އިންޖީނުލީ އުޅަނދުތައް ޕާކް ކުރަން ހާއްސަކޮށް ޒޯންތަކެއް ކަނޑައަޅައި އެ ސަރަހައްދުތަކުގައި ޕާކް ކުރަން ފީއެއް ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން މައްސަލަ ކަމަށާއި އެކަންކަން ހައްްލު ކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މާލޭގެ ހުސް ބިންތަކެއްގައި ޕާކިން ޒޯންތައް ހަދައި މަގުމަތީގައި މިހާރު ޕާކް ކުރާ ވެހިކަލްތައް މަދު ކުރުމަކީ އެއް އަމާޒު ކަމަށެވެ. އެގޮތުން ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ބޮޑެތި ޕާކިން ޒޯން ހަދާނެ ކަމަށެވެ. އަދި މާލޭގައި ޕާކިން ޒޯންތައް ހެދޭނެ ހުސް ބިންތައް ހޯދަމުންދާ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.
"ވިސްނުން ހުރީ މާލޭގައި ޕެއިޑް ޕާކިން ސަރަހައްދުތައް ހަދަން، މާލޭގެ ހުސް ތަންތަނުގައި ޕާކިން ޒޯންތައް ހެދުން، ހުޅުލެގައިވެސް މިހާރު އެހުންނަނީ ނޫންތޯ ޕެއިޑް ޕާކިން ޒޯނެއް، އެގޮތަށް ތައްޔާރު ކުރެވޭނީ،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެތަންތަން ހަދާނީ ސެކިއުރިޓީ ވަރުގަދަކޮށް ކަމަށާއި އެގޮތުން ވެހިކަލްގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެވޭނެ ކަމަށެވެ. އަދި އެތަންތަނުގައި ކެމެރާވެސް ހަރުކުރެވި، ރޭގަނޑުވެސް އެސަރަހައްދުތައް ދިއްލާފައި ބެހެއްޓިގެންދާނެ ކަމަށެވެ.
"ޕެއިޑް ޕާކިން ޒޯންތައް ހުރިހާ ދިމާލެއްގައި ނުހުންނާނެ، ބޭނުމަކީ މާލޭގެ މަގުތަކުގައި މިހާރު މީހުންނަށް ހިނގޭނެހެން މަގުތަކުން ވެހިކަލްތައް އެތެރެއަށް ވެއްދުން، މި މައްސަލަ މިވަގުތު މާލޭއަށް އެންމެ ބޮޑު މައްސަލައަށްވާތީވެ އެކަމަށް ހައްލު ތަކެއް ގެނައުމަށް ވިސްނުން ހުރީ،" ޝަމާއު ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ، ހިޔާލުތަކާއި ވިސްނުންތައް ސަރުކާރުގެ ކެބިނެޓަށް ހުށަހެޅިފައިވާނެ ކަމަށާއި އުންމީދަކީ ކެބިނެޓުން ރަނގަޅަށް ނިންމާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އޭރުގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކް ކުރާނެ ތަންތަން މާލޭގައި ހަދާނެ ކަމަށް ވައުދުވެފަ އެވެ. އަދި ޕާކް ކުރާނެ ތަންތަން ނުދައްކާ ޖޫރިމަނާ ކުރަން ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޓިކާ ޖެހުން ހުއްޓާލުމަށްފަހު މިހާރު ވަނީ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އަނެއްކާވެސް ސްޓިކާ ޖަހަން ފަށާފަ އެވެ.
ޕާކިން މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ވަނީ މެކޭނިކަލް ޕާކިން ސިސްޓަމްތައްވެސް ތައާރަފް ކޮށްފަ އެވެ. ނަމަވެސް އެކަމަށސް އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.