ރިޕޯޓް

ދީބާޖާ މައްސަލަ: ބޮޑު އަރާރުންގަނޑަކަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ބޮޑު އަރާރުންވުންތަކެއް ފެށިއްޖެ އެވެ.

އެ ހުކުމާމެދު ގާނޫނީ ގިނަ ބޭފުޅުންތަކެއް ސުވާލު އުފައްދަވާފައިވަނިކޮށް އެ މައްސަލަ ބަންޑާރަ ނައިބު އޮފީހުގައި އޮތްއިރު އެތަނުގެ ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހުމަދު އުޝާމް ހާމަ ކުރެއްވި ވާހަކަތަކުން މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ.

އުޝާމް ވަނީ އެއީ ނުފޫޒުތަކެއް ނޫނީ ޑީލްތަކެއްގެ ތެރެއިން އައިސްފައިވާ ހުކުމެއް ކަމަށް ސިފަ ކުރައްވާފަ އެވެ.

އުޝާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ސިވިލް ކޯޓުގެ ގާޒީއަކު އޭނާއަށް ގުޅުއްވުމަށްފަހު އެ މައްސަލާގެ މައުލޫމާތު ހޯއްދެވި އެވެ. އެހެންވެ އެކަމުގައި ނުރަނގަޅު ކަންތައްތަކެއް އުޅޭ ކަމަށް ބެލެވޭތީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް އެވާހަކަ ދެންނެވި ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގާޒީއެއް ކަމެއް އުޝާމު ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް ޓްވިޓާގައި ސިވިލް ކޯޓުގެ ކުރީގެ ގާޒީއަކު އެ މައްސަލައަށް ރިއެކްޓް ކުރެއްވި އެވެ. އެހެންވެ އުޝާމް އިޝާރަތް ކުރެއްވި ގާޒީ ވަނީ ސާފުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާޒީ ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ހަލީމެވެ. އެ މައްސަލާގައި ހަލީމް ވަނީ ގިނަ ޓްވީޓްތަކެއް ކުރައްވައި އުޝާމް އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އޭނާގެ ފާޑުކިޔުންތައް އަމާޒު ކުރެއްވީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީއަކާ ހަވާލާ ދެމުންނެވެ. އެ ސިޓީއަކީ ބަންޑާރަ ނައިބު ރިފްއަތު، ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި އެދިފައިވަނީ ދީބާޖާއާއެކު ކޯޓުން ބޭރުން އެ މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުން އެ ފުރުސަތު ދެއްވުމަށެވެ.

އެ ސިޓީގެ ސަބަބުން ބަންޑާރަ ނައިބު ރިފްއަތުގެ ގާނޫނީ ޝަރުތު ހަމަވޭތޯ ސުވާލު އުފެދޭ ކަމަށް ހަލީމް ވިދާޅުވެފައިވެ އެވެ. އެ މައްސަލާގައި ސިއްރު ޑީލްތަކާއި ކޮރަޕްޝަން ހިނގާފައިވަނީ ބަންޑާރަ ނައިބު އޮފީހުގަ ކަމާއި އެކަމަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

އެ ސިޓީ ފޮނުވަން ޖެހުނީ ކީއްވެގެންތޯ ހަލީމް ވަނީ އުޝާމާ ވެސް ސުވާލު ކުރައްވާފަ އެވެ. ހިނގާފައިވާ ނުރަނގަޅު ކަންތައްތަކީ އެއީތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެ ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު އުޝާމް އަދި ހުންނެވީ ބަންޑާރަ ނައިބުގެ ޑެޕިއުޓީގެ މަގާމުގަ އެވެ. އިސްތިއުފާ ދެއްވީ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ވިލިމާލެ ގޮނޑި ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ހަލީމްގެ ސުވާލަށް އުޝާމް ވެސް ރައްދު ދެއްވި އެވެ. އުޝާމް ސުވާލު އުފެއްދެވީ ސުޕްރީމް ކޯޓަށް ފޮނުވި ރަސްމީ ސިޓީއެއް ހަލީމަށް ލިބުނު ގޮތާމެދު އެވެ. އެއީ ސުޕްރީމް ކޯޓުން ބަލަން ޖެހޭނެ ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވައި ހަލީމް ވިދާޅުވީ އެ ސިޓީއަކީ ދީބާޖާއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ރިފްއަތާއި އުޝާމް ފޮނުއްވި ސިޓީއެއް ކަމަށާއި ސިޓީގެ ކޮޕީ ދީބާޖާއާ ހަވާލުކުރީ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ހަލީމަކީ ދީބާޖާގެ ފަރާތުން އެ މައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅި އިރު އެ ކުންފުނީގެ ވަކީލެކެވެ.

ހަލީމް ވިދާޅުވީ އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު ވެސް މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަނޭޅި އޮތީ އުޝާމްގެ އިހުމާލުން ކަމަށެވެ. އެ މައްސަލަ ސުޕަވައިޒް ކުރައްވައި ބައެއް އަޑުއެހުންތަކަށް ވަކާލާތު ކުރައްވަން ވެސް ވަޑައިގެންނެވީ އުޝާމް ކަމަށް އޭނާ ވިދާޅުވެ އެވެ. މިއަދު އޭނާ އުޅުއްވަނީ އެކަންކަމުން ސަލާމަތްވާން ކަމަށެވެ. އޭގެ ފަހުން އުޝާމް އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މިހާރު ބަންޑާރަ ނައިބު ރިފްއަތު ވަނީ އެ މައްސަލަ އަލުން ރިވިއުކޮށް ދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަން ނިންމަވާފަ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ދައުލަތަށް އެ ބޮޑު ގެއްލުމުގެ ސަބަބަކީ ކުޑަ އިހުމާލެކެވެ. އޭރުގެ ބަންޑާރަ ނައިބަކީ މުހައްމަދު އަނިލެވެ.