތުން ގަނަ ތެޅިތެޅި ތިބޭތީ އަދިވެސް ތިބެދާނެ ކަން އިނގޭތީ އެހާބޮޑު ސަމާލުކަމެއް އެކަމަށް ދޭކަށް ބޭނުމެއްނުވެ އެވެ.

ހަފޫ ފޫޓް ހަ ފޫޓް ގޮޅިއަކަށް މަހަކު 10000 ރުފިޔާ ދައްކަން ޖެހުމަކީ ކިހާބޮޑު ތަކުލީފެއްކަން ކޮންމެ ސަރުކާރަކަށް ވެސް ވެރިއަކަށް ވެސް އެނގޭނެ އެވެ. ކުލި ކޮންޓްރޯލް ނުކުރަނީ ބަޔަކުދެކެ ބިރުން ކަމުގައި ނުވާނަމަ، އެކަމުގެ "ޖަސްޓިފިކޭޝަނެއް" ސަރުކާރުން ރައްޔިތުންނަށް ދޭން އެބަޖެހެ އެވެ. މަޖިލީހަށް ހޮވާ މީހަކުވެސް އެކަމާއި ދެކޮޅު ހަދާނަމަ އެހަދަނީ ސީދާ ރައްޔިތުންނާއި ދެކޮޅެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައެއް ނުވެ އެވެ. ސަރުކާރު އޮތީވެސް ޅަފަތުގަ އެވެ. ރައީސް ސޯލިހަކީ މިހާތަނަށް ތަފާތު ދައްކަވާފައިވާ ބޭފުޅެކެވެ. މިކަމުގައިވެސް އެމަނިކުފާނު ތަފާތެއް ދައްކަވާނެ ކަމުގެ އުމްމީދު ބޯހިޔާވަހިކަމަށް ބޭނުންވެ އެވެ.