ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ކުޑަމަޑި ފެތުރި 13 އަތޮޅެއްގެ ރުއްތައް މަރުވަނީ

ރުކު މަޑީގެ އާއިލާގައި ހިމެނޭ "ކޮކްނަޓް ހިސްޕިޑް ބީޓަލް" ނުވަތަ "ކުޑަމަޑި" ރާއްޖޭގައި ފެތުރި ރަށްރަށުގައި ހުރި ރުށްތަކަށް ގެއްލުންދެމުންދާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އމިހާތަނަށް ކުޑަމަޑި ފެތުރެމުންދާކަމުގެ މައުލޫމާތު ރާއްޖޭގެ 13 އަތޮޅަކުން ލިބިފައިވާ ކަމަށާއި އެއީ އުތުރުގެ ހއ އާއި ހދ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅެވެ. ދެން ހިމެނެނީ ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަދި އަރިއަތޮޅުގެ ދެބުރި އާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅުގެ ރަށްރަށުންނެވެ.

އާންމު ގޮތެއްގައި ކުޑަމަޑި ގެއްލުންދެނީ ޅަރުކާއި ބޮޑެތި ރުށްތަކުގެ ނުފޮޅޭ ބޮންތިއަށެވެ. މިމަޑީގެ ކާނާއަކީ ރުކުގެ ބޮންތި ކަމަށްވާތީ، ރުކުގެ ޅަ ފަންވަތްތައް ކެއުމުގެ ސަބަބުން ރުކުގެ ބޮންތި ހިކި، ރުކުގެ ކުރިގަނޑުގެ މަލަމަތި މުށި ކުލައަށް ބަދަލުވެ ކުރިގަނޑު ވެސް ހިކިގެންދެ އެވެ. ރުކުގެ ކުރިގަނޑުގެ ފަންތައް ހިކިގެން ދިއުމުގެ ސަބަބުން ރުކުން ކުރުނބާ އާއި ކާށި ލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ދެއެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނީ، ރުކުގެ ބޮންތީގައި ކުދި މަޑި އާލާވުމުގެ ސަބަބުން ރުކުގެ ފަންތައް ފީވެ، ފީވެފައިވާ ބައިތަކުގައި ބެކްޓީރިއާ އާއި ފަންގަސް އަށަގަންނަނަ ކަމަށެވެ. އަދި ރުކުގެ ކުރިގަނޑު ފާވެ، ކުނިވުމާއެކު ރުއް މަރުވެ އެވެ.

ކުޑަމަޑިއަކީ އާންމު ރުކުމަޑި ފަދައިން ދުރަށް އުދުހެވޭ މަޑިއެއް ނޫނެވެ. ކުޑަމަޑި ފެތުރޭ މައިގަނޑު ގޮތަކީ މަޑި އުޅޭ ރުކާއި، ރުކުގެ ބައިތައް އެއް ރަށުން އަނެއް ރަށަށް ގެންދިއުމެވެ. އެހެންކަމުން ކުޑަމަޑި ރާޢްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަޑިއުޅޭ ރަށްރަށުން މަޑި ނޫޅޭ ސަރަހައްދުތަކަށް ރުކާއި، ރުކުގެ ބައިތައް ނުގެންދަން މިނިސްޓްރީން އެދެ އެވެ.

ކުޑަމަޑި އުޅޭ ރުކުގެ އެއްވެސް ބައެއް އެއްލައިލަން ޖެހިއްޖެ ހާލަތެއްގައި އެބައެއް އަންދާލައިގެން ނައްތާލަން މިނިސްޓްރީން އިލްތިމާސްކޮށްފައިވާއިރު ކުޑަމަޑި އުޅޭކަމުގެ އެއްވެސް އަލާމާތެއް ރުކަކުން ފެނިއްޖެނަމަ ނުވަތަ ޝައްކު ވެއްޖެނަމަ މިނިސްޓްރީގެ ސަމާލުކުމަށް ގެނެސްދަން ވެސް އެދިފައި ވެއެވެ.

ކުޑަމަޑި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1999 ވަނަ އަހަރު އެވެ.